އަނެއްކާވެސް ޣައިރުދުސްތޫރީ ވިޗު-ހަންޓެއް

މެއި 29، 2020: ފޮޓޯ/ މަޖިލިސް

އެޖެންޑާ 19ގެ "ފެޝިސްޓް" ފިކުރުގެ ދަށުން ޤާއިމު ކުރެވިފައި ވާ "މެޖޯރިޓޭރިޔަން ޓިރަނީ"ގެ ނިޒާމުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ މުގުރައިލައި، ޤައުމާއި ދައުލަތާއި ރައްޔިތުންގެ މަޞްލަޙަތުތައް ޤުރުބާން ކޮށް، ބާރުވެރި ބައެއްގެ އަމިއްލަ ޒާތީ އެދުންތަކާއި މަންފާޔަށް ހިންގަމުން ގެންދާ ޣައިރުދުސްތޫރީ ޢަމަލުތަކުގެ ސިލްސިލާޔަށް 17 ޑިސެންބަރު 2020 ވީ ބުރާސްފަތީގައި އިތުރު ވެގެން ދިޔަ ބޮޅަކީ "އިންތިޤާލީ އިންޞާފުގެ ޤާނޫނު"ގެ ނަމުގައި އިތުރު ކުރެވުނު ބޮޅެވެ.

ޤާނޫނުއަސާސީ އާއި، "ޤާނޫނުގެ ވެރިކަން" ނުވަތަ "ރޫލް އޮފް ލޯވ" އާއި، ޢަދުލުއިންޞާފުގެ އެންމެ މުހިއްމު އެއް ބިންގާ ކަމުގައި ވާން ޖެހޭ ޢަޤުލީ އަސާސްތަކާ ޚިލާފަށް ތަޢާރަފު ކުރެވުނު "އިންތިޤާލީ އިންޞާފުގެ ޤާނޫނު" އަކީ އިތުރު "ވިޗް-ހަންޓެއް" ނުވަތަ "އިންކުއިޒިޝަނެއް"ގެ ބިންގާ ކަމާ މެދަކު ޝައްކެއް ނެތެވެ. އަދި މި "ވިޗް-ހަންޓް" ނުވަތަ "އިންކުއިޒިޝަން"ގެ ޝިކާރަވެރި އަމާޒަކީ ކޮން ބައެއް ކަމާއި، މިއީ ކޮން ބަޔެއްގެ އެދުންތައް ފުއްދުމުގެ ބޭނުމުގައި ފެށުނު ކަމެއްކަން ވެސް އެކަކަށް ވެސް އޮޅިފައި އޮންނާނޭ ހެނެއް ހިއެއް ނުވެއެވެ. މިއީ ރޯމާ ދުވާލު ހިންގޭ ޖަރީމާތަކެކެވެ. އެންމެންގެ ލޯމަތީގައި ހިންގޭ ޖަރީމާތަކެކެވެ. ނުފެންނަ ކަމަށް އަދި ނޭނގޭ ކަމަށް ހެދިގެން ތިބި އެންމެންނަށް މެ، މި ހިނގަނީ ކޮން ކަންތައްތަކެއްކަން ރަނގަޅަށް އެނގޭ ޖަރީމާތަކެކެވެ. ދިވެހި ރައްޔިތުން ބަލަހައްޓައިގެން ތިއްބައި "ހަދާނީ ހަދާނެ ގޮތެކޭ، ކުރެވޭނެ ހަމަ އެއް ކަމެއް ވެސް ނޯންނާނެޔޭ، ޖެހޭނީ ހަމަ ބަލަހައްޓައިގެން ތިބޭށޭ" މިފަދައިން ބުނެފައި ހިންގާ ޖަރީމާތަކެކެވެ. މި ޖަރީމާތަކުގައި ޤާނޫނުގެ ސިފަ ޖައްސައި، މި ޖަރީމާތައް ހިންގެނީ ޢަދުލުއިންޞާފު ޤާއިމު ކުރާން، ނުވަތަ ޤައުމުގެ ކަންކަން އިޞްލާޙު ކުރާން ކަމުގައި ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ދިވެހި ރައްޔިތުންގެ ބުއްދިތަކަށް ކުރާ ފުރައްސާރައެކެވެ. ދިވެހި ރައްޔިތުންގެ ސިކުނޑިތަކަށް ކުރާ މަލާމާތެކެވެ. ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 11 އަދި 12 ވަނަ އާޔަތުގައި އޮންނަ ފަދައިން، ފަސާދަ ކުރަމުން "މި ކުރަނީ އިޞްލާޙޭ" ބުނެ ކުރާ ބާޠިލު ދަޢުވާއެކެވެ. މި ބާޠިލު ދަޢުވާޔަށް ތަރުޙީބުގެ އަތްތިލަބަޑި ޖަހާން، ބުއްދިޔާއި ޟަމީރު ޣަފްލަތުގެ އަނދިރީގެ ތެރެޔަށް ދޫ ކޮށްލައިގެން ތިބި ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ތިބުމަކީ، މި ދަޢުވާގެ ބާޠިލުކަން ފުކެއްހައި ތަނުން ވިޔަސް ކުޑަ ވާނެ ސަބަބެއް ނޫނެވެ.

އިންތިޤާލީ އިންޞާފަކީ ކޯއްޗެއް؟

އެޖެންޑާ 19ގެ ދަށުން އަލަށް ތަޢާރަފު ކުރެވުނު "ޤާނޫނު"ގެ ނަމުގައި އޮތް "އިންތިޤާލީ އިންޞާފު" މިއީ އިނގިރޭސި ބަހުގައި ބޭނުން ކުރެވޭ ޤާނޫނީ އިޞްޠިލާޙެއް ކަމުގައި ވާ "ޓްރާންޒިޝަނަލް ޖަސްޓިސް"ގެ ދިވެހި ތަރުޖަމާއެވެ. ވީމާ، އެންމެ ފުރަތަމަ ކަމަކަށް "ޓްރާންޒިޝަނަލް ޖަސްޓިސް" އަކީ ކޯއްޗެއްތޯ ބަލައިލަމާ ހިންގަވާށެވެ!

"އިންޓަރނޭޝަނަލް ސެންޓަރ ފޯރ ޓްރާންޒިޝަނަލް ޖަސްޓިސް" – އައިސީޓީޖޭ – އިން މާނަ ކޮށްފައި އޮންނަ ގޮތުން، "ޓްރާންޒިޝަނަލް ޖަސްޓިސް" އަކީ ޤައުމެއްގައި އަހުލީ ނުވަތަ ދާޚިލީ ހަނގުރާމައެއް ނުވަތަ ނަސްލީ ތަޅައިފޮޅުމާއި ލެއިއޮހޮރުވުން ފަދަ ހަމަނުޖެހުންތަކެއް، ނުވަތަ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުމާއި ރައްޔިތުންނަށް އަނިޔާވެރި ވުމާއި ޚުދުމުޚްތާރިއްޔަތާއި ލާޤާނޫނިއްޔަތު ޢާއްމު ވެފައި ވާ ދައުރެއް، ނުވަތަ ފުޅާ ދާއިރާއެއްގައި އަދި އިންތިޒާމު ވެގެން އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގެ ދައުރެއް ހިނގައި، އެ ޙާލަތުގައި މީސްތަކުންގެ ޙައްޤުތައް ނިގުޅައިގަނެވި މީސްތަކުންނަށް އަނިޔާ ދެވިފައި ވާ މިންވަރުގެ ގިނަކަމުންނާއި އެކަންކަމުގެ ސީރިޔަސްކަމުގެ ސަބަބުން، އެ މައްސަލަތައް ތަޙްޤީޤު ކޮށް، ދަޢުވާ އުފުލައި، ޝަރީޢަތް ކޮށް، ޢަދުލުއިންޞާފު ޤާއިމު ކުރުމަކީ އެ ޤައުމެއްގައި ޢާއްމު އުޞޫލުން ޖިނާއީ މައްސަލަތައް ބެލުމަށާއި ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ޓަކައި ޤާއިމު ކުރެވިފައި އޮންނަ ނިޒާމުތަކާއި މުއައްސަސާތަކަށް ކުޅަދާނަ ވެގެން ނުވާ ވަރުގެ ބޮޑު މަސައްކަތަކަށް އަދި ތަކުލީފަކަށް ވުމުން، އަދި އެ މައްސަލަތައް ތަޙުޤީޤު ކޮށް ޢަދުލުއިންޞާފާއި އިޖުތިމާޢީ ހަމަޖެހުމާއި ޤައުމީ ވަޙްދަތާ ހަމަޔަށް ވާޞިލު ވުމަށް ޓަކައި އެކަމަށް ޚާއްޞަ ވަކި ނިޒާމެއް ޤާއިމު ކޮށްގެން އާދަޔާ ޚިލާފު ބޮޑު މަސައްކަތްތަކެއް ކުރުން ޟަރޫރީ ވެގެން ދިޔުމުން، ދެން އެގޮތުގެ މަތީން ޤާއިމު ކުރާ ނިޒާމުތަކާއި ޢަމަލު ކުރާ ގޮތްގޮތެވެ.

މި ދެންނެވި ތަޢުރީފު އައިސީޓީޖޭގެ ވެބްސައިޓުގެ https://www.ictj.org/about/transitional-justice މި ޞަފުޙާއިން ފެނިވަޑައިގަންނަވާނެއެވެ. "އިންތިޤާލީ އިންޞާފު" މިއީ އިނގިރޭސި އިޞްޠިލާޙުގެ ދިވެހި ތަރުޖަމާއެވެ.

އިންތިޤާލީ އިންޞާފުގެ ނިޒާމެއް ބޭނުން ވާ ޙާލަތު

ދެން އަޅުގަނޑުމެން ނަޒަރެއް ހިންގައިލާން ޖެހެނީ، ދިވެހިރާއްޖޭގައި "އިންތިޤާލީ އިންޞާފު" ޤާއިމު ކުރާން ޖެހޭ ޙާލަތެއް އެބައޮތްތޯ މި ސުވާލުގެ މައްޗަށެވެ.

އައިސީޓީޖޭގެ ތަޢުރީފުން އޮޅުން ފިލާނެ ފަދައިން، ޤައުމެއްގައި "އިންތިޤާލީ އިންޞާފު" ޤާއިމު ކުރާން ޖެހެނީ ވަކި ކަހަލަ ޙާލަތެއް މެދުވެރި ވުމުންނެވެ. އެއީ ކޮންމެކޮންމެ ޙާލަތެއްގައި، ޤައުމުގައި ބާރުވެރިކަން އޮތް ވަކި ސިޔާސީ ޕާޓީއަކަށް، ނުވަތަ ޤާނޫނު ހަދާ މަޖިލިހުގެ މެޖޯރިޓީއަށް ފެންނަހައި ގޮތަކަށް ނުވަތަ އެމީހުން ހިތަށް އެރިހައި ގޮތަކަށް ޤާއިމު ކުރާ އެއްޗެއް ނޫނެވެ. އައިސީޓީޖޭގެ ތަޢުރީފުން އެނގޭ ގޮތުގައި، "އިންތިޤާލީ އިންޞާފު"ގެ ނިޒާމެއް ޤާއިމު ކުރެވޭ ޙާލަތުގައި މައިގަނޑު ދެ ކަމެއް ނުވަތަ ދެ އުންޞުރެއް ހިމެނެއެވެ.

ފުރަތަމަ އުންޞުރަކީ، ޤައުމުގައި ދާޚިލީ ނުވަތަ އަހުލީ ހަނގުރާމައެއް، ނުވަތަ ލާޤާނޫނިއްޔަތާއި އިންސާނީ ޙައްޤުތައް ނިގުޅައިގަތުމާއި ރައްޔިތުންނަށް ނުވަތަ ރައްޔިތުން ކުރެ ބަޔަކަށް ދައުލަތުގެ ނިޒާމުގެ ތެރެއިން ރޭވިގެން ބޮޑެތި އަނިޔާތަކެއް ކުރުމުގެ ޢަމަލުތަކެއް ފުޅާ ދާއިރާއެއްގައި ހިންގުމުގެ ދައުރެއް ފާއިތު ވެ، ޞުލްޙަމަސަލަސްކަމާއި ޤާނޫނުގެ ވެރިކަން ޤާއިމު ވެގެން ޤައުމު އިންތިޤާލީ ޙާލަތަކަށް ގޮސްފައި އޮތުމެވެ. ނުބައި ދައުރެއް ނިމި ހެޔޮ ދައުރަކަށް އެޅިފައި އޮތުމެވެ. ނުބައި ފައްތަރެއް ނިމި، ހެޔޮ ފައްތަރަކަށް މުޖުތަމަޢު ވާޞިލު ވެ، ނުބައިން ހެވަށް އިންތިޤާލު ވުމުގެ ދައުރެއް އައިސްފައި އޮތުމެވެ. ޙަޤީޤީ އިންތިޤާލީ ފައްތަރަކަށް ޤައުމު އައިސްފައި އޮތުމެވެ. ދެވަނަ އުންޞުރަކީ، ޤައުމު ދެކެފައި ވާ ހަނގުރާމަ ނުވަތަ ލާޤާނޫނިއްޔަތާއި ޚުދުމުޚްތާރިއްޔަތާއި އަނިޔާގެ ދައުރުގައި ހިންގިފައި ވާ ޖަރީމާތަކުގެ ސީރިޔަސްކަން ބޮޑުކަމާއި އެ ޖަރީމާތަކުގެ ޢަދަދު ގިނަ ކަމުން، އެ ކަންކަން ތަޙްޤީޤު ކުރުމާއި، އެ ކަންކަމުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމަކީ، ޤައުމުގައި ޢާއްމު އުޞޫލުން އަދި އާދައިގެ މަގުން ޖިނާއީ މައްސަލަތައް ބަލައި ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ޓަކައި ޤާއިމު ކުރެވިފައި އޮންނަ ނިޒާމާއި މުއައްސަސާތަކަށް ކުޅަދާނަ ވެގެން ނުވާ ވަރުގެ ބޮޑު މަސައްކަތަކަށް އަދި ތަކުލީފަކަށް ވުމެވެ. މި ފަދަ ޙާލަތެއްގައި، އެ މައްސަލަތައް އަވަހަށް އަދި ހަރުދަނާކަމާ އެކު ބެލޭނީ އެކަމަށް ޚާއްޞަ ވަކި ނިޒާމެއް ޤާއިމު ކޮށްގެން ކަން ކޮންމެ މީހަކު ވެސް ޤަބޫލު ކުރާނެއެވެ.

މި ދަންނަވާ ދެ އުންސުރު ފުރިހަމަ ވެއްޖެ ނަމަ، އެ ޤައުމެއްގައި "އިންތިޤާލީ އިންޞާފު"ގެ ނިޒާމެއް ޤާއިމު ކުރާންވީ އެވެ. ރާއްޖޭގައި މި އުޅެނީ މި ދެ އުންސުރު ފުރިހަމަ ވެގެންތޯއެވެ؟

"އިންތިޤާލީ އިންޞާފުގެ ޤާނޫނު" ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހަށް ހުށައެޅުނީ 28 އޮކްޓޯބަރު 2019 – 29 ޞަފަރު 1441 – ވީ ހޯމަ ދުވަހު ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ 58 ވަނަ ޖަލްސާގައެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅުއްވީ އައްޑޫ ހިތަދޫ މެދުދާއިރާގެ މެންބަރު އަޙްމަދު ރަޝީދެވެ. އެއިރު ބިލުގައި އޮތް ގޮތުން، އޭގެ ދާއިރާގެ ތެރެޔަށް ވަންނަނީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ދެމެދުގެ މުއްދަތުގައި ހިނގި ކަންކަމެވެ. މިއީ ކޮން ގޮތަކުން، ކޮން ސަބަބަކާ ހުރެ ކަނޑައެޅުނު މުއްދަތެއްކަމާ މެދު އެއްވެސް އޮޅުމެއް އެބައޮތްތޯއެވެ؟ އާދޭހެވެ! މިއީ "މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ" ނުވަތަ އެމްޑީޕީގެ އަތުން ރާއްޖޭގެ ވެރިކަން ބީ ވެގެން ދިޔުމާއި އަލުން އެމްޑީޕީގެ އަތްމައްޗަށް ޤައުމުގެ ވެރިކަން އައުމާ ދެމެދުގައި ފާއިތު ވި މުއްދަތެވެ. "އެމީހުންގެ" އަތްމައްޗަށް ވެރިކަން ދިޔަ ތާރީޚާއި "އަހަރެމެންގެ" އަތްމައްޗަށް ވެރިކަން އަނބުރައިލިބުނު ތާރީޚާ ދެމެދުގައި ފާއިތު ވި މުއްދަތެވެ. ބިލު ރައްޔިތުންގެ މަޖިލިހުން ފާސް ވެ، ޤާނޫނަކަށް ވެގެން ދިޔަ އިރު، 1 ޖަނަވަރީ 2012 އޮތް ތަން ވަނީ 1 ޖަނަވަރީ 1953 އަށް ބަދަލު ވެފައެވެ. އެހެންކަމުން، މިހާރު ޤާނޫނު އޮތް ގޮތުން، އަޅުގަނޑުމެން ބަލާން މި ޖެހެނީ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ހަމަޔަށް، ދިވެހިރާއްޖޭގައި އައިސީޓީޖޭގެ ތަޢުރީފުގައި އެ ބުނާ ފަދަ ލާޤާނޫނިއްޔަތާއި ޚުދުމުޚްތާރިއްޔަތާއި އަނިޔާވެރިކަމުގެ ދިގު ދައުރެއް އޮވެފައި، 17 ނޮވެންބަރު 2018ގައި އެ ދައުރަށް ނިމުން އައިސް، ޞުލްޙަމަސަލަސްކަން ޤާއިމު ވެ، ޤާނޫނުގެ ވެރިކަމުގެ ދައުރެއް ފެށުނީ ކަމުގައެވެ. ހަމައެހެންމެ، އަޅުގަނޑުމެން ޤަބޫލު ކުރާން މި ޖެހެނީ، 1 ޖަނަވަރީ 1953 އިން 17 ނޮވެންބަރު 2018 އާ ހަމަޔަށް ދެމިގެން ދިޔަ އަނިޔާވެރިކަމުގެ ދައުރުގައި ހިންގިފައި ވާ ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ޖަރީމާތައް ތަޙުޤީޤު ކޮށް، އެ ޖަރީމާތައް ހިންގި ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނެސް، އެ ޖަރީމާތަކުގެ ސަބަބުން އަނިޔާ ލިބި ޙައްޤުތައް ގެއްލިގެން ދިޔަ މީހުންނަށް އިންޞާފު ހޯދައިދިނުމާއި އެމީހުންނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދައިދިނުމަކީ މިހާރު ރާއްޖޭގައި ދުސްތޫރީ ގޮތުން ޤާއިމު ކުރެވިފައި ވާ ޖިނާއީ ޢަދުލުގެ ނިޒާމަށް ކުޅަދާނަ ވާ ވަރަށް ވުރެ ބޮޑު މަސައްކަތެއް ކަމުގައެވެ. އެހެންކަމުން، އެކަމަށް ޓަކައި "އިންތިޤާލީ އިންޞާފު"ގެ ޚާއްޞަ ނިޒާމެއް ޤާއިމު ކުރާން ޖެހިއްޖެ ކަމުގައެވެ.

މިއީ ހަމަ ޙަޤީޤަތްތޯއެވެ؟ މި ކަންކަން އަޅުގަނޑުމެން ހަމަ ޤަބޫލު ކުރާން ވީތޯއެވެ؟ އަޅުގަނޑުމެން ކުރާން މި އުޅެނީ ކޮން ކަމެއްތޯއެވެ؟ މި ކުރެވެނީ ކީއްތޯއެވެ؟ ތަޞައްރަފު ފުދިފައި ތިބޭ މީހުންނާއި ތަހުޒީބު ވެފައި ވާ ޤައުމުތައް ކަން ކުރާ އުޞޫލުން، ސިޔާދަތު ލިބިގެން ވާ ޤާނޫނީ ދައުލަތެއް ހިންގުމުގެ މަސައްކަތްތޯއެވެ؟ ނުވަތަ ކީރިތި މާތް ނަބިއްޔާގެ ބަސްފުޅުގައި އޮންނަ ފަދައިން، ފަހުޒަމާނުގައި ފައުޅު ވާ "މުޟިއްލީން" ނާއި "ޝަރީރުން" ނާއި "މަޤާމުތަކަށް ކުފޫ ހަމަ ނުވާ މީހުން" ގެ އަތްމައްޗަށް ޤައުމާއި ދައުލަތް ދޫ ކޮށްލައިގެން، ޤައުމު ހިންގުމުގެ ނަމުގައި ބަތްކައްކާ ކުޅުންތޯއެވެ؟

ފުރަތަމަ އުންސުރު

"އިންތިޤާލީ އިންޞާފު"ގެ ނިޒާމެއް ޤާއިމު ކުރެވޭ ޙާލަތުގައި ޤައުމެއްގައި އޮންނާން ޖެހޭ މައިގަނޑު ދެ އުންޞުރުގެ ތެރެއިން ފުރަތަމަ އުންޞުރު ދިވެހިރާއްޖޭގައި އޮތްތޯ ބަލައިލަމާ ހިންގަވާށެވެ! ފުރަތަމަ އުންސުރަކީ "އިންތިޤާލެއް" އައުމެވެ.

01 ފެބުރުވަރީ 2012 އިން ފަށައިގެން ގުނިޔަސް، އަދި މީސްތަކުންގެ ލޮލުގައި އަނދުނަކަށް ނުވާ އަނދުނެއް އެޅުވުމުގެ މަޤްޞަދުގައި 01 ފެބުރުވަރީ 2012 އޮތް ތަނުގައި ޓިޕެކްސް ޖަހައި އޭގެ މަތީގައި 01 ޖަނަވަރީ 1953ގެ ތާރީޚު ލިޔެގެން އެ ތާރީޚުން ފެށިގެން ގުނިޔަސް، އަދި އެހެން ތާރީޚަކުން ފެށިގެން ގުނިޔަސް، އެ ތާރީޚަކާއި 17 ނޮވެންބަރު 2018 އާ ދެމެދުގައި ފާއިތު ވެދިޔަ މުއްދަތަށް ފަހު ދިވެހިރާއްޖެޔަށް އިންތިޤާލީ ޙާލަތެއް އަތުވެއްޖެޔޭ ބުނެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެ މުއްދަތުގައި ދިވެހިރާއްޖޭގައި އަހުލީ ހަނގުރާމައެއް ނުވަތަ ދާޚިލީ ހަނގުރާމައެއް ނުވަތަ އެފަދަ ތަޅައިފޮޅުމާއި ލެއި އޮހޮރުވުމުގެ ކަންތައްގަނޑެއް ނުހިނގައެވެ. ލާޤާނޫނިއްޔަތާއި، ޚުދުމުޚްތާރިއްޔަތާއި، ދައުލަތުގެ ނިޒާމުގެ ތެރެއިން ރާވައިގެން ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ތެރެއިން ވަކި ޖަމާޢަތަކަށް އަނިޔާ ކުރުމާއި މީހުންގެ ޙައްޤުތައް ނިގުޅައިގަތުމަށް ފުޅާ ދާއިރާއެއްގައި ކަންތައްތައް ކޮށްފައެއް ނުވެއެވެ. މި މުއްދަތުގެ ތެރޭގައި ޤައުމުގައި ބައެއް ފަހަރު މުޒާހަރާތަކުގައި ފުލުހުން ނުވަތަ ސިފައިންނާއި މުޒާހަރާ ކުރާ މީހުންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގައި މީހުންނަށް ހާނީއްކަ ވުން ފަދަ ކަންކަން ހިނގިއެވެ. ދައުލަތުގެ ފަރާތުން ޤާނޫނުއަސާސީ އާއި ޤާނުނާ ޚިލާފަށް ބައެއް މީހުންނާ މެދު ޢަމަލު ކޮށްފައި އެބަހުއްޓެވެ. ބައެއް މީހުންނަށް އަނިޔާވެރި ގޮތްގޮތުން ޖަލަށް ދާން ޖެހިފައި އެބަހުއްޓެވެ. ބައެއް މީހުންގެ މައްޗަށް ދައުލަތުގެ ބާރުގެ ބޭނުން ކޮށްގެން ނުޙައްޤު ތުހުމަތުތައް ކޮށް، ޢަދުލުވެރި ނޫން ގޮތްގޮތުން ޝަރީޢަތްތައް ވެސް ހިންގިފައި އެބަހުއްޓެވެ. ނަމަވެސް އަޅުގަނޑުމެން އޮޅުވައިލައިގެން ނުވާނެ ނުކުތާޔަކީ، ޤައުމެއްގެ ސަރުކާރުން ނުވަތަ ފުލުހުންގެ އިދާރާއިން ރައްޔިތުންގެ ތެރެއިން މީހަކާ ނުވަތަ ބަޔަކާ މެދު ޤާނޫނުން ބޭރުން ފިޔަވަޅެއް އަޅާ ކޮންމެ ފަހަރަކު، ނުވަތަ ޤައުމުގައި ކުރެވޭ މުޒާހަރާއެއްގައި ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކޮށްލާ ކޮންމެ ފަހަރަކު، ނުވަތަ ވެރިކަމުގެ ފަރާތުން ޤާނޫނީ އިމުން ބޭރަށް ފިޔަވަޅެއް ހަމަ އަޅައިލާ އިރަށް، ޤައުމުގައި އިންތިޤާލީ އިންޞާފުގެ ނިޒާމެއް ޤާއިމު ކުރާކަށް ނުޖެހޭކަމެވެ. ސަރުކާރުތަކުން ޤާނޫނުގެ އިމުން ބޭރުން ބައެއް ކަންކަން ކުރުމާއި، ފުލުހުންގެ ފަރާތުން މީހުންނަށް ހާނީއްކަ ވުމަކީ ކޮންމެ ޤައުމެއްގައި ވެސް ހިނގާ ކަންކަމެވެ. މި ކަންކަމަށް އެ ޤައުމެއްގައި އޮންނަ ޖިނާއީ ޢަދުލުގެ ނިޒާމުން އެޑްރެސް ކުރެވޭނެއެވެ. މި ކަންކަމަށް އެޑްރެސް ކުރާން "އިންތިޤާލީ އިންޞާފު"ގެ ނިޒާމުތައް އުފައްދާ ނަމަ، ދުނިޔޭގެ ކޮންމެ ޤައުމެއްގައި ވެސް، އަބަދުވެސް، އޮންނާނީ އެފަދަ ނިޒާމުތަކެވެ.

