ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގައި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ވޯކް ވިސާ ދޫކުރާގޮތަށް ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން ބުނީ އެގޮތަށް ހަމަޖެއްސީ ކޮވިޑް-19 ގެ ސަބަބުން، ގައުމުތަކުގެ ބޯޑަރު ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކަށް ކަމަށެވެ.
ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގައި އުޅެމުން އަންނަ ފަރާތްތަކުގެ ތެރެއިން، ވޯކް ވިސާއަށް އެދި ހުށަހަޅާ ފަރާތަކީ މުއްދަތު ހަމަނުވާ ވިސާއެއްގައި ރާއްޖޭގައި އުޅެމުންގެންދާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް އިމިގުރޭޝަނުން ބުނެފި އެވެ.
އޭގެ އިތުރުން އެފަރާތްތަކަކީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ބިޒްނަސް ވިސާގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތަކަށް ވެސް ވާންޖެހޭނެ އެވެ.
ސްޕެޝަލް ވިސާ ލިބިގެން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން، ރާއްޖޭގައި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތަކުގެ ތެރޭގައި ކްލަބް އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ފަރާތްތަށް ހިމެނޭނެ އެވެ.
އެފަރާތްތަކުގެ ވިސާ ބަދަލުކުރުމުގެ އެންމެހާ ކަންކަން، ޖޫން، 30، 2021 ގެ ކުރިން، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދަން އިމިގްރޭޝަނުން ވަނީ އަންގައިފަ އެވެ.