ބީއެމްއެލްގެ އެހީގައި ކަނޑިތީމުގައި ޕާކެއް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ އެހީގައި ކަނޑިތީމުގައި މިއަދު ހުޅުވި ޕާކު --- ފޮޓޯ : ބީއެމްއެލް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް"ގެ ދަށުން ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް މިއަދު ހަވީރު ހުޅުވައިފި އެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް އަކީ ދެމެހެއްޓެނިވި ގޮތުގައި ރަށްރަށުގައި އާންމުންގެ ފަރުދުންނާއި ޖަމިއްޔާތަކުން ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިކަށް ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ފަންޑެކެވެ.

ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ހުޅުވުމަށްޓަކައި ހުށަހަޅާފައިވަނީ ޖިނާން މުހައްމަދު ޝަމީމް ނަމަކަށް ކިޔާ ފަރާތެކެވެ. އޭނާ ހުށަހެޅި ޕްރޮޖެކްޓުގެ މަގުސަދަކީ ރަށުގައި ދިރިއުޅޭ ހުރިހާ އެންމެނަށް އެއްވެ އުޅެ ގުޅުން ބަދަހިކުރުމަށްޓަކައި މާހައުލެއް ބިނާ ކުރުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ކަނޑިތީމުގައި ބިނާކޮށް ހުޅުވި ކޮމިއުނިޓީ ޕާކުގައި ބާބެކިޔު ހެދުމަށާއި މަސްކެނޑުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައި ހުންނާނެ ކަމަށެވެ. މޭޒާއި ބެންޗުގެ އިތުރުން ކުޑަކުދިން ކުޅުމަށް ހާއްސަ ޕާކަކާއި ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއްވެސް އެ ޕާކުގައި ހުންނާނެ އެވެ.

ޕިކްނިކަނަށް ދާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން އެ ސަރަހައްދުގައި ވަނީ ބީޗް ހަޓް، ސަން ބެޑް އަދި އައުޓްޑޯ ޝަވަރަކާއި އުނދޯއްޔާއި ޖޯލި ފަތީގެ އިތުރުން ފިނި އަށްޓެއްވެސް ވަނީ އެތަނުގައި ބަހައްޓާފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެ ޕްރޮޕޯސަލް ކާމިޔާބުކޮށްފައިވާ ޖިނާން ބުނެފައިވަނީ ބީއެމްއެލްގެ އެހީގައި، ޒަމާނެއް ވަންދެއް ރައްޔިތުން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެއްޖެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ހުރިހާ އުމުރު ފުރަޔަކަށްވެސް ފައިދާކުރާނެ ގޮތަށް މި ޕާކު ތަރައްގީ ކުރުމަށް،" އޭނާ ބުންޏެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި އެ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.

comment ކޮމެންޓް