އަހަރުގެ ޓޫރިޒަމް ޓާގެޓް ޑިސެމްބަރު 25 ގައި ހާސިލްވާނެކަމަށް ލަފާކޮށްފި

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ނިޔަލަށް ރާއްޖެ ގެނައުމަށް ކަނޑައެޅި 500،000 ފަތުރުވެރިންގެ އަމާޒު ޑިސެމްބަރު 25 ގެ ނިޔަލަށް ހާސިލްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް ދިރުން އަންނަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު މި ނިމުނު ނޮވެމްބަރު މަހުގެ ތެރޭގައި ބައެއް މާކެޓުތަކުން ރާއްޖެ އައި ފަތުތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާ ރެކޯޑުތަކަކާއެކު މިސްރުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ ނޮވެމްބަރަށްވުރެ މިއަހަރުގެ ނޮވެމްބަރުގައި 40 ޕަސެންޓު އިތުރުވެފައިވާ ކަމަށާއި ކަޒަކިސްތާނުން އައި މީހުންގެ އަދަދު 24.4 ޕަސެންޓް އަދި ރަޝިއާ އިން އައި ފަތުރުވެރިންގެ އަދަދު ފަސް ޕަސެންޓު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ބްރެޒިލް އިން އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 2.9 ޕަސެންޓް މި އަހަރުގެ ނިވެމްބަރު މަހު އިތުރުވެފައިވާ ކަމަށާއި ޔުކްރެއިން އިން އައި ފަތުރުވެރިންގެ އަދަދު 0.9 ޕަސެންޓް މިއަހަރު އިތުރުވި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާ އެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް އަލުން ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. ޖުލައި 15 އިން މި ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 17,404 ފަތުރުވެރިން ރަޝިއާ އިން ރާއްޖެ އައިސްފައިވާއިރު މި އަހަރުގެ ތެރޭގައި ޖުމްލަ 46,065 ފަތުރުވެރިން ރަޝިއާއިން ރާއްޖެ އައިސްފައިވެ އެވެ. މިއާއެކު މިއަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާ އިންނެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ޔޫކްރެއިން އާއި ބްރެޒިލް ހިމެނެ އެވެ. ކަޒަކިސްތާނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުުރުވެފައިވާއިރު ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް އެ ގައުމާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ފަށަން ވަނީ ތައްޔާރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ބޯޑާރު ހުޅުވާލުމަށްފަހު މި އަހަރުގެ ނިޔަލަށް ގެންނަން ކަނޑައެޅި 100،000 ފަތުރުވެިރންގެ ޓާގެޓް މި މަހުގެ 16 ގައި ހާސިލް ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުުރުވެރިންގެ ޖުމްލަ އަކީ 1.7 މިލިއަނެވެ. އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ ޓާގެޓެއް ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް