ރާއްޖޭގެ އިރު ދެކުނުން އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ދަނީ ގަދަވަމުން

ހުޅުލޭގައި ހުންނަ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ އިރުދެކުނުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ދަނީ ގަދަވަމުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓުން ބުނީ ކޮޅިގަނޑުގެ ބާރު ގަދަވި ނަމަވެސް ކޮޅިގަނޑު ދަތުރުކުރަމުން ދާނީ ރާއްޖެއާ ދުރަށް ދެކުނު ހުޅަނގު ދެކުނަށް ކަމަށެވެ.

މިއާއެކު ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ. ހުޅަނގާއި ހުޅަނގު އުރުތުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.

މެޓުން ބުނީ ލަންކާގެ ގަލްފް އޮފް މަންނާރު ސަރަހައްދުގައި ހުރި ބާރުގަދަ ކޮޅިގަނޑުގެ ދުވެލި މަޑުވެ، މަޑުމަޑުން ބާރު ދަށްވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހދ. ކެލާ އާ 642 ކިލޯމީޓަރު ދުރުގައިވާ މި ކޮޅިގަނޑު ކުރިއަށް އޮތް ހަޔެއްކަ ގަޑިއިރު ތެރޭގައި މަޑުމަޑުން ހުޅަނގު ހުޅަނގު ދެކުނަށް ޖެހޭނެ ކަމަށާއި އޮންޑިއާގެ ރާނަމަތަޕޫރަމާއި ތޫތުކުޑި ހިމެނޭ ސަރަހައްދު ހުރަސްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. މެޓުން ލަފާކުރާގޮތުގައި މި ކޮޅިގަނޑުގެ ބާރު ކުރިއަށް އޮތް 12 ގަޑިއިރު ތެރޭ އިތުރަށް ދަށްވާނެ އެވެ.

comment ކޮމެންޓް