ސްވިމިންގް ޕޫލް އެޅީ ކޮން ސަރުކާރަކުން ކަމާ މެދު އަރާރުން!

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް (ކ) އަދި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް (ވ)

ހުޅުމާލޭގެ މަލްޓި ޕާޕަސް ކުޅިވަރު އިމާރާތުގައި ގާއިމު ކޮށްފައިވާ ސްވިމިންގް ޕޫލް އެޅީ ކޮން ސަރުކާރަކުން ކަމާ މެދު އަރާރުންވާން ފަށައިފިއެވެ.

އެ މައްސަލައިގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ އެކަކު އަނެކަކަށް ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހަދަން ފެށި ސްވިމިންގް ޕޫލުގެ މި ސަރުކާރުން ނިންމައި، އާއްމުންނަށް އެތަން ބޭނުން ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ޕޫލް މުބާރާތްތަކަށާއި، އެހެނިހެން ބޭނުންތަކަށް ވެސް ބޭނުން ކުރުމަށް ރަޖިސްޓްރީ ކުރަން އިއްޔެ ސްވިމިންގް އެސޯސިއޭޝަނުން ފުރުސަތު ހުޅުވާލި އިރު، އެ ޕޫލަކީ ކޮން ސަރުކާރުން ގާއިމްކުރި ތަނެއްތޯ އަންނަނީ ސުވާލު އުފައްދަމުންނެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޕޫލް އެޅުމުގެ ޝަރަފް ދޭންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްތޯ ސުވާލު ކުރައްވާފައެވެ.

"މި ހުންނަނީ އަނދުން އެޅުވޭވަރަށްވުރެ ފާޅުކަން ބޮޑުކޮށް ރައީސް ޔާމީން ދިވެހި ރައްޔިތުންނަސް ހާއްސަކޮށް ޒުވާން ޖީލަށް ކޮށްދެއްވާފައި ހުރި ކަންކަން،" ޝިޔާމް ވިދާޅުވެފައިވެއެވެ.

ޝިޔާމުގެ ޓްވީޓަށް ރައްދު ދެއްވައި މިނިސްޓަރު މަހުލޫފް ވިދާޅުވީ އެ ޕޫލަކީ ރައީސް ޔާމީން އެޅުއްވި ޕޫލެއް ކަމަށެވެ. ނަމަވެސް އެ ޕޫލުގެ މަސައްކަތް ނިންމާލުމަށް، އެޗްޑީސީއަށް ދައްކަން ޖެހުނު 16 މިލިއަން ރުފިޔާ ދެއްކީ މިސަރުކާރުން ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަނީ އޮލިމްޕިކް ސްޓޭންޑާޑްގެ ސްވިމިންޕޫލެއް އެޅުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސްވިމިން ޓްރެކްގެ މަސައްކަތްވެސް ދަނީ ނިމެމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ގާއިމް ކުރެވިފައިވާ ސްޕޯޓް ކޮމްޕްލެކްސް ޔޫތް މިނިސްޓްރީއާއި ހަވާލުކުރިއިރު މި ކޮމްޕްލެކްސްގައި 25 މީޓަރުގެ ސްވިމިންގް ޓްރެކްއެއްގެ އިތުރުން ޖިމްއެއް ގާއިމް ކޮށްފައިވެ އެވެ. އަދި އެއަށް ފަހު ސްވިމިންގް ޕޫލް ބަލަހައްޓަން ސްވިމިންގް އެސޯސިއޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް