ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އަތޮޅުތެރެއަށް ކުރައްވާ ދަތުރުތަކުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭނު ކުރާތަން ނުފެންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް، އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ސަރުކާރުގެ ވަފުދުތައް ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެފުރުސަތު ފަހިކޮށް ނުދޭ ކަމަށް ބުނެ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ އެކަމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް އާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން އަތޮޅުތެރެއަށް ކުރަނީ އިންތިހާނުގެ ކެމްޕޭނު ދަތުރުތައް ކަމަށް ބުނެ ކެންޑިޑޭޓުން ޝަކުވާ ކުރާ ކަމަށެވެ.
"އަޅުގަނޑު ނުދައްވާނަން އެއީ ކެމްޕޭން ހަރަކާތްތަކެކޭ. އަޅުގަނޑު ދަންނަވާނީ އެއީ ގައިޑްލައިންގަ ކަނޑައަޅާފަވާ ހުއްދައެއް ހޯދައިގެން އަދި އެކަމާ އެކީގަ. އެހެންވީމަ އެބޭފުޅުން ސަރުކާރުން ދޭ ހިދުމަަތްތަކާއި ގުޅިގެން ވާހަކަދައްކާ ކަމުގައި ވާނަމަ އެ ވާހަކަދެއްކުމަކީ އަޅުގަނޑުމެން އިލެކްޝަން ކޮމިޝަނުން ހުއްޓުވޭނެ ކަމެއް ވެސް ނޫން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުގެ ވަފުދުތައް އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގައި ކެމްޕޭނު ކުރާ ކަމުގެ ޝަކުވާ އެއްވެސް ރަށަކުން ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ޕީޕީއެމް އަދި ޕީއެންސީން އެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
"ޝަކުވާ ހުށަހެޅީ އެބޭފުޅުން ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އަދި ބައެއް ކުންފުނިތަކުގެ އިސްވެރިން ވަޑައިގަންނަވާ އިރު އެބޭފުޅުންގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އަދި ބައެއް ދާއިރާތަކަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނާ ވަޑައިގަންނަވާ ކަމަށް. ބައްދަލުވުންތައް ބާއްވާއިރު ލައިވްކޮށް ނުވަތަ ރެކޯޑިން އެއް ފެންނަ އިރުވެސް އަޅުގަނޑުމެންނަކަށް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނެއްގެ ސިފައިގައެއް ނޫން ފެނިގެންދަނީ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުން އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި، ރައްޔިތުންނާ ބައްދަލުކޮށް ކެމްޕޭމް ހަރަކާތް ހިންގާކަމަށް އިދިކޮޅުން ތުހުމަތު ކުރާ ކަމަށެވެ. އަދި ސަރުކާރުން އަތޮޅުތަކަށް ދަތުރު ކުރާ އުސޫލުގެ ދަށުން އިދިކޮޅު ފަރާތްތަކަށް ވެސް އެ ފުރުސަތު ހޯދައިދޭން ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕުން އެދިފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން އިލެކްޝަންސް އިން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ މަޝްވަރާކުރުމުން، އެކަމާ ބެހޭގޮތުން ސިޔާސީ ޕާޓީތަކާ އެކީގައި މަޝްވަރާކުރާނެ ކަމަށް ވިދާޅުވި ކަމަށެވެ.
ޝަރީފް ވަނީ ކެމްޕޭނު ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބިދާނެތީ ކަންބޮޑުވެ، އެކަމާ ސުވާލު ނުއުފެއްދުމަށް ހުރިހާ ކެންޑިޑޭޓުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އޭނާ ވިދާޅުވީ ގާނޫނުން ދިނުން ލާޒިމުކުރާ ކެމްޕޭނުގެ މުއްދަތު ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކޮށް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް 2360 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 1769 ކެނޑިޑޭޓުން ކުރިމަތިލިއެވެ. އަދި އޭގެ ތެރެއިން 100 އަށް ވރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އަންނަ އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން ވަނީ ޝެޑިއުލްކޮށްފައެވެ. ނަމަވެސް އިންތިހާބު ބޭއްވުމުގެ ހުއްދަ އަދި އެޗްޕީއޭ އިން ދީފައެއް ނުވެއެވެ.