ރާއްޖޭގެ ރެޑް ލައިޓް ޑިސްޓްރިކްޓެއް! ހަށިވިއްކާ މާފިއާއެއް!

މާލޭގައި އުފސްފަސްގަނޑު ސަރަހައްދުގައި އާންމުންގެ ބަޔަކު. -- ސަން ފޮޓޯ

"އަނެއްހެން ނުރުހުމުގައެއް ނޫން އެ ކުދިންގެ. ހަމަ މިހެން އުޅޭ ރަށްރަށުގެ ކުދިންގެ އުޅުން ކުޑަކޮށް ސޯޝަލް މީޑިޔާއިން ބަލާލާފަ އެކަން ކުރާނެހެން ހީވަންޏާ، ފަސޭހައިން ލާރިކޮޅެއް ހަދާލަން ބޭނުންހޭ، އެހެން އަހަނީ. ދެން އެ އަމިއްލައަށްވެސް އަންނާނެ މާލެއަށް، އެކަން ކުރަން ހަމަ." މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ރިންގެއްގެ މައުލޫމާތު ކައިރިން ރަނގަޅަށް ދެނެހުރި މީހަކު "ސަން" އަށް ކިޔާދިން ވާހަކަތަކެވެ.

ހަށިވިއްކުމުގެ މައްސަލަތަކުގެ ވާހަކަ އަބަދުވެސް އަޑުއިވެ އެވެ. އެހެންނަމަވެސް އެއީ ކިހާ ފުން މިނެއް އޮތް، ކިހިނެތް އޮޕަރޭޓްކުރާ ވިޔަފާރިއެއް ހެއްޔެވެ؟ އެފަދަ ހަށިވިއްކާ ރިންގުތައް އޮޕަރޭޓް ކުރަނީ ކިހިނެއް ހެއްޔެވެ؟

މިފަދަ ހަށިވިއްކާ ރިންގެއްގައި ހަރަކާތްތެރިވާ ފަރާތަކުން މި ވަނީ އެ ނާޖާއިޒު ވިޔަފާރި ހިންގާ ގޮތުގެ މައުލޫމާތުތަކެއް "ސަން"އަށް ކިޔައިދީފަ އެވެ. އެ ހުތުރު ވިޔަފާރި ރޭވިފައި އޮންނަ ގޮތާއި އޭގެ އެންމެ އެތެރޭގައި ހިނގާ އެތައް ކަމެއްގެ ވާހަކަ އޭނާ ކިޔައިދިނެވެ. އެކަމަކު ނަން ނުޖަހާ ގޮތަށެވެ.

އޮޕަރޭޝަން ވައްތަރީ މާފިއާއަކާ!

އޭނާ ބުނިގޮތުގައި މި ވިޔަފާރިއަކީ ކިތަންމެ "އަންއެތިކަލް" ކަމަކަށްވިޔަސް ނުހުއްޓުވޭނެ ކަމެކެވެ. ސަބަބަކީ އެއީ، "ފަސޭހައިން ލާރި ހަދާލެވޭ ކުޑަ އިރުކޮޅެއްގެ ކަމަކަށްވާތީ" އެވެ.

ވިޔަފާރި އޮޕަރޭޓް ކުރަނީ މާފިއާ އޮޕަރޭޝަނެއްހެންނެވެ. އެކި ފަންތީގެ އެކި މީހުން ތިބެ އެވެ. އެކި މީހުންނަށް އެކި "ޖޮބް" ތައް އޮންނަނީ ބަހާލައިފަ އެވެ. ދޭ "ހިދުމަތުގައި"ވެސް ތަފާތު ކަންކަމާއި ފަންތިވެސް ހުރެ އެވެ.

"ތަފާތު ކެޓެގަރީތަކަކަށް ހުންނާނީ [ހިދުމަތްތައް]. ނަމްބަރު ދިނުމުން ފެށިގެން ސީދާ އެކަން ކުރުމާއި ހަމަޔަށް. ދެން ރިޕީޓު ކްލަޔަންޓުންވެސް ތިބޭ. އެކަންކަން ބަހާފަ އޮންނަނީ އެކަން ކުރާ އަންހެން ކުއްޖާގެ ކޮޓަރިއަށް ނުވަތަ ބުނާ ތަނަކަށް ގޮސް އެކަން ކުރުމާ، ކްލަޔަންޓު ބުނާ ތަނަކަށް ގޮސް އެކަން ކުރުން ކަހަލަ ގޮތަކަށް،" އެ މީހާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި މިހާރު ކަންކަން ކުރިޔަށް ދަނީ 2000-2015 ގެ އަހަރުތަކުގެ ތެރޭގައި ވިޔަފާރި ކުރިޔަށްދިޔަ ގޮތަކަށް ނޫނެވެ.

ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިގެން 2016 ވަނަ އަހަރު ތެރޭ ފުލުހުން ބަލައިފާސްކުރި ހ. ބިއުޓީ ހެލްތު ބޮޑީ ލައިފުން ހައްޔަރުކުރި ބިދޭސީ ހަތަރު އަންހެނުން ފުލުހުންގެ ވެހިކަލަކަށް އަރުވަނީ - ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޓެކްނޮލޮޖީއާއިއެކު ހަށިވިއްކުމަށްވެސް މިވަނީ ޒާތެއްގެ "އިންގިލާބެއް" އައިސްފަ އެވެ. މިހާރު މި ވިޔަފާރި ކުރިޔަށް ދަނީ އެންކްރިޕްޝަން ޓެކްނޮލޮޖީގެ ދަށުން އެންމެ ސެކިއުޔާ ޓެލެގްރާމް ގުރޫޕުތަކާއި ޗެނެލްތައް އަދި ހާއްސަ ހުއްދައަކާއިއެކު މަދު ބަޔަކަށް ނޫނީ އެކްސެސް ނޯންނަ ފޭސްބުކް ގުރޫޕު ފަދަ ތަންތަނުގަ އެވެ.

މި ވިޔަފާރީގެ ފުންމިނާއި ވިޔަފާރި ނުހުއްޓުވޭނެކަމަށް އޭނާ ދެއްކި އަނެއް ސަބަބަކީ އެ ވިޔަފާރީގެ މުގުލުގައި ސިޔާސީ ބާރުވެރިން އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ފަރާތްތައްވެސް ހިމެނޭތީ އެވެ.

އެތައް ގޮތަކުން މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރުވާ މި ވިޔަފާރީގެ ހުންގާނުގައި ހިފައިގެން ކުރިޔަށް ދުއްވަމުން ދަނީ ދިވެހިން އެކަންޏެއް ނޫނެވެ. ބިދޭސީންވެސް ދަނީ ހަށިވިއްކުމުގެ އިސް ދައުރުތަކެއް އަދާކުރަމުންނެވެ. ވިޔަފާރީގައި ހަށިވިއްކަން ވަކި ގައުމެއްގެ ވަކި ބަޔަކަށް ނުވަތަ ވަކި އުމުރަކަށް ބެލުމެއްވެސް ނޯވެ އެވެ.

"ކްލަޔަންޓުން ހިތްހަމަޖެހޭ ކުއްޖަކު ނަގަންވީ. ފައިސާ ދެނިކޮށް އެ ނިމުނީ. އުމުރު؟ އުޅޭނެ އެކި އުމުރުގެ ކުދިން، 17-18 އިން ފެށިގެން 35-40 ގައި. ކާކު ބޭނުން ނުވާނީ މަހެއްތެރޭ ބައި ލައްކައެއް ޖަހާލަން؟" ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

ތިން ފަންތިއެއްގެ މީހުން! ތިން މަސައްކަތެއް!

މި ވިޔަފާރީގެ ސްޓްރަކްޗާ އޮންނަ ގޮތުން ނަމަ ވިޔަފާރީގައި ތިބެނީ ތިން ބައެކެވެ.

އެންމެ މަތީ ފަންތީގައި ތިބޭނީ ވަރަށް މަދު ބައެކެވެ. މިއީ މި ވިޔަފާރި ފަށައިގަނެ ދަމަހައްޓާ މީހުންނެވެ. ނޫނީ "ބޮހުން" ނެވެ. އެ ރިންގުގެ އެންމެ މަތީ ފަންތީގެ މީހުންނާ ކޮންމެ ކޮންމެ ބަޔަކަށް ބައްދަލެއްވެސް ނުކުރެވެ އެވެ.

"މަ ފޮލޯ ކުރަނީ ބުރޯކަރެއް. އޭނަ ބުނާ ގޮތަށް ހަދަނީ. އެކަމު އިނގޭ އަދި މައްޗަށް އެހެން ބަޔަކު ތިބޭކަން. ކޮންބައެއްކަމެއް ނޭނގެ. ނުވެސް ބުނެވޭނެ އެނގުނަސް." އެމީހާ ބުންޏެވެ.

އެހެންނަމަވެސް އެމީހުންނަކީ އެކި ފަރާތްތަކާއި ގާތް ގުޅުންތައް އޮންނަ މީހުންކަމަށް އޭނާ ކިޔައިދިނެވެ. މަތީ ފަންތީގައި ތިބޭ މީހުންގެ ބޭނުމަކީ އިތުބާރު ހިފޭ ފައިސާ ހުރި ކްލަޔަންޓުން ހޯދުމެވެ. ދެން ވިޔަފާރިއަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަންކަން "އަޑި އަޑިން" ހައްލުކުރުމެވެ. ވިޔަފާރީގެ އެންމެ ބޮޑު ފައިދާ ލިބެނީ ހަމަ މި މީހުންނަށެވެ.

އޭގެ ދަށުން މިތިބެނީ "ބުރޯކަރުން" ނުވަތަ އެޖެންޓުންނެވެ. ބުރޯކަރުންނަކީ ވިޔަފާރި ހިންގުމުގެ މަސައްކަތް ކުރާ މީހުންނެވެ. މި މީހުންގެ މައިގަނޑު ބޭނުމަކީ ހަށިވިއްކާނެ އަންހެން ކުދިން ހޯދައި، އެ ވިޔަފާރިއާއި ގުޅިގެން ކުރާ މަސްތުވާތަކެތީގެ ވިޔަފާރިތައްވެސް "މެނޭޖް" ކުރުމެވެ.

އެމީހުންގެ މަސައްކަތުގެ ތެރޭގައި ޓެލެގްރާމް ޗެނެލްތައް ހިންގުން، އެމީހުން ހޯދާ އަންހެނުން ކްލަޔަންޓުން ކައިރިއަށް ދިޔުން ހަމަޖައްސައި، ފައިސާދޭތޯ ޔަގީންކޮށް ހަދައި އަދި އަންހެން މީހާއަށް ވީ ފައިސާ ހަވާލުކޮށް އޭނާ ބެލުން ހިމެނެ އެވެ.

ބޮޑުންގެ ގޮތުގައި މަދު ބަޔަކު ތިއްބަސް، ބުރޯކަރުންގެ ގޮތުގައި ތިން ހަތަރު މީހުންވެސް އުޅެދާނެ އެވެ. މިކަމުގައި އާންމުކޮށް އުޅެނީ މާލޭގެ ގޭންގްތަކަށް ނިސްބަތްވާ ޒުވާނުންނެވެ. މަދު މަދުން ބިދޭސީންވެސް ބުރޯކަރުންގެ ގޮތުގައި މަސައްކަތް ކުރެ އެވެ.

މާލޭގެ މަގެއްމަތިން އާންމުންގެ ބަޔަކު. -- (ސަންފޮޓޯ)

އޭގެ ދަށަށް މިތިބެނީ އަންހެނުންނެވެ. އެމީހުންގެ މަސައްކަތަކީ "ކްލަޔަންޓުން ހިތްހަމަޖައްސައިދިނުން"، ދެން އެކަމުގެ ސިއްރު ހިފެހެއްޓުމެވެ. ކޮންމެ ބުރޯކަރަކު މަދުވެގެން 2-3 އަންހެން ކުއްޖަކު ގެންގުޅެ އެވެ. އޭނާގެ ވާހަކަތަކުން ފާހަގަވާ ކަމަކީ، ވިޔަފަރީގެ ހަޑިހުތުރު އަމަލުތައް ކުރުމުގައި އުޅޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ދިވެހި ޒުވާން އަންހެނުންކަމެވެ. މަދު މަދުންނަމަވެސް ބޭރު ގައުމުތަކުގެ އަންހެނުންވެސް އުޅޭކަމަށް އޭނާ ބުންޏެވެ.

"ހަމަ އުޅޭނެ ވަޒީފާގެ އުޅޭ ކުދިންވެސް، ސައިޑަކުން ލާރިކޮޅެއް ހޯދަން،" އެމީހާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ބައެއް ކްލަޔަންޓުންނަކީ އަތަށް ފައިސާ ހަވާލުކުރާ ބައެކެވެ. އެހެންވިއްޔާ އެ ހަވާލުކުރާނީ ބުރޯކަރާއި ނުވަތަ އަންހެން މީހާއާ އެވެ. އެ ފައިސާ ބޮޑަށް ހުންނަ މީހާއަށް ޓްރާންސްފާކޮށް ހެދުމަކީ ބުރޯކަރުގެ ޒިންމާއެކެވެ.

"އިތުބާރެއް ނުކުރާނެ. އެހެންވެ ގިނަ ކްލަޔަންޓުން ބޭނުންވާނީ އެމީހުން ހަމަޖައްސާ ތަނަކަށް އަންހެން މީހާ ދާން." އެމީހާ ކިޔައިދިނެވެ.

