ޝަރީފަކަށް އިތުބާރެއް ނެތް، އީސީގެ ރައީސްއަކަށް ބޭނުމީ ފުއާދު: އިދިކޮޅު

އީސީގެ މިހާރު ރައީސް ޝަރީފް އަދި މެންބަރު ފުއާދު --

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ދާނީ އިލެކްޝަންސްގެ ކޮމިޝަންގެ ރައީސްކަމުން އަހުމަދު ޝަރީފު ވަކިކުރުމަށް ފަހު އެ މަގާމަށް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ހަމަޖެއްސުމަށް ފަހުގައި ކަމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން މިއަދު ބުނެފި އެވެ.

މިއަދު ޕީޕީއެމް-ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ޝަރީފު އީސީގެ ރައީސް ކަމުގައި ހުންނަވަައިގެން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް އެ ކޯލިޝަނުން ނުދެކޭ ކަމަށެވެ.

"އޭނާއާއެކު [ޝަރީފާއެކު] އިންތިހާބަކަށް އަޅުގަނޑުމެން ނުދާނަން... އިންތިހާބު އޭނަ ހުރެގެން މިނަވަން ނުވާނެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ފުއާދު ތައުފީގަށް. ޕީޕީއެމްއިން ބޭނުން ވަނީ ފުއާދު ތައުފީގު ރައީސަކަށް ބަހައްޓައިގެން އިންތިހާބަށް ކުރިމަތިލާން،" ޝުޖާއު ވިދާޅުވި އެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ޕީޕީއެމް

އޭނާ ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ތާއީދާއި އިތުބާރު އޮތީ ފުއާދަށް ކަމަށެވެ.

"އެއީ އަޅުގަނޑުމެންނަށް އެނގޭ އެމަނިކުފާނު [ފުއާދު] ހުރެގެން އިންސާފުވެރި އިންތިހާބެއް ބާއްވާނެކަން. އެއީ އަޅުގަނޑުމެން ބޭނުންވާ ވެރިއަކީ އެތަނަށްލާން. އަޅުގަނޑުމެންގެ އިތުބާރު އޮތީ ފުއާދަށް،" އީސީގެ ކުރީގެ ރައީސް އަދި މިހާރުގެ މެމްބަރު ފުއާދާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ކާމިބު ކުރި ރިޔާސީ އިންތިހާބު ބޭއްވި އިރު، އޭރު އިސީގެ ރައީސްކަން ކުރެއްވީ ފުއާދެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގައިވެސް މަކަރާއި ހީލަތް ހެދީ އީސީ ޝަރީފު އެތަނުގެ ރައީސަކަށް ހުންނަވައިގެން ކަމަށެވެ. އަދި އެކަމުގެ ތުހުމަތުތައް ޝުޖާއު ތަކުރާރުކުރެއްވި އެވެ.

"އިންތިހާބުގެ ކުރިން ޝަރީފު ބޭރުކުރާނަން. [އީސީގެ ކުރީގެ ނައިބު ރައީސް] އަކުރަމްވެސް އަޅުގަނޑުމެން ބޭރުކުރީ ނޫންތޯ..އިލެކްޝަންސް ކޮމިޝަން ތާހިރުކޮށްގެން އަޅުގަނޑުމެން އިންތިހާބާ ކުރިމަތިލާނީ،" ޝުޖާއު ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި މަކަރާ ހީލަތް ހަދާފައިވާ ކަމަށް ބުނެ އެ އިންތިހާބު ބާތިލު ކުރުމަށް އިދިކޮޅުން ސްޕްރީމްކޯޓަށްވެސް މައްސަލަ ހުށަހެޅި އެވެ. އެހެން ނަމަވެސް ސްޕްރީމް އިންތިހާބު ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމި އެވެ.

comment ކޮމެންޓް