1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ދެމެދުގައި، އައިސީޓީޖޭގެ ތަޢުރީފުގައި އެބުނާ ފަދަ ހަނގުރާމައެއް، ތަޅައިފޮޅުމެއް، ހަމަނުޖެހުމެއް، ލާޤާނޫނިއްޔަތެއް، ޚުދުމުޚްތާރިއްޔަތެއް، ނުވަތަ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގެ އަނިޔާވެރި ސިލްސިލާއެއް ރާއްޖޭގައި ހިނގިޔޭ ބުނާ މީހެއްގެ ވާހަކަޔަކީ "ފެންޓަސީ" ދަޢުވާއެކެވެ.

މީގެ ކުރީން "އިންތިޤާލީ އިންޞާފުގެ" ނިޒާމު ޤާއިމު ކުރެވުނު ޤައުމުތަކުގައި އެފަދަ ނިޒާމުތައް ޤާއިމު ކުރެވުނީ ކޮން ކަހަލަ ޙާލަތުތަކެއް މެދުވެރި ވެގެން ކަން ވެސް ކުޑައިކޮށް ބަލައިލަމާ ހިންގަވާށެވެ! އެއިރުން ވެސް ދިވެހިރާއްޖޭގައި މި އުޅެނީ އެފަދަ ޙާލަތެއް މެދުވެރި ވެގެން ނޫންކަން ސާފު ވެވަޑައިގަންނަވާނެއެވެ. ދެވަނަ ބޮޑު ހަނގުރާމަޔަށް ފަހު އިންތިޒާމު ކުރެވުނު "ނިޔުރެމްބަރގް ޝަރީޢަތްތަކާއި" "ޓޯކްޔޯ ޝަރީޢަތްތަކާ" ހަމައިން ދުނިޔޭގެ ކަންކޮޅުތަކުގައި ތަޢާރަފު ކުރެވި މަޤްބޫލު ވެގެން އައި މަފްހޫމެއް ކަމަށް ވާ "އިންތިޤާލީ އިންޞާފު"ގެ ނިޒާމުތައް ޤާއިމު ކުރެވުނު ޤައުމުތަކުގެ ތެރޭގައި ގްރީސް، ކޮލޮމްބިއާ، ގުއަޓެމާލާ، އެލް ސެލްވަޑޯރ، ސިއެރަ ލިއޯން، ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ރުވާންޑާ، ލައިބީރިއާ، އާރޖެންޓީނާ، ދެކުނު އެފްރިކާ، ޓިޔުނީޝިއާ، ކެންޔާ، އަދި އައިވަރީ ކޯސްޓް ހިމެނެއެވެ. މިއިން ކޮންމެ ޤައުމެއްގައި ވެސް، "އިންތިޤާލީ އިންޞާފު"ގެ ނިޒާމެއް ޤާއިމު ކުރެވުނީ ދެމިގެން ދިޔަ މުއްދަތެއްގެ ތެރޭގައި ހިނގި ދާޚިލީ ނުވަތަ އަހުލީ ހަނގުރާމަޔާއި، ނަސްލު ނެތި ކޮށްލުމުގެ ހަނގުރާމަޔާއި، ފެތުރި ޢާއްމު ވެގެން ވި ތަޅައިފޮޅުމާއި ހަމަނުޖެހުމާއި ލެއި އޮހޮރުވުންތަކާއި، ޚުދުމުޚްތާރިއްޔަތާއި ލާޤާނޫނިއްޔަތުގެ ނިޒާމެއްގެ ތެރޭގައި ރައްޔިތުންގެ ތެރެއިން ޢަދަދުން ގިނަ ބަޔަކާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ހިންގުނު ޚުދުމުޚްތާރު އަދި ޒުލްމުވެރި ޢަމަލުތަކުގެ ދައުރަކަށް ފަހު، ޤައުމުގައި ހަމަޖެހުން ޤާއިމު ކުރެވި، ޞުލްޙައިގެ ދައުރެއް ފެށި، ދައުލަތް އަލުން ބިނާ ކުރުން ނުވަތަ އަލުން ހިން ދެމިލުމަށް ކުރެވެމުން ދިޔަ މަސައްކަތްތަކުގެ ތެރޭގައެވެ. މިސާލަކަށް، ކޮލަމްބިޔާގައި އިންތިޤާލީ އިންޞާފުގެ ނިޒާމެއް ޤާއިމު ކުރެވުނީ އެ ޤައުމުގެ ސަރުކާރާއި، ގެރިއްލާ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައި ވާ ފާރކް-އެޕް އާ ދެމެދު 1960ގެ އަހަރުތަކުން ފެށިގެން 2000 ގެ ކުރީކޮޅުގެ އަހަރުތަކާ ހަމަޔަށް، ފަންސާހަކަށް އަހަރު ވާންދެން ހިނގި ދާޚިލީ ހަނގުރާމަޔަށް ފަހުގައެވެ. ގުއަޓެމާލާގައި އެފަދަ ނިޒާމެއް 1996ގެ ފަހުން ޤާއިމު ކުރެވުނީ އަނިޔާވެރި ޢަސްކަރީ ޑިކްޓޭޓަރުންގެ ސަރުކާރުތަކާއި، ހަތިޔާރު އެޅި ޖަމާޢަތްތަކާ ދެމެދުގައި ސާޅީހަކަށް އަހަރު ވާންދެން ހިނގި އަހުލީ ހަނގުރާމަޔާއި، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގެ އިންތިޒާމީ ޙަރަކާތެއްގެ ތެރެއިން އެ ޤައުމުގެ "އިންޑިޖިނަސް" މާޔާ ރައްޔިތުންނާ ދެކޮޅަށް ހިންގުނު ނަސްލު ނެތިކޮށްލުމުގެ ޖަރީމާތަކުގެ ސަބަބުން ދެލައްކަ ފަންސާސް ހާހަށް ވުރެ ގިނަ މާޔާއިން ޤަތުލު ކުރެވި ނުވަތަ ގެއްލުވައިލުމުގެ ފަހުގައި، ޞުލްޙަ ޤާއިމު ކުރެވުމުންނެވެ. ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އިންތިޤާލީ އިންޞާފުގެ ނިޒާމެއް 2009ގެ ފަހުން ޤާއިމު ކުރެވުނީ 1965 އިން 1997 އަށް އެ ޤައުމުގައި މޮބޫޓޯ ސެސެ ސެކޯ ކުރެއްވި އަނިޔާވެރި އަދި ޚުދުމުޚްތާރު ވެރިކަން ނިމި، އެއިގެ ފަހުން 1996 އިން 2003 އަށް ހިނގި ބިރުވެރި އަހުލީ އަދި ދާޚިލީ ހަނގުރާމަޔަށް ފަހުގައި، އައިސީޓީޖޭގެ ބެލުމުގެ ދަށުންނެވެ. އާރޖެންޓީނާގައި އިންތިޤާލީ އިންޞާފުގެ ނިޒާމެއް ޤާއިމު ކުރެވުނީ 1976ގައި ޖޯރގޭ ރަފައެލް ވިޑޭލާ އިސް ވެހުންނަވައިގެން ގެންނެވި ޢަސްކަރީ ބަޣާވާތަށް ފަހު، 1983 ވަނަ އަހަރާ ހަމަޔަށް އެ ޤައުމުގައި އޮތް އަނިޔާވެރި ޢަސްކަރީ ވެރިކަމުގެ ފަރާތުން ޤައުމުގެ ޖިނާއީ ޢަދުލުގެ މުޅި ނިޒާމު ވާ ކޮށްލައިފައި ބާއްވައިގެން، ރައްޔިތުން މެރުމާއި، މީހުން ކިޑްނެޕް ކުރުމާއި، މީހުން ފޮރުވައި ގެއްލުވައިލުން ފަދަ އެތައް ޖަރީމާތަކެއް ހިންގަމުން ގެންދިޔަ އަނިޔާވެރި އަދި ލާޤާނޫނީ ދައުރެއް ނިމުމާ ގުޅިގެންނެވެ. މި ހަތް އަހަރުގެ މުއްދަތުގައި ވީނުވީއެއް ނޭނގޭ ގޮތުން ގެއްލުވައިލެވުނު މީހުންގެ ޢަދަދު އެކަނި ވެސް ތިރީސް ހާހަށް ވުރެ ބޮޑެވެ. 1995 ގައި ދެކުނު އެފްރިކާގައި އިންތިޤާލީ އިންޞާފުގެ ނިޒާމެއް ޤާއިމު ކުރެވުނީ އެތައް ދަހަޔަކަށް ދެމިގެން ދިޔަ ދޮން މީހުންގެ އަނިޔާވެރި ވެރިކަމާއި "އެޕަރތައިޑް" ގެ ދައުރަށް ނިމުން އައުމާ ގުޅިގެންނެވެ. ޓިޔުނީޝިޔާގައި 2013 ވަނަ އަހަރު އިންތިޤާލި އިންޞާފުގެ ނިޒާމެއް ޤާއިމު ކުރެވުނީ، ޒައިނުލްޢާބިދީން ބިން ޢަލީގެ ލާދީނީ އަދި ޚުދުމުޚްތާރު ވެރިކަމުގައި ޤައުމު ގާތްގަނޑަކަށް ފަނާ ވުމާ ކައިރި ވުމުން، ރައްޔިތުން ނުކުމެ އޭނާ ވެރިކަމުން ވައްޓައިލާން ހިންގި ޙަރަކާތްތައް ތަޅައިފޮޅުމާއި ލެއި އޮހޮރުވުމާއި މުޅި ޤައުމުގައި ޢާއްމު ވެގެން ދިޔަ ލޫޓުވުމާއި ލާޤާނޫނިއްޔަތުގެ "ފަހު ތަޅައިލުންގަނޑަކަށް" ވުމަށް ފަހު، ރައްޔިތުންގެ އިންޤިލާބީ ޙަރަކާތް ކާމިޔާބު ވެ ޤައުމުގައި ޞުލްޙަ ޤާއިމު ކުރެވުމުންނެވެ.

ދެން، އިންޞާފުވެރި އަދި އިޚްލާޞްތެރި ވިސްނުމަކުން ވިސްނަވައިފައި ޖަވާބު ދެއްވަބައްލަވާށެވެ! 1 ޖަނަވަރީ 2012 ނުވަތަ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ދެމެދުގައި ރާއްޖޭގައި އޮތީ މި ދަންނަވާ ފަދަ އަނިޔާވެރިކަމާއި ލާޤާނޫނިއްޔަތުގެ ޙާލަތެއްތޯއެވެ؟ 18 ނޮވެންބަރު 2018ގައި ރާއްޖޭގެ ވެރިކަމަށް އައު ބެއިފުޅަކު އިސް ވެވަޑައިގަތުމަކީ، އެ ދައުރަށް ނިމުން އައިސް ޤައުމުގައި ޞުލްޙަމަސަލަސްކަމާއި ޤާނޫނުގެ ވެރިކަން ޤާއިމު ވެ، އިންތިޤާލީ ދައުރެއް ފެށުނީއޭ ބުނެވޭނެކަމަށް ދެކެވަޑައިގަންނަވަމުތޯއެވެ!

އެހެން ޢިބާރާތަކުން ނަމަ، ރާއްޖޭގައި ޙަޤީޤީ އިންތިޤާލެއް އައިސްގެން އުޅޭ ކަމަށް ބުނެވިދާނެތޯއެވެ؟

ދެވަނަ އުންސުރު

ދެން އައިސީޓީޖޭގެ ތަޢުރީފުން ނެގޭ ދެވަނަ އުންސުރު، ރާއްޖޭގެ ޙާލަތުގައި އޮތްތޯ ބަލައިލަމާ ހިންގަވާށެވެ!

ހަނދުމަފުޅު އައު ކޮށްއެރުވުމުގެ ގޮތުން ދަންނަވަމެވެ. އައިސީޓީޖޭގެ ތަޢުރީފުން ނެގޭ ދެވަނަ އުންސުރަކީ، ޤައުމު ދެކެފައި ވާ ހަނގުރާމަ ނުވަތަ ލާޤާނޫނިއްޔަތާއި ޚުދުމުޚްތާރިއްޔަތާއި އަނިޔާގެ ދައުރުގައި ހިންގުނު ޖަރީމާތަކުގެ ސީރިޔަސްކަން ބޮޑުކަމާއި އެ ޖަރީމާތަކުގެ ޢަދަދު ގިނަ ކަމުން، އެ ކަންކަން ތަޙްޤީޤު ކޮށް ޢަދުލުއިންޞާފު ޤާއިމު ކުރުމަކީ، ޤައުމުގައި ޢާއްމު އުޞޫލުން އަދި އާދައިގެ މަގުން ޖިނާއީ މައްސަލަތައް ބެލުމަށާއި ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ޓަކައި ޤާއިމު ކުރެވިފައި އޮންނަ ނިޒާމުތަކާއި މުއައްސަސާތަކަށް ކުޅަދާނަ ވެގެން ނުވާ ވަރުގެ ބޮޑު މަސައްކަތަކަށް އަދި ތަކުލީފަކަށް ވުމެވެ.

އަޅުގަނޑު ކުރީން ދެންނެވި މިސާލުތަކަށް – އިންތިޤާލީ އިންޞާފުގެ ނިޒާމު ޤާއިމު ކުރެވުނު ޤައުމުތަކަށް – ބައްލަވާށެވެ! އެއިން ކޮންމެ ޙާލަތެއްގައި ވެސް، އަދި "އިންތިޤާލީ އިންޞާފު"ގެ ނިޒާމުތައް ޤާއިމު ކުރެވުނު އެހެން ކޮންމެ ޤައުމެއްގައި ވެސް، ދިމާ ވި ޙާލަތަކީ ދައުލަތުގެ ނިޒާމު މުޅީންހެން ފޭލި ވެފައި އޮތް ޙާލަތެކެވެ. އެތައް ހާސް ނުވަތަ އެތައް ލައްކަ ނުވަތަ އެތައް މިލިޔަން ބަޔަކު އަނިޔާވެރި ގޮތުގައި މަރައިލެވުނު ޙާލަތެކެވެ. ހަމަ އެހައި ގިނަ މީހުން ގެއްލުވައިލެވި، ނުވަތަ ބިކަ ޙާލުގައި ޖެހި ރެފިޔުޖީންނަށް ވެގެން ދިޔަ ޙާލަތެކެވެ. އެތައް ހާސް ނުވަތަ އެތައް ލައްކަ ބަޔެއްގެ ގެދޮރު ހަލާކު ވެ، މުދައުތައް ގެއްލި، ނިހާއީ ފަޤީރުކަމުގެ ތެރެޔަށް ވެއްޓިގެން ދިޔަ ޙާލަތެކެވެ. އެތައް ހާސް ނުވަތަ އެތައް ލައްކަ ބަޔަކު ރޭޕް ކުރެވުނު ޙާލަތެކެވެ. އަނިޔާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު އެކި ގޮތްގޮތުން ނުކުޅެދުންތެރި ވެ، މުޅި ޤައުމާއި މުޖުތަމަޢު ގުޅިގެން ކުރާ ޚާއްޞަ މަސައްކަތަކުން ނޫނީ ފަރުވާ ނުދެވޭ ވަރުގެ ފުން އަދި ނުރައްކައުތެރި "ޒަޚަމްތަކެއް" ޤައުމާއި މުޖުތަމަޢަށާއި ފަރުދުންނަށް ލިބިފައި ވީ ޙާލަތުތަކެކެވެ. އެ ޙާލަތުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމަކީ، އެ ޤައުމެއްގައި ޢާއްމު އަދި އާދައިގެ މަގުން ޖިނާއީ މައްސަލަތައް ބަލާ ޖިނާއީ ޢަދުލުގެ ނިޒާމުން ކުރެވޭ ވަރަށް ވުރެ ބޮޑު މަސައްކަތަކަށް ވެގެން ދިޔަ ޙާލަތެކެވެ.

ދިވެހިރާއްޖޭގައި އެފަދަ ޙާލަތެއް، ނުވަތަ އެއާ ގާތް ވެސް ކުރާ ޙާލަތެއް އެބައޮތްތޯއެވެ؟ މި އުޅެނީ 1 ޖަނަވަރީ 2012 ނުވަތަ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ހަމަޔަށް، އެ ބަޔަކަށް އަނިޔާތައް ދެވުނު، އަދި އެ ބައެއްގެ އިންސާނީ ޙައްޤުތައް ނިގުޅައިގަނެވުނު މީހުންގެ މައްސަލަތައް ގިނަކަމާއި އެ މައްސަލަތަކުގެ ސީރިޔަސްކަން ބޮޑުކަމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގައި އޮތް ޖިނާއީ ޢަދުލުގެ ނިޒާމުން އެ މައްސަލަތައް ނުބެލިގެންތޯއެވެ؟ އެ މައްސަލަތަކުގެ ޢަދަދު ގިނަކަމާއި އަދި އެހެނިހެން ވެސް ސަބަބުތަކާ ހުރެ، އެ މައްސަލަތައް ތަޙްޤީޤު ކުރުމަށް ދިވެހި ފުލުހުންގެ އިދާރާ ނުކުޅެދުނީތޯއެވެ؟ އެ މައްސަލަތައް ގިނަކަމުން، އެ މައްސަލަތަކުގައި ދަޢުވާ އުފުލުމަށް ޓަކައި ކުރާން ޖެހޭ މަސައްކަތް ކުރުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީސް ނުކުޅެދުނީތޯއެވެ؟ އެ މައްސަލަތައް ގިނަކަމުން، އެ މައްސަލަތަކުގެ ޝަރީޢަތް ހިންގުމަށް ރާއްޖޭގެ ކޯޓުތައް ނުކުޅެދުނީތޯއެވެ؟ ބަޙުޘަކަށް ޖާގައެއް ނެތް ފަދައިން، މިއިން އެއްވެސް ކަމެއް ވެގެންނެއް ނޫޅެއެވެ. އެހެންކަމުން، "އިންތިޤާލީ އިންޞާފުގެ ނިޒާމު" ޤާއިމު ކުރުމަށް ބޭނުން ވާ ކަމަށް އައިސީޓީޖޭގެ ތަޢުރީފުގައި ބުނާ ދެވަނަ އުންޞުރު ވެސް ރާއްޖޭގައި ނެތެވެ.

އެޖެންޑާ 19 ގެ ދަށުން "އިންތިޤާލީ އިންޞާފު"ގެ ނިޒާމެއް ޤާއިމު ކުރަނީ 7 ފެބުރުވަރީ 2012ގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަން ދޫކޮށްލައްވާން މެދުވެރި ވި ޙާލަތު އަލުންބަލުން ބަލައި، 7 ފެބުރުވަރީގައި ޖުމްހޫރީ މައިދާނަށް އެއްވެ "އަހަރެމެންގެ މައްޗަށް ޣައިރުޤާނޫނީ އަމުރު ނުކުރާށޭ" ބުނި ފުލުހުންގެ މައްސަލަ ބަލައި، 8 ފެބުރުވަރީ 2012ގައި މާލޭގައި މުޒާހަރާ ކުރީ މީހުންނަށް ސަލާމަތީ ބާރުތަކުން ޢަމަލު ކުރި ގޮތުން ލިބުނު ހާނީއްކަތަކާއި އަނިޔާތަކުގެ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ބޭނުމުގައި ނަމަ، އެޔަކީ ވެސް މިހާރު އޮތް ނިޒާމުގެ ތެރެއިން ނުބެލޭނެ މައްސަލަތަކެއް ނޫނެވެ. މިހާރު އޮތް ނިޒާމުގެ ތެރެއިން ނުބެލޭހައި ގިނަ ޢަދަދެއްގެ މައްސަލަތަކެއް ވެސް ނޫނެވެ. ވީމާ އެ މައްސަލަތައް ބަލާށޭ ކިޔައިފައި ވެސް، "އިންތިޤާލީ އިންޞާފުގެ ނިޒާމެއް" ޤާއިމު ކުރުމުގެ އެއްވެސް ޟަރޫރަތެއް ނެތެވެ.

އެހެންވީ އިރު، "އިންތިޤާލީ އިންޞާފުގެ ނިޒާމެއް" ރާއްޖޭގައި ޤާއިމު ކުރުމުގެ ބޭނުމަކީ ކޮބައިބާވައެވެ! އެފަދަ ނިޒާމެއް ޤާއިމު ކުރާން ޖެހޭ ޙާލަތެއް، ޟަރޫރަތެއް، ބޭނުމެއް ނެތް އިރު، އެކަން ކުރުމުގެ ބޭނުމަކީ އަދި މަޤްޞަދަކީ ކޮބައިބާވައެވެ!

ޤާނޫނުއަސާސީއާ ޚިލާފު

"އިންތިޤާލީ އިންޞާފުގެ ނިޒާމެއް" ދިވެހިރާއްޖޭގައި ޤާއިމު ކުރާން ޖެހޭ ސަބަބެއް، ޙާލަތެއް، ޟަރޫރަތެއް ނެތީސް، ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ދުސްތޫރީ ބާރު ލިބިގެންވާ ފަރާތް އެއް ފަރާތަށް ޖައްސައި، އެ ބާރު އެހެން ކިޔާނަކަށް ނުވަތަ މީހަކަށް ދޭ އުޞޫލުން "އިންތިޤާލީ އިންޞާފުގެ ނިޒާމެއް" ޤާއިމު ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް ކުރެވޭ ކަމެއް ކަމުގައި މެނުވީ ނުވާނެއެވެ. ސަރުކާރުން މަޖިލިހަށް އެފަދަ ބިލެއް ހުށައެޅި ހުށައެޅުމަކީ، ސަރުކާރުން ޤާނޫނުއަސާސީން ޤާއިމު ކުރާ ދުސްތޫރީ ނިޒާމުގައި ކޮޅުފައިން ޖެހުމެވެ. މަޖިލިހުން އެފަދަ ބިލެއް ޤާނޫނަކަށް ހެދުމަކީ، މަޖިލިހުން ވެސް ޤާނޫނުއަސާސީއާ ޚިލާފު ވެގަތުމެވެ. މިފަދަ ކަންތައްތަކެއްގައި ދައުލަތުގެ ބަންޑާރަ ނާއިބު ތަކުރާރުކޮށް ބައިވެރި ވެވަޑައިގަންނަވާތީ އަޅުގަނޑު ޙައިރާން ވެ އަންތަރީސް ވަމެވެ. ޤާބިލިއްޔަތު ނެތިގެން ވިޔަސް، ނަޒާހަތްތެރިކަން ނެތިގެން ވިޔަސް، މަސްއޫލިއްޔަތު އަދާ ނުކުރެއްވެވޭ ނަމަ، ރަނގަޅު ވާނީ އިސްތިޢުފާ ދެއްވުމެވެ.

