ރައީސާއި ސަރުކާރުގެ ވެރިން ކެމްޕޭންގައި، އިދިކޮޅަށް ފުރުސަތު ބަންދުކަމުގެ ޝަކުވާ

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ސަރުކާރުގެ ވަފުދުތައް ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެފުރުސަތު ފަހިކޮށް ނުދޭ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރައީސް ސޯލިހު ވަނީ ނިމި ދިޔަ ހަފްތާގައި ހައްދުއްމަތީ ގަމަށް ވަޑައިގެން އެރަށުގައި ނިންމާފައިވާ ބައެއް ސަރުކާރުގެ މަޝްރޫއުތައް ރަސްމީކޮށް ހުޅުއްވާ ދެއްވާފަ އެވެ. ސަރުކާރުން ބުނާގޮތުން އެއީ ރަސްމީ ދަތުރުފުޅެކެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ސަރުކާރުން ރައީސް ސޯލިހު ކުރާ ދަތުރުފުޅު ތަކަކީ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ވާދަވެރި ސިޔާސީ ޕާޓީއަކަށް ވެ ތިބެ އަޅުގަނޑުމެން މިއުޅެނީ ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް ނުވެސް ދެވިގެން މިއުޅެނީ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނަށް ވީ ބަޔަކު ގޮވައިގެން ދިވެހިރާއްޖޭގެ ރަށްތަކަށް ގޮސް ކެމްޕެއިންގައި އުޅުއްވާތަން މިފެންނަނީ." ޝިޔާމް ވިދާޅުވި އެވެ.

ގާނޫނުއަސާސީއިން ލިބިދޭ ހައްގުތައް ކޮބާތޯ ޝިޔާމް ސުވާލު އުފެއްދެވި އެވެ. އަދި ހަމަހަމަ ކަން ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެޗްޕީއޭއާ ހެދި އެއްވެސް ކަމެއް ނުކުރެވިގެން އުޅެންޖެހޭ ކަމަށެވެ. އަދި ސަރުކާރުން އެޗްޕީއޭ ބޭނުން ކުރަނީ ސިޔާސީ ޖަރީމާ ހިންގަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި އެއްވެސް ބަޔަކަށް ސިޔާސީ ވާހަކަ ދައްކަން ފުރުސަތެއް ނޯވޭ. ސީޔާސީ ވާހަކަދައްކަން އެއްވެސް ތާކަށްވެސް ނުދެވޭ." ޝިޔާމް ވިދާޅުވި އެވެ.

މާޗު މަހުގެ ހަވަނަ ދުވަހު ލޯކަލް ކައުންސިލު އިންތިހާބު ބާއްވަން އިއުލާނުކޮށްފައިވާތީ ކެމްޕެއިން ކުރުމުގެ ފުރުސަތަކަށް މީގެކުރިންވެސް ޕީޕީއެމުން ވަނީ އެދިފަ އެވެ. އެހެން ނަމަވެސް މާލެއިން ރަށްރަށަށް ދާ މީހުން 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭތީ ކެމްޕެއިނަށް ނުދެވޭ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

މިފަހުން ރައީސް ސޯލިހާއި ސަރުކާރުގެ ވެރިން ވަނީ ހޯރަފުއްޓަށާއި ލ އަތޮޅަށް ޒިޔާރަތް ކުރައްވައި ހަފްލާތައް ބާއްވަވައިފަ އެވެ. ރައީސް ހޯރަފުއްޓަށް ވަޑައިގެންނެވީ އެ ރަށުގެ އެއާޕޯޓް ހުޅުވުމަށެވެ. އަދި ލ އަތޮޅަށް ވަޑައިގަތީ ބައެއް ޕްރޮޖެކްޓްތަކުގެ ނިމުން ފާހަގަ ކުރެއްވުމަށެވެ.

comment ކޮމެންޓް