ބަންގްލަދޭޝްއިން ރޮހިންގާ އާއިލާތައް ވަކި ރަށަކަށް ބަދަލު ކުރަން ފަށައިފި

ރޮހިންގާއިން ބަންގުލަދޭޝްގެ ކޭމްޕުތަކުގައި -- ފޮޓޯ: ބްލޫމްބާގް

ޑާކާ (ޑިސެމްބަރު 4): ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ރޮހިންގާ އާއިލާތައް ވަކި ރަށަކަށް ބަދަލު ކުރުމުގެ މަސައްކަތް އެގައުމުން ފަށައިފި އެވެ.

ބަންގްލަދޭޝްގެ އޮފިޝަލުން އިއްޔެ ވިދާޅުވި ގޮތުގައި ކޮކްސް ބާޒާރުގެ އުހިޔާ ސަރަހައްދުން ޗިޓަގޮންގް ބަނދަރަށް 11 ބަހެއްގައި ރޮހިންގާ މީހުން ވަނީ ވަނީ ގެންގޮސްފަ އެވެ. އެއަށް ފަހު އައްސޭރިފަށާ 37 މޭލު ދުރުގައި އޮންނަ ބަސަން ޗާރަށް އެމީހުން ބޯޓުގައި ގެންދާނެ އެވެ.

ބަންގްލަދޭޝްއިން ނިންމާފައި ވަނީ ބަސަން ޗާރަށް 2،500 އާއިލާ ބަދަލު ކުރުމަށެވެ. އަދި މިހާތަނަށް 1،000 މީހަކު ގެންގޮސްފައިވާ ކަމަށް ފުލުހަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓު ކުރި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕުތަކުން ވަނީ އެ ރަށަށް މީހުން ބަދަލު ކުރުމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެ ރަށަށް މީހުން ބަދަލު ކުރަނީ އެމީހުންނަށް އެ ރަށާ ބެހޭ ގޮތުން އެކަށީގެންވާ ވަރަށް މައުލޫމާތު ނުދީ، އެމީހުންގެ ރުހުމަކާ ނުލާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ރަށަކީ ފެން ބޮޑުވުމުގެ ފުރުސަތު ބޮޑު، ތޫފާންތައް ގިނަގިނައިން އަރާ ރަށެއް ކަަމަށް ވެސް ބުނެފައިވެ އެވެ.

މިދިޔަ އޭޕްރިލް މަހުން ފެށިގެން ބަސަން ޗާރުގައި 300 ރޮހިންގާއިން ދަނީ ދިރިއުޅެމުންނެވެ. އަދި އެ ރަށުގައި ދިރިއުޅޭ ސެކިއުރިޓީ ގާޑުން އަންހެނުންނަށް ޖިންސީ ގޯނާ ކުރާ ކަމަށާއި އެމީހުން އެ ރަށް ދޫކޮށް ދާން ބޭނުންވާ ކަމަށް ބުނާ ވީޑިއޯތަކެއް ވަނީ އާއްމުވެފަ އެވެ.

ބަންގުލަދޭޝްއިން ރޮހިންގާ ރެފިއުޖީން ބަސަން ޗާރަށް ބަދަލު ކުރުމަށް އެ ރަށުގައި އަޅާފައިވާ ގެތައް -- ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން އެ ރަށުގެ ދިރިއުޅުމުގެ ހާލަތު ބަލަން މިނިވަން ޖަމްއިއްޔާތަކަށާއި ނޫސްވެރިންނަށް ނުދެވޭތީ އެ ޖަމްއިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މީހުން ބަދަލު ކުރުން ހުއްޓާލަން ގޮވާލާފަ އެވެ.

"ބަސަން ޗާރަށް އިތުރު ރެފިއުޖީން ބަދަލު ކުރުން ވަގުތުން ހުއްޓާލަން ޖެހޭ. ދުރާލާ ހުއްދަ ހޯދައިގެން ނޫނީ ނޫސްވެރިންނަށާއި ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކަށް ނުދެވޭ، ވަކިން އޮންނަ ރަށަކަށް މީހުން ބަދަލު ކުރުމަކީ މިނިވަން ކަމާއެކު ހިއުމަން ރައިޓްސް މޮނިޓަރިން ކުރިއަށްގެންދިޔުމާ ބެހޭ ގޮތުން ކަންބޮޑުވުން އުފެދޭ ކަމެއް،" އެމްނެސްޓީ އިންޓަނޭޝަނަލްގެ ސައުތު އޭޝިއާ ކެމްޕެއިނާ ސާދް ހައްމާދީ ވިދާޅުވި އެވެ.

މިޔަންމާގައި ގިނަ އަދަދެއްގެ ރޮހިންގާއިން ދިރިއުޅޭ ރާހީން ސްޓޭޓުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން އެގައުމު ދޫކޮށް ދާން މަޖުބޫރުވެ، ބަންގުލަދޭޝްގެ ކޭމްޕުތަކުގައި ދިރިއުޅެން ޖެހިފައިވާ ރޮހިންގާއިންގެ އަދަދު ވަނީ މިހާރު އެއް މިލިއަނަށް ވުރެ އިތުރުވެފަ އެވެ. އޭގެ ތެރޭގައި އޮގަސްޓު 2017ގެ ފަހުން ދިޔަ 700،000އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.

އެއީ ރާހިން ސްޓޭޓުގައި ތިބި ރޮހިންގާ ހަނގުރާމަވެރިންތަކެއް ހޯދުމަށް ކަމަށް ބުނެ މިޔަންމާގެ ސިފައިން އޮގަސްޓު 2017 ގައި ފެށި އަސްކަރީ އޮޕަރޭޝަނަކާ ގުޅިގެންނެވެ. އެ ހަރަކާތުގައި ރޮހިންގާއިން ދިރިއުޅޭ ބައެއް އަވަށްތައް އެއްކޮށް އަންދާ، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކޮށް، މެރި ކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުނެ އެވެ.

އަމިއްލަ ބަހަކާއި ސަގާފަތެއް އޮންނަ ރޮހިންގާ ދަރިކޮޅުގެ މީހުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް އެ ގައުމުގެ އާބާދީގެ ބޮޑުބައެއް ކަމަށްވާ ބުޑިސްޓުން ދެކޭ ގޮތުގައި ރޮހިންގާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރާ ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދިނުމާއި މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުން ފަދަ ހައްގުތައް ނިގުޅައިގަނެފަ އެވެ.

comment ކޮމެންޓް