ތިން ނުކުތާއެއްގެ އަލީގައި މައްސަލައިގެ މައްޗަށް ކަޅި ހިންގައިލުމުން، "އިންތިޤާލީ އިންޞާފުގެ ޤާނޫނު" އަކީ ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަން ސާފު ވެގެން ދާނެއެވެ.

ފުރަތަމަ ނުކުތާ ގުޅެނީ "ޤާނޫނުގެ ވެރިކަން" ނުވަތަ "ރޫލް އޮފް ލޯވ"ގެ މަބްދައުގެ އަސާސީ އުޞޫލަކާއެވެ. "އެންގްލޯ-އެމެރިކަން ޖޫރިސްޕްރުޑެންސް"ގައި މި މަފްހޫމާ ބެހޭގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވި ބެއިފުޅުންގެ ތެރެއިން އެލްބަރޓް ވޭން ޑައިސީ "އިންޓްރޮޑަކްޝަން ޓު ދަ ސްޓަޑީ އޮފް ދަ ލޯވ އޮފް ދަ ކޮންސްޓިޓިޔުޝަން" ގައި – 1915 ވަނަ އަހަރު ޝާއިޢު ކުރެވުނު 8 ވަނަ އިސްދާރުގެ 110 އަދި 114 ވަނަ ޞަފުޙާ ބައްލަވާ – ވިދާޅުވެފައި ވަނީ، "ޤާނޫނުގެ ވެރިކަން" މި މަބްދައުގެ އަސާސީ އެއް އުޞޫލަކީ ނުވަތަ އުންސުރަކީ، ކޮންމެ މީހެއްގެ މައްޗަށް ވިޔަސް ޖިނާއީ ޒިންމާއެއް ސާބިތު ކުރުމުގެ އެއްވެސް އިޖުރާއާތެއް، އަދި އޭނާގެ ހަށިގަނޑާއި މުދަލަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވަތަ ނުޤުޞާނެއް ހުއްދަ ކުރުމުގެ އެއްވެސް ޤާނޫނީ އިޖުރާއާތެއް ހިންގާން ވާނީ ޢާއްމު އުޞޫލުން އަދި އާދައިގެ މަގުން ޖިނާއީ އަދި މަދަނީ ޢަދާލަތު ޤާއިމު ކުރުމަށް ޓަކައި ޤާއިމު ކުރެވިފައި ހުންނަ ކޯޓުތަކުގައި ކަމުގެ އުޞޫލު ކަމުގައެވެ. މި އުޞޫލު ނިޔާ ކުރާ ގޮތުގެ މަތީން، އެއްވެސް ޖިނާއީ މައްސަލައެއް ވިޔަސް އަދި މަދަނީ މައްސަލައެއް ވިޔަސް ބެލުމަށް ޓަކައި، ވަކި މައްސަލަޔަކަށް ނުވަތަ ވަކި މީހަކަށް އަމާޒު ކޮށްގެން ޚާއްޞަ ކޯޓުތަކާއި ޓްރައިބިޔުނަލްތައް އުފައްދައިގެން ނުވާނެއެވެ. މިއީ ކީއްވެގެން އޮންނަ އުޞޫލެއްކަން، ޤާނޫނީ ފިޤްހުގެ ފޮތްތަކުގައި ތަފްޞީލުކޮށް ވަނީ ބަޔާން ކުރެވިފައެވެ. މި އުޞޫލަށް ބަލައި ޤިޔާސް ކުރުމުން، ސާފު ވެގެން ދާ ކަމަކީ، ވަކި މައްސަލައެއް ނުވަތަ ވަކި މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް ތަޙުޤީޤު ކުރުމަށް ޓަކައި ޚާއްޞަ އިދާރާތައް އުފެއްދުމާއި، ވަކި މައްސަލައެއްގައި ދަޢުވާ ކުރުމަށް ޓަކައި ޚާއްޞަ ޕްރޮސިކިޔުޝަން އިދާރާތައް އުފެއްދުމަކީ ވެސް މި އުޞޫލުގެ ދަށުން ކޮށްގެން ނުވާނެ ކަމެއް ކަމެވެ. އާދޭހެވެ! ޝަރީޢަތް ކުރުން އެކަންޏެއް ނޫނެވެ. ތަޙުޤީޤު ކުރުމާއި، ދަޢުވާ ކުރުން ފަދަ، ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ޓަކައި ހިންގާ އެންމެހައި އިޖުރާއާތުތަކެއް ވެސް ހިންގާން ވާނީ، ޤައުމުގައި ޤާއިމު ކުރެވި ހިނގަމުން އަންނަ، ޢާއްމު އުޞޫލުން އަދި އާދައިގެ މަގުން ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ މަސްއޫލިއްޔަތުތައް އަދާ ކުރާ މުއައްސަސާތަކާއި އިދާރާތަކުންނެވެ. މި އުޞޫލުން އިސްތިސްނާ ވަނީ، "އިންތިޤާލީ އިންޞާފު"ގެ ނިޒާމެއް ޤާއިމު ކުރުން ޟަރޫރީ ވެގެން ދާ ޙާލަތު ފަދަ ޙާލަތުތަކެވެ. އިސް ވެދިޔަ ބަޔާންތަކުގައި ތަފްޞީލުކޮށް ދެންނެވިފައި ވާނޭ ފަދައިން، ރާއްޖޭގައި "އިންތިޤާލީ އިންޞާފުގެ ނިޒާމެއް" ޤާއިމު ކުރުން ޟަރޫރީ ވާ ޙާލަތެއް ނެތެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި ޢާއްމު އުޞޫލުން އަދި އާދައިގެ މަގުން ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމާއި، ދަޢުވާ އުފުލުމާއި، ޝަރީޢަތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތައް ކަމުގައި ވާ ދިވެހި ފުލުހުންގެ އިދާރާ، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީސް، އަދި ކޯޓުތައް އެއްފަރާތް ކޮށް، މިއިން އެއްވެސް ތަނެއްގެ މަސައްކަތް ކުރުމަށް ޓަކައި ތަފާތު އަދި ޚާއްޞަ އިދާރާއެއް ޤާއިމު ކުރުމަކީ "ޤާނޫނުގެ ވެރިކަމުގެ މަބްދައު"ގެ އެއް އުންސުރު އަދި އެއް އުޞޫލާ ޚިލާފަށް ކުރެވޭ ކަމެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 4، 8، 268، އަދި 299 ވަނަ މާއްދާ ފަދަ އެތައް މާއްދާޔަކުން އެނގި ކަށަވަރު ވާ ފަދައިން، ދިވެހި ދުސްތޫރުގެ އެންމެ އަސާސީ އަދި ބުންޔާދީ އެއް މަބްދައަކީ "ޤާނޫނުގެ ވެރިކަމުގެ މަބްދައު" އެވެ. އެހެންކަމުން، "ޤާނޫނުގެ ވެރިކަމުގެ މަބްދައާ" ޚިލާފަށް ކުރާ ކޮންމެ ކަމަކީ، ދިވެހި ދުސްތޫރުގެ އެއް އަސާސާ ޚިލާފަށް، ޤާނޫނުއަސާސީއާ ޚިލާފަށް ކުރެވޭ ކަމެއް ކަމުގައި މެނުވީ ނުވާނެކަން ކަށަވަރެވެ.

ދެވަނަ ނުކުތާގެ ވާހަކަ ފަށާން ޖެހެނީ ޤާނޫނުއަސާސީގެ 4، 5، 6، 7، 8، 70، 115، އަދި 141 މި މާއްދާތަކާ ހަމައިންނެވެ. މި މާއްދާތަކުން ސާފު ވާ ފުރަތަމަ ކަމަކީ، ދިވެހި ދައުލަތަކީ މަބްދުއް ދުސްތޫރިއްޔަތާއި، މަބްދައުލް މަޝްރޫޢިއްޔަތާއި، މަބްދައު ސުމުއްވުއް ދުސްތޫރިއްޔަތު އޮންނަ ދައުލަތެއް ކަމާއި، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުގެ ވެރިފަރާތަކީ ރައްޔިތުން ކަމާއި، ދައުލަތުގެ ކޮންމެ ގުނަނަކަށް ވެސް ލިބިފައި އޮންނާނީ ޤާނޫނުއަސާސީގެ ވަސީލަތުން ރައްޔިތުން ޤަޠުޢީކޮށް ދިން ބާރެއް އެކަނި ކަމެވެ. ދެވަނަޔަށް ސާފު ވާ ކަމަކީ، ދިވެހި ދައުލަތަކީ ބާރުތައް ވަކި ކުރެވި، ދަރަޖައިން ހަމަހަމަ ވެގެންވާ ތިން ގުނަނަކަށް އެ ބާރުތައް ސީދާ ރައްޔިތުން – ޤާނޫނުއަސާސީގެ ވަސީލަތުން – ޙަވާލު ކޮށްފައި އޮންނަ ދައުލަތެއް ކަމެވެ. ތިންވަނަޔަށް ސާފު ވާ ކަމަކީ، ދިވެހި ދައުލަތުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ހުރިހައި ބާރުތަކެއް – އެއްވެސް އިސްތިސްނާއެއް ނެތި – ލިބިގެން ވަނީ ދިވެހިރާއްޖޭގައި ޤާނޫނުއަސާސީގެ ވަސީލަތުން ދިވެހި ރައްޔިތުން އުފައްދައި ޤާއިމު ކުޅަ ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރަށް ނުވަތަ ކޯޓުތަކަށް ކަމާއި، އެ ބާރުގެ އެންމެ މަތީ ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަމެވެ. ދިވެހި ދުސްތޫރީ ނިޒާމުގައި، ސުޕްރީމް ކޯޓަކީ ހަމައެކަނި ޝަރީޢަތް ކުރާ ތަނެއް ނޫނެވެ. "ކޭސް އޯރ ކޮންޓްރޮވަރސީ" ނެތިއްޔާ ދައުރެއް ނޯންނަ ތަނެއް ނޫނެވެ. ދިވެހި ރައްޔިތުންގެ "ޑިމޮކްރެޓިކް ވިލް" ގެ ދަށުން ރައްޔިތުން އެކަށައެޅި ދުސްތޫރީ ނިޒާމުގައި، ސުޕްރީމް ކޯޓަކީ ޝަރީޢަތް ކުރުމުގެ އިތުރުން ދައުލަތުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ހުރިހައި ބާރުތަކެއްގެ އެންމެ އިސް އޮތޯރިޓީ ވެސްމެއެވެ. ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން، އަދި ޖުރިސްޕްރޫޑެންޝަލް އަސާސްތަކުގެ މަތީން، މި ވަނީ ކޯއްޗެއްކަމާއި، މި ވަނީ ކިހިނެއްކަން، ދިވެހި ދައުލަތުގެ ބަންޑާރަ ނާއިބުގެ މަޤާމުގައްޔާއި، ރައްޔިތުންގެ މަޖިލިހުގައްޔާއި، އެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީގައްޔާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ތިއްބަވާ އެކްޓިވިސްޓުންނަށް އެނގިވަޑައިނުގަތުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ޤައުމު "ދުސްތޫރީ ކްރައިސިސްއަކަށް" ވެއްޓެމުން ދާކަމީ ޤައުމީ ނިސްބަތުގައި ވެސް ބޮޑު ހިތާމައެއް ކަމުގައި މެނުވީ ނުވެއެވެ. ކޮންމެއަކަސް، މި ދެންނެވި ދުސްތޫރީ މާއްދާތަކުގެ ބުންޔާދުގައި ދެން އަޅުގަނޑުމެން ދަންނާން ޖެހޭ ކަމަކީ، ދިވެހި ދައުލަތުގެ ތާރީޚުގެ އެއްވެސް ޒަމާނެއްގައި، ޤައުމުގެ އެއްވެސް ހިސާބެއްގައި، ޤައުމުގެ އެއްވެސް ޖަމާޢަތަކާ ގުޅޭގޮތުން ހިނގައިފައި ވާ ކަންތައްތަކެއްގައި ޢަދުލުއިންޞާފު ޤާއިމު ނުކުރެވި އޮތުމުގެ ސަބަބުން، ޚާއްޞަ އުޞޫލުތަކެއްގެ ތެރެއިން އެކަން ކުރުން ޟަރޫރީ ވެއްޖެކަން ނުވަތަ ނޫންކަން، ދިވެހި ދައުލަތުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތް ކަމުގައި ވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން، ނުވަތަ އެ ކޯޓުގެ ދައުރެއް އޮވެގެން ނޫނީ ކަނޑަނޭޅޭނެކަމެވެ. ދޭކާ ދޭކާ އެއް ކުރީމާ ވާނީ ހަތަރެއްކަން އެނގޭ ކޮންމެ ސިކުނޑިޔަކަށް، ޤާނޫނުއަސާސީގެ މި ދެންނެވި މާއްދާތައް ބަލައިލުމުން އެކަން އެނގޭނެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ އެއްވެސް ބަހެއް ނެތި، ރާއްޖޭގައި "އިންތިޤާލީ އިންޞާފުގެ ނިޒާމެއް" ޤާއިމު ކުރުމަށް ސަރުކާރުން ކަނޑައަޅައި، އެކަން ކުރުމަށް ޓަކައި ސަރުކާރުން މަޖިލިހަށް ބިލު ހުށައަޅައި، މަޖިލިހުން އެ ބިލު ފާސްކޮށް ހެދުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަންކަމެވެ. އެއީ ސުޕްރީމް ކޯޓުގެ ބާރުވެރިކަމުގެ ތެރެޔަށް ވަދެގަތުމެކެވެ. ޤާނޫނުއަސާސީގެ އެތައް މާއްދާއެއްގެ ބާރު ކަނޑުވައިލުމެކެވެ.

