ފުލުހުން ތެރޭ ބަޣާވާތް ކޮށްފިނަމަ، ވަކިން ދައުވާ ކުރެވޭ ގޮތަށް ހަދަނީ

ޖުލައި 5، 2020: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ތެރޭ ބަޣާވާތްކޮށްފި ނަމަ އެކަން ކުށެއްގެ ގޮތުގައި ކަނޑައަޅައި، ވަކިން ދައުވާ ކުރެވޭ ގޮތަށް ފުލުހުންގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމީޓީން ފާސް ކޮށްފި އެވެ.

ބިލު އެގޮތަށް ފާސްވެއްޖެ ނަމަ، ފުލުހުންގެ މައްޗަށް ފިޔަވަޅެއް އެޅުމަކީ ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ ކުރުމަކީ، އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އުފުލަން ޖެހޭ ދައުވާ އެ މީހެއްގެ މައްޗަށް ނުއުފުލޭނެ ސަބަބެއް ނޫން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެއީ އެއް ކުށަކަށް ދެ ފަހަރަ އަދަބު ދިނުން ކަމަށް ބެލެވޭނެ ސަބަބެއްވެސް ނޫން ކަމަށް ބިލުގައި ބުނެ އެވެ.

މިހާރުވެސް ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ބަޣާވާތް ކުރުމަކީ ކުށެކެވެ. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބިލު ފާސް ކުރިއިރު، ފުލުހުންގެ ކުށް ކުށާ ގުޅޭ ވަކި ބާބެއް ވަނީ ހިމަނާފަ އެވެ. އެގޮތުން ފުލުހުންގެ ތެރޭގައި ބަޣާވާތް ކުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ.

ބިލުގައިވާ ގޮތުން ފުލުހުންގެ ތެރޭގައި ނުވަތަ ފުލުހުން އެހެން ބަޔަކާ ބައިވެރިވެގެން ބަޣާވާތްކޮށްފިނަމަ، ނުވަތަ ބަޣާވާތެއްކުރަން އުޅެފި ނަމަވެސް އެއީ ކުށެކެވެ. އަދި އެފަދަ ކަމެއް ކުރަން ރޭވުން، އެފަދަ ކަމަކަށް ހިތްވަރުދިނުން، އެހެން ބަޔަަކު ކުރާކަން ނުވަތަ ކުރަން ރާވާކަން އެނގިހުރެ އެކަން ސިއްރު ކުރުމަކީވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި "ބަޣާވާތްކުރުން" އެ ބަހުގެ މާނަ ވަރަށް ފުޅާކޮށް ލިޔެ، ބަޣާވާތުގެ އަމަލުތައްވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފުލުހަކަށްވެ ހުރެ، ފުލުހުން ތެރޭގައި އެހެން ފުލުހަކާ ނުވަތަ ފުލުހުންގެ ބަޔަކާ ބައިވެރިވެ، ނުވަތަ ފުލުހުން ނޫން ބަޔަކާ ބައިވެރިވެ، ބާރުގެ ބޭނުން ކުރުމާއި ނުވަތަ ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމާއި ނުވަތަ އެ މަގުސަދުގައި ތިމާ އަދާކުރަން ޖެހޭ ޑިއުޓީތަކާއި ހަވާލުކުރެވޭ މަސައްކަތްތަކާއި ކުރެވޭ އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި، މިފަދަ ކަންތައްތަކަށް އެހެން މީހުންނަނަށް ހިތްވަރުދީ ހެދުމަކީ ބަޣާވާތްކުރުން ކަމަށް ބުނެފައިވެ އެވެ.

ބައާވާތް ކުރުމުގެ ތެރޭގައި ހިމެނޭ އަމަލުތައް:

  1. ފުލުހުންގެ އިސް މީހަކަށް ނުވަތަ ވެރިޔަކަށް ލިބިދީފައިވާ ބާރެއް ނިގުޅައިގަތުން
  2. ގައުމީ ސަލާމަތައް ނުރައްކާވާ ފަދަ ހާލަތްތަކުގައި ފުލުހުންގެ ވެރިން ކުރާ އަމުރުތަކަށް ކިޔަމަން ނުވުމާއި ހަވާލު ކުރެވޭ މަސައްކަތްތަކަށާއި ޑިއުޓީތަކަށް ނުދިޔުން.
  3. ފުލުހުންގެ މަސައްކަތަށާއި ޑިއުޓީއަށް ހުރަސް އެޅުން.
  4. ޑިއުޓީގައި ހުންނަ ފުލުހަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި ބާރުގެ ބޭނުން ކުރުން.
  5. ފުލުހުންގެ ހަތިޔާރާއި އާލާތްތައް ގަދަބާރުން އަތުލުން.
  6. ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އިމާރާތްތަކަށް ނުވަތަ އާލާތްތަކަށް ނުވަތަ ވަސީލަތްތަކަށް ގެއްލުންދިނުން ނުވަތަ ހަލާކު ކުރުން.
  7. ފުލުހަކު ޑިއުޓީއަށް ބަހައްޓާފައި ހުރި ތަނަކަށް ގަދަކަމުން ވަންނަން އުޅުން ނުވަތަ ބާރުގެ ބޭނުންކޮށްގެން ބިރުދައްކައި، އެތަނަކަށް ތިމާ ނުވަތަ އެހެން ބަޔަކު ވެއްދުން.

ބިލުގެ އެ ބާބުގައި ބުނާ ގޮތުން އެއްވެސް ފަރާތަކުން ފުލުހަކަށް ޣައިރުގާނޫނީ އަމުރެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ އެއްވެސް އަމުރަކަށް ފުލުހަކު ތަބާވެގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ފުލުހުން ތެރޭގައި ބަޣާވާތް ކުރުމަކީ ކުށަކަށް ހަދައި ފުލުހުންގެ ބިލު ކޮމިޓީން ނިންމިއިރު، 2012 ވަނަ އަހަރު އޭރު އުފެދިފައި އޮތް ގާނޫނީ ސަރުކާރު ބަދަލުކޮށްލީ ފުލުހުން ބައިވެރިގެން ކުރި ބަޣާވާތަކުން ކަމަށް އޭރު ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން ތުހުމަތު ކުރެ އެވެ. ނަމަވެސް އެކަން ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވާ ރައީސް ނަޝީދު އަދިވެސް އެކަމާ ގުޅޭ ގޮތުން ހިތްހަމަ ނުޖެހުން ފާޅުކުރައްވަ އެވެ.

comment ކޮމެންޓް