ޓެކްނޮލޮޖީއާއިއެކު ގާނޫނަކަށް ވިޔަފާރި އަތެއް ނުވި!

އެ މީހާއަށް މައުލޫމާތު ދިން ރިންގަކީ ޓެލެގްރާމް މެދުވެރިކޮށްވެސް މިކަން ކުރާ ރިންގެކެވެ.

ބުރޯކަރުން ޗެނަލްއެއް އުފައްދުމުން އެ ޗެނެލްއަށް ވަންނަން ލިބޭނީ އެއްކަލަ ވިޔަފާރީގެ ބޮޑުން ހަމަޖައްސާ ކްލަޔަންޓުންނާއި، ބުރޯކަރާއި ބުރޯކަރުގެ އެކުވެރިން އަދި އެހެން ގޮސް އިތުބާރު ކުރެވޭ އަދި ހަށިގަންނާނެ ފައިސާހުރި ރައްޓެހިންނެވެ.

މި ޓެލެގްރާމް ޗެނަލްތައް ހިންގަން ބުރޯކަރުން ގެންގުޅޭ އެއް އުކުޅަކީ އޮރިޔާން ކާޑު ގުރޫޕުތަކަށް އަޅައި މާކެޓު ކުރުމެވެ. އޭގެ ތެރެއިން ކުއްޖަކު ބޭނުންވެއްޖެނަމަ ޖެހެނީ ޗެނެލްގެ އެޑްމިން ނުވަތަ އެެއްކަލަ ބުރޯކަރަށް މެސެޖު ކުރާށެވެ.

އެހާ ހިސާބުން ބުރޯކަރު ކްލަޔަންޓަށް ސެކިޔާ ލިންކެއް ފޮނުވަ އެވެ. އެ ލިންކު މެދުވެރިކޮށް ދެން ހުރި ހުރިހާ ކަމެއްވެސް ހަމަޖައްސާކަމަށް އެމީހާ ކިޔައިދިނެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓެލެގްރާމް މެދުވެރިކޮށް ހަށިވިއްކުމުގެ އަމަލުތައް ހިންގާ ޗެނެލްއެއްގެ ޗެޓްގެ ސްކްރީންޝޮޓްތަކެއް.

އޭނާ މި ހުރިހާ ވާހަކަތަކެއްވެސް ދެއްކީ ޓެލެގްރާމްގައި އޭނާ އެޑްމިންކަން ކުރަމުން އައި ޗެނެލްއެއް ފޯނުން ހުޅުވައިގެން ދައްކަމުންނެވެ. އެ ޗެނެލް ތެރެއިން ކްލަޔަންޓުންނާއި މީސްމީހުން ދައްކާފައި ހުރި ހަޑިހުތުރު ވާހަކަތައްވެސް ފެންނަން ހުއްޓެވެ.

ދަންނަ މޫނުތައްވެސް މިކަން ކުރޭ

މިކަންކަން ކުރަން މާލޭގެ ދުވަހު ކުއްޔަށް ލިބެން ހުންނަ ގެސްޓުހައުސްތަކަކީ ވަރަށް ގިނައިން ބޭނުންކުރާ ތަންތަނެވެ. އޭގެ އިތުރުންވެސް ކްލަޔަންޓުންގެ އަމިއްލަ ގެތަކާއި އެޕާޓްމެންޓްތައްވެސް އަދި އަންހެން މީހާގެ ގެވެސް ބޭނުންކުރެ އެވެ. އަދި ބުރޯކަރުންގެ ގޭންގުތަކުގެ އައްޑާތަކާއި ރޫމުތައް އަދި ކެފޭތައްވެސް ބޭނުންކުރެ އެވެ.

މި ނޭދެވޭ ވިޔަފާރި ފެތުރިފައިވާ މިންވަރު ރާއްޖޭގެ މަޝްހޫރު އަދި ގިނަ ބަޔަކު ދަންނަ ފަރާތްތައްވެސް މި ވިޔަފާރިތަކުގައި އުޅޭތީވެ ވަރަށް ސާފުކޮށް ފެނިގެންދެ އެވެ. ސީދާ ނަމެއް ހާމަ ނުކުރި ނަމަވެސް މީގެ ތެރޭގައި ޓިކްޓޮކް ފަންނާނުންނާއި، ފިލްމީ ބައެއް ތަރިންވެސް އެކަން "ބަރާބަރަށް" ކުރާކަމަށް އެމީހާ ބުންޏެވެ.

"ސަން" އަށް މައުލޫމާތު ދިން މީހާއާ ގުޅުން އޮންނަ ރިންގުގެ އަގުތަކަކީ ފޯނުން ކުރާ އަމަލުތަކަށް 300-500 ރުފިޔާއާއި ދެމެދުގެ އަގެކެވެ. އަންހެން ކުއްޖާ ނުވަތަ ބުރޯކަރު ހަމަޖައްސާ ތަނެއްގައި އެކަން ކުރަން 1،000-1،500 ރުފިޔާ އެވެ. ކްލަޔަންޓު ބުނާ ތަނަކަށް ދާ ނަމަ 1،500-2،000 ރުފިޔާ އެވެ. ހުޅުމާލެ ނަމަ 2،200 ރުފިޔާއަށްވުރެ ބޮޑު އަގެއްވެސް އަރަ އެވެ. އެކި އަންހެން ކުދިންގެ އަގުތައްވެސް އުޅެނީ އެކި ވަރުގަ އެވެ. އަދި ދުވާލެއްގެ މައްޗަށް 3-4 ކްލަޔަންޓުންވެސް އާދެ އެވެ.

"ރިސްކު ބޮޑުވާނެ. އެހެންވެ އަގު ބޮޑުވަނީވެސް. ދެން އަންހެން ކުއްޖާ އެ ކަމެއް ކުރަން އޯކޭ ވާ އަގެއްވެސް އޮންނާނެތާ. އެވަރު ނަގާފަ ފައިދާ ވާ ވަރަށް އަގު ކިޔާނީ. އަހަރުންނަށް ހަފްތާއެއްގެ މައްޗަށް މަދުވެގެން 7،000 ޖެހޭ. އަންހެން ކުއްޖާއަށް ލިބިދާނެ 10،000 ނުވަތަ 15،000 ވެސް، އެޔަށްވުރެ ގިނައިންވެސް. ޑިޕެންޑްސްް، ކްލަޔަންޓުންގެ އަދަދަށް، ބައެއް މީހުން ލާރި ހުންނާތީވެ އިތުރަށްވެސް ދޭނެ، ދެވަނަ ފަހަރަކަށް." އެމީހާ ކިޔައިދިނެވެ.

މިއީ މިފަދަ އެންމެ ޓެލެގްރާމް ޗެނެލްއެއް ނުވަތަ އެންމެ ރިންގެއްގައި ކަންތައް ހިނގާ ގޮތުގެ ވާހަކަ އެވެ. މިފަދަ ޗެނެލްތަކާއި ވިޔަފާރިތައް ގުނާ އަދަދު ނުކުރެވޭހާ ގިނަ އެވެ.

ބްލެކްމެއިލް، ފޭރުން އަދި ސިޔާސީ ބޭނުން!

ގާނޫނީ އިމުން ބޭރުން ކުރާ މިފަދަ ހަޑިހުތުރު ފާހިޝް އަމަލުތަކާއި ނުބައި ވިޔަފާރިތަކުން އެތައް އެތައް ނުބައި ކަމެއްގެ ކުރިފަޅަ އެވެ.

މިފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކޮށް ފަޅާއަރުވައި އަދި މިފަދަ ވިޔަފާރިތަކުގެ އަޑި އެނގޭ ބައެއް މީހުން ބުނާ ގޮތުގައި މީގައި ސިޔާސީ މަންފާ ހޯދުމާއި، ބްލެކްމެއިލް ކުރުން އަދި ފޭރުމުގެ އަމަލުތައްވެސް ހިނގަނީ މަދަކުންނެއް ނޫނެވެ. އަދި މި ވިޔަފާރިތަކުގެ ޝިކާރައަކަށްވާ ކުދިންގެ އޮރިޔާން ކާޑު ބެހުމަކީވެސް ހަމަ އާދައިގެ މަތިން މި ވިޔަފާރިތަކުގައި ކުރާ ކަންކަމެވެ.

މިފަދަ ވިޔަފާރިތަކުގެ މައުލޫމާތު ކޮންމެވެސް ވަރަކަށް އެނގޭ އަދި އޮރިޔާން ކާޑުގެ ވިޔަފާރިތަކާއި ގުރޫޕުތައް ފަޅާއެރުވުމުގެ މަސައްކަތްކުރާ އެއް ފަރާތެއް ބުނިގޮތުގައި މިފަދަ ވިޔަފާރިތައް ކޮވިޑުގެ ފުރަބަންދާ އެކު ވާޗުއަލްކޮށްވެސް ވަނީ ކުރިޔަށްގެންގޮސްފަ އެވެ.