ތިންވަނަ ނުކުތާޔަށް ބެލުމުން، މާ ތިލަކޮށް، މާ ސީދާސާދާ ގޮތެއްގައި، އަދި މާ ޞަރީޙަ ގޮތެއްގައި، "އިންތިޤާލީ އިންޞާފުގެ ޤާނޫނު" ޤާނޫނުއަސާސީއާ ފުށުއަރާ ގޮތް ފެނިވަޑައިގަންނަވާނެއެވެ. ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގެ (ނ) ބައްލަވާށެވެ! އެ މާއްދާގައި ވަނީ، ދިވެހި ދައުލަތުގެ ޤާނޫނީ، ތަންފީޛީ، އަދި ޤަޟާއީ އިޚްތިޞާޞުގެ ދާއިރާގެ ތެރޭގައި، ޖިނާއީ ތަޙްޤީޤުތައް ހިންގުމުގެ ބާރު، ދިވެހި ފުލުހުންނަށް ދީފައެވެ. ފުލުހުން ފިޔަވައި އެހެން ބަޔަކު އެ މަސައްކަތް ކުރާނެ ޙާލަތެއް އެ މާއްދާއިން ތަޞައްވުރު ކޮށްފައެއް ނުވެއެވެ. މިތަނުގައި އަޅުގަނޑުމެން ހަނދާން ކޮށްލާން ޖެހޭ އެއް ކަމަކީ، މަބްދައުއް ދުސްތޫރިއްޔާގެ އުޞޫލުތައް ހިނގާ ދުސްތޫރީ ނިޒާމެއްގައި، ޤާނޫނުއަސާސީން ވަކި ފަރާތަކަށް ބާރެއް ދީފައި އޮއްވައި، ހަމަ އެ ބާރު އެހެން ފަރާތަކަށް ދިނުމަކީ ޤާނޫނު ހަދާ މަޖިލިހަށް ކުރެވޭނެ ކަމެއް ނޫން ކަމެވެ. އެހެންކަމުން، ދިވެހި ރައްޔިތުން، ޤާނޫނުއަސާސީގެ ވަސީލަތުން ފުލުހުންނާ މަތި ކޮށްފައި އޮތް ވާޖިބެއް އަދާ ކުރުމުގެ ބާރު، ރައްޔިތުންގެ ބާރު އެއް ފަރާތް ކޮށްލައިފައި، އެހެން ފަރާތަކަށް ދިނުމަކީ "ކޮންސްޓިޓިޔުޝަނަލް ސުޕްރެމަސީ" އޮންނަ ދައުލަތެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. "ބަރުލަމާނީ ސިޔާދަތު" އޮންނަ ދައުލަތެއްގައި، ހުރިހައި ބާރަކީ ބަރުލަމާނުގެ އެއްޗެއް ކަމުން، ކޮންމެ ބާރެއް ވެސް ބަރުލަމާނުން އެދޭ ގޮތަކަށް، އެދޭ ފަރާތްތަކަކަށް، ޤާނޫނުތަކުގެ ވަސީލަތުން ދެވިދާނެއެވެ. ނަމަވެސް ރާއްޖެ ފަދަ "ކޮންސްޓިޓިޔުޝަނަލް ސުޕްރެމަސީ" އޮންނަ ދުސްތޫރީ ނިޒާމުތަކުގައި ކަން ހިނގާނިއްޔަކީ އެ ގޮތަކަށެއް ނޫނެވެ. ވީމާ، ދިވެހި ދައުލަތުގައި ޖިނާއީ އެއްވެސް ތަޙްޤީޤެއް ހިންގޭނީ، ސީދާ ޤާނޫނުއަސާސީގެ ނައްޞަކުން އެހެން ފަރާތަކަށް އެ ބާރު އިސްތިސްނާއީ ގޮތެއްގައި ދީފައި ނެތް ކޮންމެ ޙާލަތެއްގައި، ދިވެހި ފުލުހުންނަށެވެ. ފުލުހުން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޖިނާއީ ތަޙްޤީޤުތައް ހިންގުމުގެ ބާރު ދީގެން ހަދައިފި ކޮންމެ ޤާނޫނެއް ވާނީ ބާޠިލު ޤާނޫނަކަށެވެ. ޤާނޫނުއަސާސީގެ 244 (ނ) އާ ޚިލާފު، އެހެންކަމުން ޣައިރުދުސްތޫރީ ޤާނޫނަކަށެވެ. ފުލުހުން ފިޔަވައި، ޖިނާއީ ތަޙްޤީޤު ހިންގުމުގެ ބާރު ޤާނޫނުއަސާސީން ދީފައި އޮތް ހަމައެކަނި މުއައްސަސާޔަކީ – ޤާނޫނުއަސާސީގެ 202 (ހ)ގެ ދަށުން – އެންޓި-ކޮރަޕްޝަން ކޮމިޝަނެވެ. 244 (ނ) އިން އިސްތިސްނާ ވެގެން ވާ ޙާލަތެއްގެ ގޮތުގައި، ދިވެހިރާއްޖޭގައި "އިންތިޤާލީ އިންޞާފުގެ ނިޒާމެއް" ޤާއިމު ކުރުން ޟަރޫރީ ވެއްޖެތޯ މި ސުވާލަށް ސަރުކާރު ނުވަތަ މަޖިލިހުން ޖަވާބެއް ބޭނުން ވެއްޖެ ޙާލަތެއްގައި ވެސް، އެ ފަދަ ސުވާލަކަށް ޖަވާބު ދީ، އެކަން ކުރެވިދާނެކަން ނުވަތަ ނުކުރެވޭނެކަން ކަނޑައެޅުމީ ޤަޟާއީ އިޖުރާއާތެއް ކަމުގައި ވާތީ، އެކަން ކުރެވޭނީ އެހެންޏާ ސުޕްރީމް ކޯޓަށް ދައުލަތުން ހުށައަޅާ މައްސަލައެއްގެ ވާސިޠާއިން، ނުވަތަ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލިހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދައި، ފުލުހުން ފިޔަވައި އެހެން ފަރާތަކަށް ތަޙުޤީޤު ކުރުމުގެ ބާރު ދިނުމުގެ ޟަރޫރީ ޙާލަތެއް މެދުވެރި ވެއްޖެ ކަމަށް ބުނެ، ދިމާ ވެފައި އޮތް ނަމަ އޮތް ޟަރޫރީ ޙާލަތުގައި އެކަން ކުރުމަށް 244 (ނ) ހުރަސް ނާޅާ ކަމަށް ސުޕްރީމް ކޯޓުން ލަފާ ދީގެންނެވެ. މިއިން އެއްވެސް ކަމެއް ނުކޮށް، ފުލުހުން ފިޔަވައި އެހެން ފަރާތަކަށް ޖިނާއީ ތަޙްޤީޤު ކުރުމުގެ ބާރު ޤާނޫނަކުން ދިނުމަކީ 244 (ނ) އާ ޚިލާފު، ޣައިރުދުސްތޫރީ ޢަމަލެއް ކަމުގައި ނުވާނެ ގޮތެއް އޮތް ކަމުގައެއް ނުފެނެއެވެ.

ނަތީޖާޔަކީ ކޮބައިތޯއެވެ؟

"އިންތިޤާލީ އިންޞާފުގެ ޤާނޫނު"ގެ ދަށުން އުފެދޭ "އޮމްބަޑްސްޕަރސަން" އަކީ ޤާނޫނުއަސާސީ އާއި ޤާނޫނުގެ އިމުގެ ބޭރުގައި ހުންނާނެ މީހެކެވެ. އޭނާ ވާނީ "ޑީ ފެކްޓޯ" ކޮށް ބާރުތަކެއް ލިބިފައި އޮވެގެން، ޣައިރުދުސްތޫރީކޮށް އަދި ޣައިރުޤާނޫނީކޮށް މަސައްކަތް ކުރާ މީހަކަށެވެ. އޭނާގެ އޮފީސް ވާނީ ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ކިޔާނަކަށެވެ. އެ އޮފީހުން ހިންގާ އިޖުރާއާތުތައް ވާނީ ޣައިރުޤާނޫނީ އިޖުރާއާތުތަކަކަށެވެ. އެތަނަށް ކުރާ ޚަރަދުތައް ވާނީ، ދިވެހި ދައުލަތުގެ ޚަޒާނާއިން، ރައްޔިތުންގެ ފައިސާއިން، ޤާނޫނާ ޚިލާފަށް ކުރާ ޚަރަދުތަކަކަށެވެ. އެތަނުން ކުރާ އަމުރުތަކަށް ތަބަޢަ ނުވުމުގެ ޙައްޤު ޤާނޫނުއަސާސީގެ 64 ވަނަ މާއްދާގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް އޮންނާނެއެވެ. އެތަނުން ކުރާ އެއްވެސް އަމުރަކަށް ކިޔަމަން ވުން، ޤާނޫނުއަސާސީގެ 245 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތުގެ މެންބަރުންނަށް ވާނީ މަނާ ވެގެންނެވެ. އެތަނުން ހިންގާ ތަޙުޤީޤެއްގެ މައްޗަށް، ޖިނާއީ އަދި މަދަނީ އެއްވެސް ދަޢުވާއެއް ބިނައެއް ނުކުރެވޭނެއެވެ. އެތަނުގެ ތަޙުޤީޤެއްގެ މައްޗަށް ބިނާ ކޮށްގެން ރާއްޖޭގެ ކޯޓެއްގައި ޝަރީޢަތެއް ވެސް ނުކުރެވޭނެއެވެ.

