ސިންގަޕޫރު (ޑިސެމްބަރު 22): އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް-19 ވެކްސިން ލިބުނު އޭޝިއާގެ ފުރަތަމަ ގައުމަކަށް ސިންގަޕޫރު ވެއްޖެ އެވެ.
ސިންގަޕޫރަށް އިއްޔެ ފައިޒާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓު ގެންދިޔައީ ސިންގަޕޫރު އެއާލައިންސްގެ މަތިންދާބޯޓަކުންނެވެ. އަދި އެ ޝިޕްމެންޓާ ހަވާލުވެވަޑައިގަންނަވަމުން ސިންގަޕޫރުގެ ޓްރާންސްޕޯޓު މިނިސްޓަރު އޮންގް ޔޭ ކަންގް ވިދާޅުވި ގޮތުގައި އޭޝިއާ ސަރަހައްދަށް ވެކްސިން ފޯރުކޮށްދިނުމަށް އެހީވާ ގައުމެއްގެ ރޯލު އަދާ ކުރަން ސިންގަޕޫރުން ޝައުގުވެރިވެ އެވެ.
"މި ސަރަހައްދަށް [ވެކްސިން] ސަޕްލައިކޮށް ޑިސްޓްރިބިއުޓު ކުރުމުގައި [ސިންގަޕޫރަށް] ރޯލެއް އަދާ ކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން،" އޮންގް ވިދާޅުވި އެވެ.
އެގޮތުން ވެކްސިން ހޯދާނެ ދެ ގޮތަކާ ބެހޭ ގޮތުން ގައުމުތަކުން ވިސްނާ ކަމަށާއި އެއީ ސީދާ ވެކްސިން އުފައްދާ ގައުމުތަކުން ވެކްސިން ގެންދިޔުމާއި އެހެން ގައުމެއް މެދުވެރިވެގެން ވެކްސިން ގެންދިޔުން ކަމަށް އޮންގް ވިދާޅުވި އެވެ. އަދި މި ސަރަހައްދުގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ސިންގަޕޫރަށް މެދުވެރިއަކަށް ވެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ މިންގަނޑުތަކާ އެއްގޮތަށް ވެކްސިން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ސިންގަޕޫރުގެ ލޮޖިސްޓިކްސް ކުންފުނިތައް ތަމްރީނުކޮށްފައިވާކަންވެސް އޮންގް ފާހަގަ ކުރެއްވި އެވެ.
ސިންގަޕޫރުން ފައިޒާ ވެކްސިން ބޭނުން ކުރަން ހުއްދަ ދިނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގަ އެވެ. އަދި އެ ވެކްސިން ގައުމުގެ ރައްޔިތުންނަށް ދޭން ފަށާނެ ދުވަސްތައް ކަނޑައަޅާ އިއުލާން ކުރާނެ ކަމަށް އިއްޔެ ބޮޑުވަޒީރު ލީ ޝިއެން ލޫން ވިދާޅުވި އެވެ.
ލީ ވިދާޅުވި ގޮތުގައި އެގައުމުން ވެކްސިން ދިނުމުގައި އިސްކަން ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލި ޖެހުމުގެ ނުރައްކާ އޮތް އެހެން މީހުންނަށެވެ. އަދި އެގައުމުގައި ވެކްސިން ޖަހަން މަޖުބޫރު ނުކުރާނެ ކަމަށާއި އެގައުމުގެ އަމާޒަކީ ވެކްސިން ޖަހަން ބޭނުންވާ އެންމެންނަށް އަންނަ އަހަރު ނިމުމުގެ ކުރިން ވެކްސިން ދިނުން ކަމަށް ސިންގަޕޫރުގެ ކޮވިޑް ވެކްސިނޭޝަން އެކްސްޕާޓް ކޮމިޓީން ބުންޏެވެ.
އެ ކޮމިޓީން ބުނި ގޮތުގައި ސިންގަޕޫރުގެ ރައްޔިތުންނަށާއި އެގައުމުގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާ މީހުންނަށް ވެކްސިން ދޭނީ ހިލޭ އެވެ.