ޑރ. އަލްމާސްގެ ކޮލަމް: ލޮލަށް ބުޅި ހެރުން އިތުރުވުން، ސަމާލުވެލައްވާ!

ދިވެހި މަސްވެރިިން މަސް ބޭނުމުގައި --

ލޮލަކީ އިންސާނާއަށް ލިބިފައިވާ ހިއްސުތަކުގެ ތެރެއިން އާންމު ދިރިއުޅުމަށް ނުހަނު ބޭނުންތެރި އަދި އެހާމެ މުހިންމު އެއް ހިއްސެވެ. ކިތަންމެ ކުޑަ ގުނަވަނެއްކަމުގައިވިޔަސް ލޮލުގެ ގިއުގަނޑަކީ ވަރަށް "ކޮމްޕްލެސް" އަދި އެހާމެ ނާޒުކު ގުނަވަނެކެވެ. ލޮލުގެ ކޮންމެ ފަށަލައަކީ ވަކި ހާއްސަ ސިފައެއް ލިބިފައިވާ ހާއްސަ މަސައްކަތެއް ކުރާ ފަށަލައެކެވެ. އެހެންކަމުން ލޮލަށް ލިބޭ އަނިޔާގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރުކުރާ މިންވަރު ބިނާވެގެންވަނީ ލިބޭ އަނިޔާގެ ކުޑަބޮޑު މިނުގެ އިތުރުން ގެއްލުން ލިބޭ ފަށަލަތަކުގެ މައްޗަށެވެ.

އާންމު ދިރިއުޅުމުގަ އާއި އެކިއެކި މަސައްކަތްތައް ކުރުމުގެ ތެރޭގައި ލޮލަށް އަނިޔާލިބުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. މިހާރަކަށް އައިސް މަސްބޭނުމުގެ ތެރޭގައި ލޮލަށް ބުޅިހެރުމުގެ ހާދިސާތައް ވަނީ އިތުރުވާން ފަށާފައެވެ. އެހެންކަމުން މިފަދަ އަނިޔާތަކުން ސަލާމަތްވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ މަސްވެރިންގެ އިތުރުން ހުސްވަގުތުގައި ރައްޓެހިންނާއެކު މަހަށް ނިކުންނަ މީހުންވެސް ސަމާލުކަންދޭންޖެހޭ ކަމެކެވެ.

ލޮލަށް ބުޅި ހެރުމުގެ ސަބަބުން ތަފާތު އެކިވަރުގެ އަނިޔާތައް ލިބެއެވެ. އެގޮތުން ހުދުކަޅީގެ ދުލިފަށް ކަނޑައިގެން ދިޔުމުން ލިބޭ އަނިޔާތަކުން ފެށިގެން ލޮލުގެ ފެނުން ދާއިމަށް ގެއްލިގެން ދިޔުން ފަދަ ބޮޑެތި އަނިޔާތައް ހިމެނެއެވެ. މިގޮތުން ލޮލަށް ލިބޭ ކުދި އަނިޔާތަކުގެ ތެރޭގައި ލޮލުބޮނޑި(އައި ލިޑް) ދުޅަވެ ނޫފައިގެން ދިޔުމާއި، މަށައިގެން ދިޔުމާއި ކަނޑައިގެން ދިޔުން ހިމެނެއެވެ. ލޮލުބޮނޑި މައްޗަށް ލިބޭ މިފަދަ އަނިޔާތަކަކީ ގިނަފަހަރަށް ލޮލުގެ ފެނުމަށް ސީދާގޮތުން އަސަރުކުރާ އަނިޔާތަކެއް ނޫނެވެ. ލޮލުގެ ހުދުކަޅީގެ ދުލިފަށް ކަނޑައިގެން ދިޔުމާއި ހުދުކަޅިޔަށް ލޭ އެޅުމަކީވެސް، އެހެން އަނިޔާއެއް އެކުލެވިގެން ނުވާނަމަ ލޮލުގެ ފެނުމަށް މާބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއް ނޫނެވެ. އެހެންނަމަވެސް ލޮލުގެ ކަޅުކަޅިޔަށް ލިބޭ ގިނަ އަނިޔާތަކަކީ ލޮލުގެ ފެނުމަށް އަސަރު ކުރާނެ ކަމެކެވެ. ކަޅުކަޅި ނުވަތަ ހުދުކަޅި އެއްކޮށް ކަނޑައިގެންގޮސް ލޮލުގެ އެތެރޭގެ ފަށަލަތަކަށް އަނިޔާލިބުމަކީ އޭގެ ސަބަބުން ދާއިމީކޮށް ލޮލުގެ ފެނުން ހިނގައިދާނެ ކަމެކެވެ.