ޤާނޫނު ހެދުމާއި، ޤާނޫނު ހިންގުމާއި، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ޙުރުމަތްތެރި އަދި ކަރާމާތްތެރި ވާޖިބު، މެކިޔެވޭލިޔަން ސިޔާސީ ރާޒުވާ ބޯޑުގައި "މުޟިއްލީނުން" ނާއި "ޝަރީރުން" ކުޅޭ ހުތުރު ކުޅިގަނޑަކަށް ވީމާ، ނުކުންނާނީ މި ޒާތުގެ ނަތީޖާތަކެވެ.

އަނެއްކާވެސް ބޮޑު އިސްރާފެއް

އިސް ވެދިޔަ ބަޔާނުގައި މި ދެންނެވީ، ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ޤާނޫނު ނަންބަރު 2020/28 – "އިންތިޤާލީ އިންޞާފުގެ ޤާނޫނު" – އާއި އެ ޤާނޫނުގެ ދަށުން ޤާއިމު ކުރެވޭ ނިޒާމުގައި ހުރި ޤާނޫނީ މައްސަލަތަކެވެ.

ހިތާމަ ކުރާން ޖެހޭ އަނެއް ކަމަކީ، ދިވެހިރާއްޖޭގައި އިންތިޤާލީ އިންޞާފުގެ ނިޒާމެއް ޤާއިމު ކުރުމުގައި އޮތް ހަމައެކަނި ގޯހަކީ އެ ނިޒާމު ޤާއިމު ކުރުމަށް ޤާނޫނުއަސާސީ ތަން ނުދިނުން ނޫންކަމެވެ. އިޤްތިޞާދީ ނަޒަރަކުން ބަލާ އިރު ވެސް، ކަމުގެ ގޯސްކަން ވަކި ކުޑައެއް ނޫނެވެ. ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، ދިވެހިރާއްޖެ މިއޮތީ ދައުލަތުގެ ޚަރަދު އިންތިހާޔަށް ބޮޑު ވުމުގެ ސަބަބުން، މާލީ މުޞީބާތެއްގެ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. ދައުލަތުގެ ޚަރަދުތައް ބޮޑު ތަނުން ކުޑަ ކޮށްގެން މެނުވީ، ޤައުމު ސަލާމަތް ވާކަށް ނެތެވެ. ޢަދަދުތައް ކޮންމެހެން ނުދެންނެވިޔަސް، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މި ދަންނަވަނީ ތެދުކަމާއި، މި ދަންނަވާ މައްސަލައިގެ ސީރިޔަސްކަން އެނގިވަޑައިގަންނަވާނެއެވެ.

އިޤްތިޞާދީ ޙާލަތު މިހެން އޮތް އިރު، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަކީ މިހާރު ވެސް ޤައުމުގެ އިޤްތިޞާދަށް ނުކަތާ ވަރުގެ ބޮޑު އަދި ބިޔަ ނިޒާމެކެވެ. "އިކޮނޮމީޒް އޮފް ސްކޭލް" ގެ މިންގަނޑުން ވަޒަން ކުރިޔަސް، ހިސާބަށް ވުރެ ބޮޑު ވެ މުޢައްޤަދު ވެފައި ވާ ނިޒާމެކެވެ. ދައުލަތުގެ ނިޒާމަށް ބޭނުން ނުވާ އެތައް އޮފީސްތަކެއް އެބަހުއްޓެވެ. އެ އޮފީސްތަކުގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިޔަނެއް ދަނީ އިސްރާފު ވަމުންނެވެ. ދާދި އެއް ކަމެއް ކުރާ އެތައް އޮފީހެއް ހުރުމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތްތައް ދަނީ "ޑުޕްލިކޭޓް" ކުރެވެމުންނެވެ. އެއް އޮފީހެއްގެ ދަށުން ކުރެވޭނެ މަސައްކަތްތައް ތަފާތު އެތައް ތަނަކަށް ބަހައިލައިގެން، އެތައް އޮފީހަކުން ނުވަތަ އެތައް އިދާރާޔަކުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ މަސައްކަތް ކުރާ އެކި ތަންތަނުގެ މެދުގައި ވާދަވެރިކަން އުފެދި، އެއް ބަޔަކު އަނެއް ބަޔަކާ އެކީ މަސައްކަތް ކުރާން ބޭނުން ނުވެ، އެތައް ނިޒާމުތަކެއް ވަނީ ވާ ވުމާ ގާތުގައެވެ. ކަން މިހެން އޮތް އިރު، އަނެއްކާވެސް "އޮމްބަޑްސްޕަރސަންގެ އޮފީސް" ގެ ނަމުގައި އިތުރު އޮފީހެއް މިވަނީ އުފެދިފައެވެ. އިތުރު މުއައްޒަފުންނެވެ. އިތުރު ކަރަންޓާއި ފެނާއި ފޯނުގެ ޚަރަދެވެ. މިހެން ގޮސް އެތައް ކަމަކުން، އިތުރު ޚަރަދެވެ. ދުވަސްކޮޅަކުން ދެން ފެންނާނީ، މި އޮފީހަކާއި ފުލުހުންގެ މުއައްސަސާއާ ދެމެދު ވާދަވެރިކަން އުފެދި، އެއިގެ ސަބަބުން ނުކުންނަ "ބިޔުރޯކްރެޓިކް" އަދި އިދާރީ ކޫސަނި މައްސަލަތަކެވެ.

އެންމެ ފަހުން މި ގޮތަށް ޤާނޫނުއަސާސީ މުގުރައިލައިފައި، 115 ވަނަ މާއްދާގެ (ގ) ނުބައިކޮށް މާނަ ކޮށްގެން އުފެއްދި މަޝްހޫރު "ކޮމިޝަންތައް" ވެސް ވީ ބޮޑުތަނުން ފޭއްޔެވެ. އެ ތަޖުރިބާއިން ވެސް ފިލާވަޅެއް ނުލިބުނީތޯއެވެ! ޕާޓީ އެކްޓިވިސްޓުންނަށް ބޮޑެތި މުސާރަތައް ދިނުން ފަދަ އިސްރާފުތަކުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑު ކުރުމާއި، އެތައް ބަޔެއްގެ ވަގުތު ބޭކާރު ކުރުމާއި، އެތައް ޢާއިލާޔަކަށް ނަފްސާނީ އަދި ޖަޒުބާތީ ގޮތުން އިތުރު އަނިޔާ އާއި ވޭނާއި ކެކުޅުން ދިނުން ފިޔަވައި އެހެން ނަތީޖާއެއް ނުނެރެވުނު އެ "އެކްސްޕެރިމެންޓް" އިން ހަމަ އެއްވެސް ޢިބުރަތެއް ޙާޞިލު ނުވީތޯއެވެ!

ފަހުބަސް

ނިންމައިލުމުގެ ކުރީން، އިތުރު ބައެއް ނުކުތާތައް ވެސް ފާހަގަ ކޮށްލާނަމެވެ.

ފުރަތަމަ ކަމަކަށް، "އިންތިޤާލީ އިންޞާފުގެ ޤާނޫނުގެ" މައިގަނޑު ފޯކަސް ހުރީ 07 ފެބުރުވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ދެމެދުގެ މުއްދަތަށްކަން ސާފެވެ. މި މުއްދަތު "ޚާއްޞަ" ވި ސަބަބަކީ އެ މުއްދަތުގައި އެމްޑީޕީ ފިޔަވައި އެހެން ބައެއްގެ އަތުގައި ރާއްޖޭގެ ވެރިކަން އޮތުމެވެ. އެމްޑީޕީ ވިޔަސް، އަދި ޕީޕީއެމް ވިޔަސް، އަދި އެހެން ޕާޓީއަކުން ވިޔަސް، ތިމާމެން ނޫން ބައެއްގެ އަތުގައި ދިވެހިރާއްޖޭގެ ވެރިކަން، ނުވަތަ މަޖިލިހުގެ މެޖޯރިޓީ އޮތުމަކީ އެއީ "ޤައުމީ މުޞީބާތެއް" ކަމުގައި ބެލުން، މިއީ ކަންތައްތައް ވާން ޖެހޭ ގޮތްތޯއެވެ! އިދިކޮޅު މީހުންގެ އަތުން ތިމާމެންގެ އަތްމައްޗަށް ބާރާއި ވެރިކަން ލިބޭ ކޮންމެ ޙާލަތެއްގައި މެ، ކުރީގެ ވެރިކަމުގެ ދައުރު އެއީ "މުޞީބާތުގެ ދައުރެއް" ކަމަށް ބަލައިގެން، ތިމާމެންނަށް ބާރު ލިބުން އެއީ ޤައުމަށް އިންތިޤާލީ ދައުރެއް އައުން ކަމަށް ދެކެގެން، "އިންތިޤާލީ އިންޞާފު" ގެ ނިޒާމުތަކާއި އޮފީސްތައް ހަދައިގެން އިޖުރާއާތުތައް ހިންގާން ފަށައިގަތުން، މިއީ ޢަމަލު ކުރާން ވީ ރަނގަޅު ގޮތްތޯއެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިއީ ވަރަށް ވެސް ފަނާ ކުރަނިވި ވިސްނުމެކެވެ. ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން މިގޮތަށް ވިސްނުން ގެންގުޅޭހައި ހިނދަކު، ޤައުމަކަށް ދުވަހަކު ވެސް ބާއްޖަވެރިކަމެއް ނެތެވެ. މި ކަހަލަ ވިސްނުންތަކަކީ "ފެޝިޒަމް" އާއި "ޕޮލިޓިކަލް އެކްސްޓްރީމިޒަމް" އާއި "ޕޮލިޓިކަލް ފެނެޓިސިޒަމް" އާއި "ޕޮލިޓިކަލް ރެޑިކަލިޒަމް" ފަދަ ލަފުޒުތަކުން މެނުވީ ސިފަ ނުކުރެވޭނެ ވިސްނުންތަކެވެ. ފަނާ ކުރަނިވި ވިސްނުންތަކެވެ. އެއްވެސް ބަޔަކު މި ބާވަތުގެ ވިސްނުންތަކާއި ޢަމަލުތައް ކުރިޔަށް ނެރުމުގެ ނަތީޖާޔަކަށް ވާނީ ޤައުމު ބައިބައިވުމެވެ. ނަފްރަތާއި ރުޅިވެރިކަމުގެ ފާރުތަކަކުން ރައްޔިތުން ވަކިވަކި ވުމެވެ. ޤައުމުގެ ހީރަސް ކެނޑުމެވެ. އުޚުއްވަތާއި އެއްބަނޑުއެއްބަފާކަމާއި ޤައުމީ ވަޙްދަތުގެ ރޫޙު އޮންނާން ވީ ތަނުގައި އެއިރުން އޮންނާނީ ޢަދާވާތްތެރިކަމާއި، އެކަކު އަނެކަކަށް އިތުބާރު ނުކުރުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެތި ގޮވުމާއި ޖެއްސުން ކުރުމުގެ ހުއްޓުމެއް ނެތް ސިލްސިލާއެކެވެ.