ބަލިމަޑުކަމުގެ ތެރޭގައިވެސް މި ވިޔަފާރި މަޑުޖެހޭ ގޮތެއް ނުވި އެވެ. ގާނޫނީ ގޮތުން ހުއްދަ އެތައް ވިޔަފާރިތަކަކާއިއެކު މި ވިޔަފާރިވެސް ވަނީ ވާޗުއަލް ދުނިޔެއަށް ފުންމާލާފަ އެވެ. އެގޮތުން ވީޑިއޯ ކޯލް، ސެކްސްޓިންގް އަދި ލައިވް ޝޯތަކެއްވެސް ލޮކްޑްއުންގެ ތެރެއިން މާލޭގައި ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

ހަވީރު ގަޑީގައި މާލޭގެ މަގެއްމަތިން އާންމުންގެ ބަޔަކު. -- ސަން ފޮޓޯ

"ލޮކްޑައުން ތެރޭ ވާޗުއަލްކޮށްވެސް އެކަހަލަ ޝޯތަކެއްވެސް ބޭއްވި. އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން. އެފަދަ އެއް ޝޯއަށް ވަންނަން މީހުން ފައިސާ ޓްރާންސްފާ ކުރަނީ. ފުލުހުންނަށްވެސް މިކަން ހުށަހެޅިން. މާ ބޮޑު އެދެވޭ ޖަވާބެއް ލިބިފައެއް ނުވޭ،" އެމީހާ ކިޔައިދިނެވެ.

"އާ ކަމެއް ނޫން އެއީ. ހަމަ މަޝްހޫރު އެންމެން ދަންނަ މީހުންވެސް ކުރޭ. ކުރިންވެސް އަދި މިހާރުވެސް ރާއްޖޭގެ ރިސޯޓުތަކަށް ދާ ބައެއް ނަށާ ގުރޫޕުތަކުގެ ކުދިންވެސް ކުރާ ކަމެއް. ބައެއް ފަހަރު ފައިސާއަށް. އެ ރިސޯޓުތަކުގެ މަތީ މަގާމުތަކުގައި ތިބޭ މީހުންނާއިއެކު. ދެން ބައެއް ފަހަރު ގެސްޓުންނާ އެކުވެސް. އެކްސްޕްލޮއިޓް ކުރަނީ ކުދިން ހަމަ."

ސަބަބަކީ؟ ފައިސާ! ފައިސާ! ފައިސާ!

އޮރިޔާންކާޑު ބަހާ ޓެލެގްރާމް ޗެނެލްތަކެއް ފަޅާއަރުވާލި އެމީހާ ބުނިގޮތުގައި އެކަން ކުރާ އެއްވެސް އަންހެން ކުއްޖަކީ އެކަން ކުރަން ބޭނުންވެގެން ކުރާ ބައެއް ކަމަށް ގަބޫލުކުރަން އޭނާއަށް ދައްޗެވެ.

އެމީހާވެސް ބުނީ އެފަދަ ވިޔަފާރިތަކުގެ "ވަކީގައި" ޖެހިފައިވާ އަންހެނުންވެސް އެކަން ކުރަނީ އެއީ ފަސޭހައިން ފައިސާ ހޯދޭނެ ކަމަކަށްވެފައި، ގޭގެ ހަރަދުތަކާއި އަމިއްލަ ހަރަދުބަރަދުގެ ކަންކަން ދެކޮޅު ނުޖެއްސޭތީ އެވެ. އަދި އެއީ އެދެވޭ ތައުލީމެއް ލިބިފައި ނެތީމައި ނުވަތަ ރަނގަޅު ވަޒީފާއެއް ހޯދަން އުނދަގޫވުން ނުވަތަ ނާޖާއިޒު ފައިދާ ހޯދަން އުޅޭ ގާތް މީހެއްގެ ސަބަބުން ނުވަތަ އާއިލީ މައްސަލަތަކާ ހުރެވެސް ބައެއްމީހުން ކުރާ ކަމެއް ކަމަށް އޭނާ ލަފާކުރި އެވެ.