ބައެއް ފަހަރު ދޮށީގައި ބުޅިއާއެކު ބޭނުންކުރާ ބަރުންވެސް ލޮލަށް އެކިވަރުގެ އަނިޔާތައް ލިބެއެވެ. ގިނަފަހަރަށް ލޮލުގެ ބޭރުފަށަލަތަކަށް މާބޮޑެތި އަނިޔާތަކެއް ނުލިބުނު ނަމަވެސް އެތެރޭގެ ބައިތަކަށް މިކަމުން އެކިވަރުގެ ގެއްލުން ލިބެއެވެ. އެގޮތުން ބަރުން ލޯމަތީގައި ޖެހުމުގެ ސަބަބުން ލޮލުގެ އެތެރޭގެ ބައިތަށް ދުޅަވުން، ލޭއެޅުން، ލޮލުގެ ޕްރެޝާ މަތިވުން، ލެންސަށް ފުސް އެރުމާއި ލެންސް ގުޑުން، ލޮލުގެ އަލިދުލިފަށް ނެއްޓުމުގެ އިތުރުން ލޮލުގެ ނާރަށް ގެއްލުންވުމަކީ އެކަށީގެންވާކަމެކެވެ. ބައެއްފަހަރު ލޯ ފަޅައިގެން (ޕާފޮރޭޝަންއަކަށް) ދިޔުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިއިން ކޮންމެ އަނިޔާއެއްވެސް ބިނާވެގެންވަނީ ބުޅި ނުވަތަ ބަރު އަންނަ ބާރުމިނާއި ޖެހޭ ގޮތާއި ޖެހޭ ތަނެއްގެ މައްޗަށެވެ.

މަސްވެރިކަމުގެ ތެރޭގައި ލޮލަށް ބުޅިހެރުމުން އަމިއްލައަށް ނުވަތަ އެހެން ބަޔަކު އަނިޔާ ލިބުނު މީހާއަށް އެހީތެރިވުމުގެ ނިޔަތުގައި ލޮލުން ބުޅި ނައްޓާހަދައެވެ. އެހެންނަމަވެސް ލޮލުގެ އެތެރޭގައި ހަރުލާފައިހުންނަ ބުޅި މިގޮތަށް ނެގުމަކީ ލޮލަށް އިތުރަށް ގެއްލުންވާނެ ކަމެކެވެ. ފެންއަޅާ ލޯ ދޮވެ، ބޭސްއަޅާ ހެދުމަކީ އިތުރު ޖަރާސީމުތަށް ލޮލުގެ އެތެރެއަށް ވަނުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެހެންކަމުން މިފަދަ ކަންކަން ނުކޮށް، ލޮލަށް ޕުރެޝަރު ނުވާގޮތަށް (ލޮލުގައި ނުވަތަ ބުޅި ހަރުލާފައި ހުރިނަމަ ބުޅީގައި ނުޖެހޭނެހެން) ލޮލުގައި ޝީލްޑްއެއް އެޅިދާނެއެވެ. އަދި އަނިޔާނުވާ ލޯވެސް ނުހުޅުވޭގޮތަށް ބަންދުކޮށްލެވިދާނެއެވެ. މީގެ ބޭނުމަކީ އަނިޔާވި ލޯ ހަރަކާތްކުރުން ހުއްޓުވައި ލޮލަށް އިތުރަށް އަނިޔާވިޔަނުދިނުމެވެ. މަސްވެރިކަމުގެ ތެރޭގައި ނޫނަސް ތޫނު އެއްޗެހިން ލޮލަށްލިބޭ އަނިޔާތަކުގައިވެސް މިގޮތަށް އަމަލުކުރެވިދާނެއެވެ. މިއާއިއެކު ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާހޯދައި، ވީ އެންމެ އަވަހަކަށް ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދައްކަންވާނެއެވެ.

ލޮލުގައި ޝީލްޑްއެއް އަޅާފައި: ފެންބޯ ޕްލާސްޓިކް ނުވަތަ ކަރުދާސް ތައްޓެއް މިގޮތަށް ޝީލްޑްއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ

އަނިޔާ ލިބުމަށްފަހު ވަގުތުން ފަރުވާހޯދިކަމުގައިވިޔަސް، ގުދުރަތީގޮތުން ލޮލަށް ލިބިފައިވާ ގިއުގަނޑާއި އޭގެ މަސައްކަތްތައް އެންމެ ފުރިހަމަގޮތުގައި އަލުން އަނބުރާ އިއާދަނުވުމަކީ އެކަށީގެންވާ ކަމެކެވެ. ލޮލަށް ލިބޭ އަނިޔާގެ ސަބަބުން ތިމާގެ ސިއްހީ، އިޖުތިމާއީ އަދި އިގްތިސާދީ ހަޔާތަށް ހީނުކުރާފަދަ ހީނަރުކަމެއް އައިސްދާނެއެވެ. އެހެންކަމުން މިފަދަ އަނިޔާތަކުން ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް އިސްކަންދޭންޖެހެއެވެ. މިގޮތުން މަސްވެރިކަމުގައި އުޅޭއިރު ރައްކާތެރި ގޮތަކީ އައިނު ނުވަތަ ގޮގްލްސް އެޅުމެވެ. މީގެ އިތުރުން ދޮށި، ބަރު، ބުޅި އަދި މިނޫންވެސް އާލާތްތަށް ގެންގުޅޭއިރު މޫނާއި ލޮލަށް އަނިޔާ ނުވާނެ ފަދަ ގޮތަކަށް ބަލައިގެން ފަރުވާތެރިކަމާއެކު އުޅުމެވެ. ހާއްސަކޮށް ކުރިން އަނިޔާއެއް ލިބިފައިވާ މީހުންނާއި ލޮލުގެ ފެނުން ދަށްވެފައިވާ މީހުން މިކަންކަމަށް އިތުރަށް ސަމާލުކަންދޭންޖެހެއެވެ.

ލޮލުގެ ރައްކާތެރިކަމަށް ބޭނުންކޮށްލެވިދާނެ އައިނު ނުވަތަ ގޮގްލްސް

ލޮލަށް ފެނުމުގެ ނިއުމަތަކީ އަގުނުކުރެވޭފަދަ ނިއުމަތެކެވެ. މި ނިއުމަތަށް ކުޑަވެސް އުނިކަމެއް ލިބިދާނެ ކަންކަމަށް ސަމާލުވުމަކީ ވަރަށް ބޮޑަށް އިސްކަންދޭންޖެހޭ ކަމެކެވެ. މަސްވެރިކަމުގައި އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ލޮލަށް ގެއްލުމެއްވެދާނެ ފަދަކަންކަމަށް ސަމާލުކަންދޭންޖެހެއެވެ. އަދި ލޮލަށް ބުޅިހެރުން ފަދަ އަނިޔާއެއް ކުރިމަތިވެއްޖެނަމަ މަތީގައި ދެންނެވިކަންތައްތަކަށް ސަމާލުކަންދިނުމާއެކު ލަސްނުކޮށް ލޮލުގެ ޑޮކްޓަރަކަށް ދައްކަންވާނެއެވެ. ފެނުމަށް އުނިކަމެއް އައުމުގެ ކުރިން ލިބިފައިވާ ނިއުމަތްތަކާއި ފުރިހަމަ ސިއްހަތުގެ އަގު ވަޒަންކޮށްލާށެވެ.

--

އެޑިޓަރުގެ ނޯޓް: ޑރ. އަލްމާސް އަދުނާން އިސްމާއިލް އަކީ ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެކެވެ. މީގެ ކުރިން އަލްމާސް ވަނީ އޮފްތަލްމޮލޮޖިސްޓެއްގެ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލުގައި ހިދުމަތްކުރައްވަން ވަރަށް އަވަހަށް ފައްޓަވާނެ އެވެ. މި ލިޔުން ޝާއިއުކޮށްފައި މި ވަނީ ޑރ. އަލްމާސް ލިޔުއްވި ގޮތަށް ބަދަލުތަކެއް ނުގެނެސް މި ނޫހުގެ ސްޓައިލްގައިޑަށް ފައްތައިގެންނެވެ.

comment ކޮމެންޓް