ގާނޫނުއަސާސީގެ މުހިންމު ތިން ހައްގެއް ފުލުހުންނަށް ނުލިބޭ ގޮތަށް، ފުލުހުންގެ ހިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުގެ ބިލު ދިރާސާކޮށް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިހާރު ވަނީ ފާސްކޮށް، ތަޅުމަށް ފޮނުވާފައެވެ.
އެ ބިލުގައި ބުނެފައިވަނީ، ދީމިގްރާތީ މުޖްތަމައުތަކުގައި ފުލުހުންގެ ހިދުމަތް ފަދަ ހިދުމަތެއްގައި އެ ހައްގުތައް ހަނިކުރާ ހާލަތްތަކާއި މިންވަރަށް، ހަނިކުރެވިދާނެ ކަމަށެވެ. އަދި އެ ހައްގުތައް ހަނިކުރެވޭނެ ހާލްތަތަކާ ދާއިރާ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަންވާނެ ކަމަށެވެ.
ހަނި ކުރާ ހައްގުތައް:
- ގާނޫނުއަސާސީގެ 27 ވަނަ މާއްދާ: ހިޔާލު ފާޅުކުރުމުގެ ހައްގު
- ގާނޫނުއަސާސީގެ 31 ވަނަ މާއްދާ: އިހްތިޖާޖް ކުުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި، ހަޅުތާލުކުރުމުގެ ހައްގު
- ގާނޫނުއަސާސީގެ 32 މާއްދާ: އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު
އެ ހައްގުތައް އުނި ކުރި ނަމަވެސް، ގާނޫނުއަސާސީން ދިވެހި ރައްޔިތަކަށް ލިބިދޭ ވޯޓު ދިނުމުގެ ހައްގު މިހާރުވެސް ފުލުހުންނަށް ލިބޭނެ އެވެ. އަދި މިހާރުވެސް އަމަލު ކުރަމުންދާ ފުލުހުންގެ ގާނޫނުން ސިޔާސީ ޕާޓީގެ މެމްބަރަކަށް ވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވޭވޭނެ ކަމަށް ބުނާ މާއްދާ މިފަހަރު ބިލުގައިވެސް ވަނީ ހިމަނާފައެވެ.
އެގޮތުން ބިލުގެ 30 ވަނަ މާއްދާގެ (ނ)ގައި ބުނާ ގޮތުން، ސިޔާސީ ޕާޓީއެއްގެ ހަރަކާތުގައި ނުވަތަ ސިޔާސީ ހަރަކާތެއްގައި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކު ބައިވެރިވެގެން ނުވާނެއެ އެވެ. އަދި ސިޔާސީ މަގާމަކަށް ކުރިމަތިލާފައިވާ މީހަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅު ހަދަނީކަން ދޭހަވާފަދަ އެއްވެސް އަމަލެއް ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކުކޮށްގެން ނުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.