ހާލުގައި ޖެހިފައި އޮތް ލަންކާގެ ދެ މަސްބޯޓަށް އެހީވެއްޖެ

މިއަދު ކަނޑުމަތިން ފެނުނު ދެ މަސްބޯޓު -- ފޮޓޯ: އެމްއެންޑީއެފް

ކަނޑުމަތީ ހާލުގައި ޖެހިފައި އޮތް ސްރީލަންކާގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފް ނަދަން އޭރިއާ އިން އެރީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން "ބުރެވި"ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޑަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ދެ ބޯޓު ފެނިފައިވަނީ ހދ.ކުމުންދޫގެ ބޭރުން، އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެ ދެ ބޯޓު ފެނިގެން އެކަން ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 08:33 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ކިޔާ ބޯޓުގައި ފަސް ފަޅުވެރިން ތިބި ކަމަށާއި "ޖެ ޕްރަސަންސަ ވެ" ބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ދެ ބޯޓުގައި ތިބި ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އެ ދެބޯޓު މިއަދު ހެނދުނު 10:45 ހާއިރު ހދ.ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ ބޯޓުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައް ސަރުކާރުގެ ކަމާބެހޭ ގުޅުންހުރި އިދާރީތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް