އަންހެނުންގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާކަމުގެ ހެކިތައް ދަނީ ފެންނަމުން: ސާވޭ

"ރައިޓް ސައިޑް އޮފް ލައިފް ސާވޭގެ" ތިން ވަނަ ބައި ލޯންޗްކުުރަނީ-- ފޮޓޯ: އެޗްއާރުސީއެމް

އަންހެނުންގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާކަމުގެ ހެކިތައް ފެންނަމުންދާކަމަށް ރާއްޖޭގައި ކުރި ސާވޭއަކުން ދައްކައިފިއެވެ.

މިއަދު މެންދުރު މާމިގިރީ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި "ރައިޓް ސައިޑް އޮފް ލައިފް ސާވޭގެ" ތިން ވަނަ ބައި ވަނީ ލޯންޗްކޮށްފައެވެ.

އެ ސާވޭ ހަދައިފައިވަނީ ޔޫއެންޑީޕީ، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާ ގުޅިގެންނެވެ. މިއީ 2005 ވަނަ އަހަރު ރާއްޖޭގެ އިންސާނީ ހައްގުތައް ދެެނެގަތުމަށްޓަކައި ހެދި ސާވޭއަށްފަހު ހެދި ތިން ވަނަ ސާވޭއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޗްއާރުސީއެމްގެ މެމްބަރު ޝިފާތު އަބްދުއް ރައްޒާގު ވިދާޅުވީ އެންމެ ފަހުން ކުރި ސާވޭގައި އަންހެނުންގެ ހާލަތު އިތުރަށް ގޯސްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ދައްކާފައިވާ ކަމަށެވެެ.

"ސާވޭގައި އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން ބެލިފައި ހުރި އެކިއެކި ކަންކަމަށް އަޅުގަނޑުމެން ކަންބޮޑުވާ މިންވަރަށް ހާލަތު ރަނގަޅު ނުވާކަމަށް ނުވަތަ ހާލަތު އިތުރަށް ގޯސްވަމުންދާކަމުގެ ހެކިތަކެއް އެބަ ފެނޭ. މިސާލަކަށް ވަރަށް ގިނަ ފަހަރު އަންހެނުންނާ ގުޅޭ ހައްގުތައް އިސްލާމްދީނާ ފުށޫއަރާކަމަށް އަންހެނުންގެ ހައްގުތަކަށް ކަށަވަރުކުރުމަށް ހުރި ގޮންޖެހުމެއްކަމަށްވެސް ގަބޫލުކުރެވޭ. ނުވަތަ އަންހެންގެ ހައްގުތައް ފޯރުކޮށްދިނުމަކީ އިސްލާމްދީނާ ހިލާފުކަމެއް ކަމަށް. މިކަހަލަ ގަބޫލުކުރުންތަކެއްވެސް އެބަހުރި. މިއީ ވަރަށް ކަންބޮޑުވާކަމެއް" ޝިފާތު ވިދާޅުވި އެވެ.

ހަގީގަތުގައި އަންހެނުންގެ ހައްގުތައް ނުވަތަ އަންހެނުންނަށް ލިބެން ޖެހޭ ރައްކާތެރިކަމަކީ އިސްލާމްދީނުގައިވެސް ކަށަވަރުކުރުމަށް އަންގަވާފަ އޮތް ކަމެއް ކަމަށާއި އެފަދަ ވިސްނުންތަކެއް ހުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވެ އެކަަން ހައްލުކުރުމަށް ގިނަ މުވައްސަސާތަކުން މަސައްކަތް ކުރަން ޖެހޭކަންވެސް ޝިފާތު ފާހަގަކުރެއްވިއެވެ.

މިއަދު ލޯންޗްކުރި ސާވޭގައި ގެވެށީ އަނިޔާއާ ގުޅޭ ވަކި ޗެޕްޓާއެއް ހިމަނާފައިވާއިރު ވަޒިފާ އަދާކުރުމުގެ ހައްގު އިންސާނީ ހަގުއްތައް އާންމުންނާއި ބިދޭސީންނާއި އިންސާނީ ހައްގުތަކާ ގުޅޭގޮތުން މީހުން ދެކޭ ގޮތަށް އަލިއަޅުވާލައިފައިވެއެވެ.

comment ކޮމެންޓް