މަސްވެރިންގެ ދުވަސް މިފަހަރު ފެންވަރުގައި ފާހަގަކޮށްލީ ނައިފަރުން

މަސްވެރިންގެ ދުވަސް 2020: ޅ ނައިފަރު

ޅ. ނައިފަރު، އިހުޒާމާނުއްސުރެންވެސް މަސްވެރިކަމަށް ދެވިހިފާފައި ތިބޭ ރައްޔިތުންތަކެއް ދިރިއުޅޭ މި ރަށަކީ މި އަހަރުގެ ގައުމީ މަސްވެރިންގެ ދުވަސް އެންމެ ކުލަގަދަކޮށް ފާހަގަކުރި އެއް ރަށެވެ.

އެރަށުގެ އެކި އުމުރުފުރައިގެ ކޮންމެ މީހަކުވެސް މަސްވެރިކަން ކުރަން ލޯބިކުރާއިރު، އެ ރަށުގައި ފިރިހެންވެރިންނެކޭ އެއްވަރަށް ނުވަތަ އެޔަށްވުރެންވެސް ކުޅަދާނަކަމާއިއެކު މަސްވެރިކަމުގައި ކުރީ ފަންތީގައި ތިބީ އެރަށުގެ އަންހެންވެރިންނެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ފިޝަމެންސް އެސޯސިއޭޝަން އޮފް ނައިފަރު އިން ރާވައި ހިންގި ހާއްސަ ހަރަކާތްތަކެގައި އެރަށުގެ އަންހެނުން ވަނީ އިއްޔެ މަސްވެރިކަމަށް ނިކުމެ އެ މަސައްކަތުގައި އެމީހުންގެ ހުރި ހުނަރުވެރިކަން މުޅި ރާއްޖެއަށް ދައްކުވައިދީފަ އެވެ.

ޒަމާނުއްސުރެންވެސް ރާއްޖޭގައި އޮންނަ އެންމެ މުހިންމު އަދި ދިވެހިންގެ ލެޔާއި ގުޅިފައި އޮތް އިގްތިސޯދީ ހަރަކާތުގެ ދުވަހުގެ އުފާ ފާޅުކުރަމުން ނައިފަރުގެ 80 އެއްހާ އަންހެނުން ނިކުތީ ހަ ދޯންޏެއްގައި އެންމެ ޒަމާނީ ފެންވަރުގެ މަސްވެރިކަމަށެވެ.

ފިޝަމެންސް އެސޯސިއޭޝަން އޮފް ނައިފަރުގެ ރައީސް ފަރުހާދު މުހައްމަދު 'ސަން' އަށް ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ބޮޑުބެރުގެ ފޯރިއާއިއެކު ދޯނިތަކުގައި ނިކުތް އަންހެނުން އިއްޔެގެ ވަގުތެއްގައި ރަށަށް ލެފީ ޖުމްލަ 15 ޓަނުގެ މަސް ބާނައިގެންނެވެ.

"ހަމަ އެން ބާނައިގެން ދޮށީ މަސްވެރިކަމަށް ނިކުތީ. އަންހެން ކަނބަލުންގެ ފަރާތުން ހަމަ ވަރަށް ބޮޑު ތަރުހީބެއް ލިބުނު." ފަރުހާދް ވިދާޅުވި އެވެ.

ޅ. ނައިފަރުގެ ކައުންސިލް ރައީސާ ވިދާދް އަބްދުﷲ އަކީ މަހަށް ނިކުތް ހަ ދޯނީގެ ތެރެއިން އެއް ދޯނީގައި ހުރި ފަރާތެކެވެ. 'ސަން' އާ ވާހަކަދައްކަވަމުން ވިދާދް ވިދާޅުވި ގޮތުގައި މިއީ އެއްވެސް ހާލެއްގައި އަޖައިބުވާންވީފަދަ ކަމެއް ނޫނެވެ.