މާޗް 20، 2020 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހަމަ ރީއްޗަށް އެނގޭނެ ބަލާލާފަ. އެކަހަލަ ލައިފްސްޓައިލްއެއްގަ އުޅެންޏާ. އެއީ އެ އަދާކުރާ ވަޒީފާއަކުން ނުލިބޭނެކަން އެފޯޑުކުރަން އެކަހަލަ ލައިފްސްޓައިލެއް. ދެން އެ ލަގްޝަރީގައި އުޅެން ބޭނުންވެގެން ނުވަތަ އެ ފެންވަރުގައި އުޅެ އެކަން ދަމަހައްޓަން ކުރާ ކަމެއް. އެކުދިން އެކްސްޕްލޮއިޓް ކުރަނީ ހަމަ އެ. ދެން އެކަކުވެސް އެއްބަހެއް ނުވާނެތާ...ހަށިވިއްކަމޭ ކިޔާފަ. އެކަމަކު އެއި ހަމަ ތެދު ހަގީގަތް، ވަރަށް ބޮޑަށް އޮވޭ އެކަން. އެންމެންނަށްވެސް އެނގޭނެ" އެމީހާ ކިޔައިދިނެވެ.

ހަށިވިއްކުމުގެ އުކުޅުތަކަކީ ރާއްޖޭގައި އޮޕަރޭޓްކުރާ ގޭންގުތަކުންވެސް އެކަމުގެ ބޭނުން އެކި ގޮތްގޮތަށް ހިފާ ކަމެކެވެ.

"މިސާލަކަށް ބްލެކްމެއިލްކުރަން އަންހެންކުއްޖާ ފޮނުވަފާނެ ޖެހިފަ އޮންނަ ގޭންގް ބައެއް ކައިރިއަށް. ހަމަ އާންމުކޮށް އެކަން ކުރާނީ އޭގެން މީހަކާއި ގާތް މީހެއް، އަނތްބެއް ނުވަތަ ރައްޓެއްސެއް. އެއީ އެއްކަލަ ބްލެކްމެއިލް މެޓީރިއަލް ހޯދަން. މިއީ ހަމަ ސިޔާސީ ގޮތުންވެސް ވާ ކަންކަން." އޭނާ ކިޔައިދިނެވެ.

މި ރިޕޯޓަށް ވާހަކަދެއްކި ކޮންމެ މީހަކުވެސް ބުނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަނީ އެކަމުން ލިބޭ ބޮޑު އާމްދަނީގެ ސަބަބުން ކަމަށެވެ. އަދި އެއީ ވަރަށް ސާފު، މާ ގިނަ ސަބަބުތަކެއް އޭގެ ފަހަތުގައިވާ ކަމެއް ނޫނެވެ.

މާލެ ސިޓީ: ރާއްޖޭގެ ރެޑް ލައިޓް ޑިސްޓްރިކްޓް

ބައެއް ފަރާތްތަކުން އެކަން ކުރާ އަންހެނުންނަކީ ނުފޫޒުގައި ޖެހިގެން "އެކްސްޕްލޮއިޓް" ކުރެވޭ ބައެއްކަމުގައި ބުންޏަސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ސައިކޮލޮޖިސްޓުންނާއި އިޖުތިމާއީ މަސައްކަތުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުންގެ ބަސްތައް ހުރީ މިއާއި ދިމާ އިދިކޮޅަށެވެ.

"އެއީ ލައިފްސްޓައިލް ޗޮއިސްއެއް. ތިބޭފުޅުން ނޫސްވެރިކަން ކުރަން އެދޭ ގޮތަށް، އެބޭފުޅުންވެސް ބޭނުންވަނީ އެކަން ކުރަން. އެއީ ހަމަ އިހުތިޔާރުގައި އޮތް ކަމެއް. ކޮންމެ ހާލަތެއްގައި ހަޔާތް އޮތްނަމަވެސް އެފަދަ ހަޑިހުތުރު އަމަލެއް ކުރާކަށް ނުޖެހޭނެ. ހަމަ އަމިއްލަ ޗޮއިސްއެކޭ ދެންނެވޭނީ، ބަޔަކު ނާޖާއިޒު ފައިދާއެއް ނަގަނީއެއް ނޫން." ރާއްޖޭގައި މަސައްކަތްކުރާ ސައިކޮލޮޖިސްޓެއްގެ ކައިރިން މިކަހަލަ ވިޔަފާރިތަކުގައި ބައިވެރިވާ ފަރާތްތައް ބައިވެރި ވަނީ ކީއްވެގެންތޯ އަހާލުމުން ދިނީ މި ޖަވާބެވެ.

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެފަދަ ވިޔަފާރިތަކުން ނިކުންނާނެ ނޭދެވޭ މައްސަލަތަކަށް އަލިއަޅުވާލަމުން އެ ސައިކޮލޮޖިސްޓު ބުނީ އެކަމުގެ އެންމެ ބޮޑު ނޭދެވޭ ނަތީޖާއަކީ ހަމަ އެންމެންނަށްވެސް އެނގޭނެ ކަމެއް ކަމަށެވެ. އަދި އެއީ މުޖުތަމައުގައި ފެތުރިއްޖެނަމަ ވަރަށް ނުރައްކާތެރި ކަމެއްކަމަށް އޭނާ ބުންޏެވެ.