ދެވަނަ ކަމަކަށް، އުފެދޭ ސުވާލުތަކެއްގެ ވާހަކަ ދަންނަވައިލާނަމެވެ. އެޖެންޑާ 19 ގެ "ފެޝިސްޓް" ފިކުރުގެ ތެރެއިން ޤާއިމު ކުރެވުނު "އިންތިޤާލީ އިންޞާފުގެ ނިޒާމުން" ރ. ހުޅުދުއްފާރު ބަހާރުގޭ ޢަބްދުﷲ މުޙައްމަދަށް އިންޞާފު ލިބިދެވޭނެ ބާވައެވެ! ނުވަތަ އޭނާ ވެސް ލެވޭނީ "އެމްޑީއެން ފިކުރު" އަދި އެޖެންޑާ 19 ގެ "ފެޝިޒަމް" ގެ ތެރެއިން އުފެއްދިފައި ވާ ރައްޔިތަކަށް އަދި އިންސާނަކަށް ނުފުދޭ މީހުންގެ ކެޓަގަރީއަށް ބާވައެވެ؟ 7 ފެބުރުވަރީގައި "ބަޣާވާތް ކުރި" ފުލުހުންގެ މައްސަލަ ބަލާ އިރު، އެމީހުންގެ މައްޗަށް ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ އަމުރުތައް ކުރި މީހުންގެ މައްސަލަތައް ބެލޭނެ ބާވައެވެ! 8 ފެބުރުވަރީ ގައި ސަލާމަތީ ޚިދުމަތްތަކުގެ މެންބަރުން ކުރި އަނިޔާތަކުގެ މައްސަލަތައް ބަލާ އިރު، އެ ދުވަހު ދައުލަތުގެ އެތައް ޢިމާރާތެއްގައި އަލިފާން ޖަހައި، ދައުލަތަށާއި ރައްޔިތުންނަށް އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުން ދީ، އެތައް ހާސް ރައްޔިތުންގެ އެންމެ އަސާސީ ޙައްޤުތަކުގެ ރިކޯޑުތައް ކަމުގައި ހިމެނޭ، އަދި އެތައް ހާސް ރައްޔިތުންގެ ޙައްޤުތަކާ އެކި ގޮތްގޮތުން ގުޅުން ހުރި އެތައް ހާސް ލިޔެކިޔުމެއް ފަނާ ކޮށްލި މީހުންގެ މައްޗަށް މި ޤާނޫނު ނުހިންގޭ ގޮތަށް ޤާނޫނު ފާސް ކުރެވުނު ސަބަބަކީ ކޮބައިބާވައެވެ! 1 ފެބުރުވަރީ 2019 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެވުނު މަޝްހޫރު އަމުރަކީ، ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓިތަކާއި ވިޔަފާރިވެރީންގެ އެތައް ބަޔަކު ގުޅިގެން، ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓައިލުމުގެ މަޤްޞަދުގައި ރިޝްވަތާއި ޣައިރުޤާނޫނީ ރޭވުންތަކުގެ ދިގު ސިލްސިލާއެއް ހިންގައިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ނާޖާއިޒު ގޮތުގައި "ހަތިޔާރެއްގެ" ގޮތުގައި ބޭނުން ކޮށްގެން، ދިވެހި ދައުލަތް ގާތްގަނޑަކަށް ފޭލި ކޮށްލައިގެން، ނެރުނު އަމުރެއް ކަމަށް ތުހުމަތު ކުރެވޭ އިރު، އެ ތުހުމަތުތަކުގެ ކަންކަން ނުބެލޭ ގޮތަށް މި ޤާނޫނު ފާސް ކުރެވުނު ސަބަބަކީ ކޮބައިބާވައެވެ؟ ޢާއްމު ގޮތެއްގައި "އިންތިޤާލީ އިންޞާފުގެ ނިޒާމުތައް" ޤާއިމު ކުރެވެނީ މުޖުތަމަޢުގެ އެންމެ ނިކަމެތި އަދި އެންމެ "ވަލްނަރަބަލް" ގިންތިތަކުގެ މެންބަރުންގެ ފައިދާޔަށް ކަމުގައި ވާއިރު، ރާއްޖޭގައި އެ ނިޒާމު އުފެއްދީ ސިޔާސީ ޕާޓީއަކާއި އެ ޕާޓީގެ އިސް ލީޑަރުންގެ މަޞްލަޙަތުގައި ކަމަށް – 1 ޖަނަވަރީ 2012 އާއި 17 ނޮވެންބަރު 2018 މި ދެ ތާރީޚާ މެދު އަދިވެސް އެއް ފަހަރު ވިސްނަވާށެވެ – ވެގެން ދިޔައީ ކޮން ސަބަބަތަކަކާ ހުރެ ކިހިނެއް ވެގެން ބާވައެވެ!

ތިންވަނަ ނުކުތާއެއްގެ ގޮތުގައި ވެސް އޮތީ ސުވާލެކެވެ. "އިންތިޤާލީ އިންޞާފުގެ ޤާނޫނު" ގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިތޯ، މި ސުވާލެވެ. "ޤާނޫނު" ގެ 2 ވަނަ މާއްދާގައި، މަޤްޞަދު ކަމަށް ބުނެ ކަންތައްތަކެއް ލިސްޓު ކޮށްފައި ވެއެވެ. ތިން ނުކުތާއެއްގައި ދައްކައިފައި ހުރި ވާހަކަތަކުގައި ހުރީ "ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާޔަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިޔަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގައިފައި ވާ ޢަމަލުތައް ބަލައި، ތަޙްޤީޤު ކޮށް، ޙަޤީޤަތް ހާމަ ކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައި ވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން އިންޞާފު ހޯދައިދިނުމުގެ" ވާހަކަޔާއި، "ކުރިޔަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރު ކުރުމަށް ޓަކައި އަޅާން ޖެހޭ ފިޔަވަޅުތައް ފާހަގަ ކޮށް، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާ ވެފައި ވާ ތަހުޒީބީ ދައުލަތެއް އާރާސްތު ކުރުމުގެ" ވާހަކައެވެ. މި ވާހަކަތައް ކިޔައިފައި އަޅުގަނޑުގެ ހިތުގައި އެންމެ ފުރަތަމަ އުފެދޭ ސުވާލަކީ، ޤައުމުގެ ދުސްތޫރު މުގުރައިލައި، "ޤާނޫނުގެ ވެރިކަން" ނެއްތައިލައި، ބުއްދީގެ ހަމަތަކާއި ޢަދުލުއިންޞާފުގެ އަސާސްތަކަށް ފައިން އަރައިގެން، އިސްތިބްދާދީ ގޮތެއްގައި ހަދާ ޣައިރުދުސްތޫރީ ޤާނޫނުތަކުން މީހުންގެ ޙައްޤުތައް ރައްކައުތެރި ކޮށްދެވޭނީ، ނުވަތަ އިންޞާފު ޤާއިމު ކުރެވޭނީ، ނުވަތަ ޤާނޫނުގެ ވެރިކަން ކުރިއެރުވޭނީ، ނުވަތަ ތަހުޒީބީ ދައުލަތެއް ބިނާ ކުރެވޭނީ، ނުވަތަ އެއްވެސް އެއްޗެއް ތަނެއް އާރާސްތު ކުރެވޭނީ ކިހިނެއްހެއްޔޭ މިއެވެ! މަޤްޞަދަކީ ޢަދުލުއިންޞާފު ޤާއިމު ކުރުން ކަމުގައި ވަނީ ނަމަ، ކޮންމެހެން ވަކި ނިޒާމެއް ޤާއިމު ކޮށް، ވަކި އޮފީސްތައް ހެދުމުގެ ބޭނުމެއް ނެތެވެ. ފުލުހުންގެ އިސް މަޤާމުތަކުގައްޔާއި، ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމުގައްޔާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮނޑިކޮޅުތަކުގައި ގިނައިން ތިއްބެވީ ތިޔަ ބެއިފުޅުންގެ ޕޯޑިޔަމްތަކުން ނުވަތަ ތިޔަ ބެއިފުޅުންގެ "އެކްޓިވިޒަމް" ގެ އެހެނިހެން ވިޔަސް މަންސަތަކުން ތަރުބިއްޔަތު ލިބިވަޑައިގަތް ބެއިފުޅުންނެވެ. ތިޔަ ބެއިފުޅުންގެ ސިޔާސީ ޙަރަކާތުގެ "ހީރޯއިން" ނެވެ. ވީމާ، އެ ތަންތަނުން ތިޔަ ބެއިފުޅުން އެދިވަޑައިގަންނަވާ ޢަދުލުއިންޞާފު ނުލިބޭން ވީ ސަބަބެއް ނެތެވެ. މަޖިލިހުގެ ވާހަކަ ދައްކާ ނަމަ، މަޖިލިހުގެ ތަޅުމުގައި ތިބެގެން، މިފަދަ ބިލުތަކަށް ވޯޓު ދީ އެ ބިލުތައް ފާސް ކޮށް ޤާނޫނަށް ހަދަމުން ގެންދާ މަޖިލިސް މެންބަރުންގެ ތެރޭގައި، މި ކުރެވެނީ ކޮން ކަމެއްތޯ، މީގެ މަޤްޞަދަކީ ކޮބައިތޯ، މިއިން ޙާޞިލު ވާނެ ކަމަކީ ކޮބައިތޯ، މިއިން ޤައުމަށް ވާނެ ފައިދާޔަކީ ކޮބައިތޯ، ވެދާނެ ގެއްލުންތަކަކީ ކޮބައިތީ، މިއިން ފައިދާ ވާނީ ކާކަށްތޯ – ޖުމުލަ ގޮތެއްގައި މީގެ މަޤްޞަދަކީ ކޮބައިތޯ – މި ސުވާލުތަކާ މެދު ވިސްނައިލާ، އަދި ވިސްނުމުގެ ފިކުރީ، ޒިހުނީ، އަދި އަޚްލާޤީ ޤާބިލިއްޔަތު ހުރި ހަމަ އެކަކު ވެސް ހުރި ކަމަކަށް ނުފެނެއެވެ. "ރައްޔިތުންގެ މަންދޫބުން" ގެ ސިކުނޑިތަކަށް ދޭހަ ވާ ހަމައެކަނި ކަމަކީ، ޕާޓީގެ ލީޑަރުގެ ރުހުމުގެ ސޮޔާ އެކުގައި އަންނަ ކޮންމެ އެއްޗެއް، ފެހި ބަޓަނުގެ ދޮރުން އެތެރެ ކޮށްދޭން ޖެހޭކަމެވެ. އެގޮތުން މި "ޤާނޫނެއް" ވެސް ފާސް ކުރީއެވެ. މީގެ ކުރީން މިފަދަ އެތައް "ޤާނޫނަކާއި" އަދި "ޤަރާރެއް" ވެސް ފާސް ކޮށްދިން ފަދައިންނެވެ. ވީމާ، "ޤާނޫނު" ގެ 2 ވަނަ މާއްދާގައި އޮތް ލިސްޓުގައި ހުރި ވާހަކަތަކަށް އަޅުގަނޑު އިތުބާރެއް ނުކުރަމެވެ. އަޅުގަނޑު ފަދައިން އެ ވާހަކަތަކަށް އިތުބާރު ނުކުރާ ލައްކައެއް ދޮޅުލައްކައެއްހައި ދިވެހި ރައްޔިތުން ތިބި ކަމަށް ވެސް އަޅުގަނޑު ބުނާނަމެވެ. މިއީ މަދު ޢަދަދެއް ނޫނެވެ. ވީމާ، އަޅުގަނޑުމެންނަށް ވިދާޅުވެދެއްވާށެވެ! މި "ޤާނޫނު" ގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިތޯއެވެ؟ މިއީ ކާކު ނުވަތަ ކޮން ބަޔަކު ހިފާން ޖައްސަވައިގެން އުޅުއްވާ މަޅިފައްޗެއްތޯއެވެ؟ ކޮން ބަޔަކާ ދެކޮޅަށް ހިންގަވާ "ވިޗް-ހަންޓެއް" ނުވަތަ "އިންކުއިޒިޝަނެއް" ތޯއެވެ! މި "ވިޗް-ހަންޓް" ހިންގުމަށް ޓަކައި މުޅީން ވަކި ތަޙުޤީޤީ އިދާރާއެއް އުފައްދަވާން ޖެހެނީ، ބޭނުން ވެވަޑައިގަންނަވާ ހުރިހައި ގޮތަކަށް ފުލުހުންގެ އިދާރާގެ ތެރެއިން ކަންކަން ގެންދިޔުމުގައި އުނދަގޫތަކެއް ނުވަތަ ހުރަސްތަކެއް ކުރިމަތި ވެދާނޭ ކަމުގެ ބިރު އޮތީމާތޯއެވެ؟ ފުލުހުންގެ މުއައްސަސާގެ އިސް މަޤާމުތަކުގައި ތިއްބެވި ބެއިފުޅުންގެ ސަފު އަލުން ތަރުތީބު ކުރުމަށް އަމާޒު ހިއްޕަވައިގެން ދާދި ފަހުން ފާސް ކުރެއްވި ޣައިރުދުސްތޫރީ "ޤާނޫނާ" އެކުގައި ވެސް، އެވަރަށް ފުލުހުންގެ މުއައްސަސާގެ ކޮންޓްރޯލް އަދި ލިބިވަޑައިނުގަންނަވާތީތޯއެވެ؟

comment ކޮމެންޓް