"ހަމަ މިރަށަކީ އަބަދުވެސް މަސްވެރިކަމާއި ގުޅިގެން ހުރިހާ ކަމެއް ކުރާ ރަށެއް. 1974ގައި އަޅުގަނޑު ހަދާންވާގޮތުން މި ރަށުގައި ދޯންޏެއްގައި އިންޖީނު އެޅީ އެންމެ ފުރަތަމަ. އޭރުވެސް ސްކޫލު ކުރިން ގޮވައިގެން އެކަމުގެ އުފާ ފާޅުކުރަން މަހަށް ގޮސް ހެދި. ހަ ދޯނިން ޖުމްލަ 15 ޓަނުގެ މަސް ބޭނި." ވިދާދް ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަސް ޅ. ނައިފަރުން. -- (ފޮޓޯ/ފިޝަމެންސް އެސޯސިއޭޝަން އޮފް ނައިފަރު)

އެރަށުގައި ދުވާލެއްގެ މައްޗަށް މަދުވެގެން 2-3 ފަހަރު މަސްވެރިކަމަށް ކޮންމެ ދޯންޏެއްވެސް ނިކުންނަކަމަށް ވިދާދް ވިދާޅުވި އެވެ.

ނައިފަރުގެ އަތިރިމައްޗާއި ބަނދަރުމަތިންވެސް މީހުން މުށި މަސް ބާނަން އުޅޭ ތަނަކީ ވިދާވް ވިދާޅުވިގޮތުގައި ރެޔާއި ދުވާލުހެން ހަމަ ފެންނާނެ މަންޒަރެކެވެ.

"ނައިފަރުގައި ހަމަ އަންހެންވެރިން އަބަދުވެސް އުޅޭނެ މަސްވެރިކަމުގައިި. ވަކި ކަމެއްގައެއް ނޫން. ކެޔޮކަޅުކަމުގައިވިޔަސް މަސް ބާނަންވިޔަސް. މިއީ ހަމަ މިރަށުގެ އަންހެނުން ކުރާހިތުން ކުރާ ކަމެއް." ވިދާދް ވިދާޅުވި އެވެ.

މަސްވެރިންގެ ޖަމިއްޔާގެ ރައީސް ފަރުހާދް އިތުރަށް ވިދާޅުވި ގޮތުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި އިވެންޓަށް އެރަށުގެ އަންހެނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު އެ ހަރަކާތަށް ފުލުހުންނާއި އެމްއެންޑީއެފް އަދި ސަރުކާރުގެ އެހެން އިދާރާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާއި ރަށުގެ އެހެން ރައްޔިތުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ އެވެ. ފަރުހާދު ވިދާޅުވީ މަސްވެރިންގެ ދުވަހަށް ޓަކައި އެރަށުގައި ހިންގި ހަރަކާތްތައް މިއަދުގެ ހަވީރަށް މިހާރު ނިންމާލާފައިވާ ކަމަށެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަން ހިންގި ހަރަކާތްތަކުގެ ތެރޭގައި ބޮޑުބެރު ޝޯ ތަކުގެ އިތުރުން ރަށުގެ ބަނދަރުގައި އޮތް ހުރިހާ މަސް ދޯންޏަކަށް ކޭން އެރުވުން ފަދަ ހަރަކާތްތަކެއްވެސް ވަނީ ކުރިޔަށްގެންގޮސްފައެވެ.

ޅ. ނައިފަރުގައި މަސްވެރިންގެ ދުވަސް 2020 ފާހަގަކުރަނީ. (ފޮޓޯ/ފިޝަމެންސް އެސޯސިއޭޝަން އޮފް ނައިފަރު)

"ޖުމްލަ 24 ދޯންޏަށް ކޭން އެރުވުނު. ނައިފަރުގައި އެކަނިވެސް އޮންނާނެ 23 ދޯނި. ދެން ބައެއް ދޯނިތައް ނެތް ރަށަކު އެކަމަކު ފަޅުތެރޭގައި އޮތް އެހެން ރަށްރަށުގެ ދޯނިތަކާއި ލައިގެން ކެއުން އެރުވީ." ފަރުހާދް ވިދާޅުވި އެވެ.

ރަށުގެ އަންހެނުން ބޭނި 15 ޓަނުގެ މަސްތައް ކިރުމަށްޓަކައި މިހާރު ފެލިވަރުގެ ކިއުގައި ޖެހިގެންތިބިއިރު މިއަހަރުގެ މަސްވެރިންގެ ދުވަސް މި އަހަރު އެންމެ ކުލަގަދަކޮށް ފާހަގަކުރި އެއް ރަށްކަމުގައި ގައިމުވެސް ޅ. ނައިފަރު ވެގެންދާނެ އެވެ،

comment ކޮމެންޓް