ލެބޯޓަރީގައި ތައްޔާރުކޮށްފައިވާ ކުކުޅު މަސް ވިއްކަން ސިންގަޕޫރުގައި ހުއްދަ ދީފި

ލެބްގައި މަސް ކަލްޗާ ކުރުމުގެ މަސައްކަތް ކުރަނީ--

ލެބޯޓަރީގައި ތައްޔާރުކޮށްފައިވާ ކުކުޅު މަސް ވިއްކަން ސިންގަޕޫރުގައި ހުއްދަ ދީފި އެވެ.

އެފަދަ މަސް ވިއްކުމުގެ ހުއްދަ ދޭން ނިންމި ފުރަތަަމަ ގައުމަކީވެސް ސިންގަޕޫރެވެެ.

ސިންގަޕޯ ފުޑް އޭޖެންސީން އެ މަހަަށް ހުއްދަ ދިނީ މިދިޔަ އަންގާރަ ދުވަހު އެވެ. ހުއްދަ ދީފައިވަނީ އެމެރިކާގެ ސެންފްރެންސިސްކޯގެ ސްޓާޓަޕް ކުންފުންޏެއް ކަމަށްވާ އީޓް ޖަސްޓް އިންކް އިން އުފައްދާ ކުކުޅު މަހަށެވެ.

އީޓް ޖަސްޓުގެ ސީއީއޯ ޖޯޝް ޓެޓްރިކް ވިދާޅުވީ ލެބްގައި ތައްޔާރުކޮށްފައިވާ ކުކުޅު މަސް އެންމެ ފުރަތަމަ ލިބޭނީ ރެސްޓޯރެންޓްތަކުން ކަމަށެވެ. އަދި އެއަށްފަހު އެހެނިހެން ތަންތަނުންވެސް އެ މަސް ލިބޭނެގޮތް ހަދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޖޯޝް ވިދާޅުވީ މީގެ ކުރިން މަސް ކާން ބޭނުންވެއްޖެނަމަ އަބަދުވެސް ޖެހެނީ ޖަނަވާރެއް މަރާލަން ކަަމަށާއި ނަަމަވެސް މިހާރު އެކަން ނުކޮށް އެކަން ކުރެވެން އެބައޮތް ކަމަށެވެ.

ޖަސްޓު އީޓްއިން ބުނީ ކުކުޅު މަސް ހަދަނީ ބަޔޯ ރިއެކްޓަރެއްގައި ކަމަށާއި އަދި އެ މަހުގައި ގިނަ އަދަދެއްގެ ޕްރޮޓީންއާއި މިނަރަލްސް ހިމެނޭ ކަަމަށެވެ.

މަހުގައި ގިނަ އަދަދެއްގެ ޕްރޮޓީން އެކުލެވުނަސް ވެޖިޓޭރިއަނުން މަސް ނުކައެވެ. އަދި އޭގެ ބަދަލުގައި ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ވެޖިޓޭރިއަނުން ހޯދަނީ ބައެއް ބާވަތްތަކުގެ ތަރުކާރީ ކައިގެންނެވެ.

comment ކޮމެންޓް