"އެސްޓީޑީ ބަލިތައް. އެއީ އޭގެ އެންމެ އޮބްވިއަސް ނޭދެވޭ ނަތީޖާއަކީ." އޭނާ ކިޔައިދިނެވެ.

އިޖުތިމާއީ މަސައްކަތް ކުރާ ޖަމިއްޔާއެއްގައި ހަރަކާތްތެރިވާ ފަރާތަކުން ބުނިގޮތުގައި މިފަދަ ވިޔަފަރިތަކުން ދީނީ އަދި އިޖުތިމާއީ އެތައް މައްސަލައެއް ނިކުމެ އެވެ.

އޭގެ ތެރޭގައި ދީނީ އެއްބައިވަންތަކަން އަދި އަގީދާގެ ބާރު ދެރަވެ، އާއިލާތައް ރޫޅި، ކައިވެނިން ބޭރުގައި ބަލިވެ އިނުން، ދެބަސްވުން އުފެދި މުޖުތަމައުގެ ހަމަޖެހުން ގެއްލޭ ހިސާބަށްވެސް ކަންކަން ދިޔުމަކީ ހަމަ އިސާހިތަކު ވެދާނެ ކަމެއްކަން އެބޭފުޅުން ގަބޫލުކުރެ އެވެ. އަދި ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް މި ވިޔަފާރީގެ ސަބަބުން އިތުރު ޒުވާނުން މަގުފުރެދި ގައުމުގެ ކުރިމަގަށްވެސް ނޭދެވޭ އެތައް އަސަރެއް ކުރިމަތިވާނެ އެވެ.

މިއީ ހައްތަހާވެސް މިކަަމުން ނިކުމެދާނެ މައްސަލަތަކެކެވެ. މި ރިޕޯޓަށް ހޯދި ހޯދުންތަކުން ފާހަގަވިކަމަކީ ރާއްޖޭގައި ވަރަށް ބޮޑަށް މި ސަގާފަތް އަށަގެންފައިވާ ކަމެވެ. ނޭނގިތިބެނަމަވެސް މިތިބީ މިހާރު ހަށި ވިއްކުމުގެ ހާއްޔެއްގެ ތެރޭގައި ކަމެވެ.

ރާއްޖެގެ އެހެން ރަށްރަށުގައިވެސް ހަށިއްކުމުގެ އަމަލުތައް އޮތްނަމަވެސް، އެކަންކަން ކުރަނީ މާލޭގައި މިކުރާ ފެންވަރުގައެއް ނޫނެވެ. މި ރިޕޯޓުގެ ތަހުގީގަށް ހޭދަވި އެއް މަސް ދުވަހުން މާލޭގައި މިކަން ކުރާލެއް ވަރަށް ފުޅާވެފައި ޓެކްނޮލޮޖީގެ ގޮތުން ވެސް އުޅެނީ ކުރީގަ އެވެ.

އެހެން ގައުމުތަކުގެ ސިޓީތަކުގައި "ރެޑް ލައިޓް" ޑިސްޓްރިކްޓްގެ ނަމުގައި ހާއްސަ ސަރަހައްދުތަކެއް މިކަމަށް ނަން މަޝްހޫރުވެފައިވިޔަސް ރާއްޖޭގައި އެފަދަ ޑިސްޓްރިކްޓެއް ނެތެވެ.

އެހެންނަމަވެސް ރާއްޖޭގައި އޮތީ މާލެ ސިޓީ އެވެ. މާލޭގެ ވަކި ސަރަހައްދެއް ނޫނެވެ. މާލެއަކީ ރާއްޖޭގެ ރެޑް ލައިޓް ޑިސްޓްރިކްޓެވެ.

މިފަދަ އެންމެ ރިންގެއްގެ އޮޕަރޭޝަންތައް މި ފެންވަރުގައި ކުރާނަމަ އަދި މިފަދަ ކިތައް ރިންގު އޮންނާނެބާ އެވެ؟ ގާނޫނު ތަންފީޒުކުރާ އިދާރަތަކުން މިފަދަ ރިންގުތައް ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް އެބަ ކުރޭ ހެއްޔެވެ؟ މި ސުވާލުތައް އުފެދެނީ އެ ވިޔަފާރި ހިންގާ ފެންވަރުގައި ރޭވުންތެރިކަން ބޮޑުކަމުންނެވެ.

comment ކޮމެންޓް