ފޭކް ޓްރާންސްފާ ސްލިޕް ފޮނުވާ މައްސަލަ ބޮޑުވެ ސަމާލުވާން އެދިއްޖެ

ޓްރާންސްފާ ސްލިޕެއް -- ފޮޓޯ: ޕޮލިސް

ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފާ ސްލިޕް ހަދައި، އެ ސްލިޕް ވައިބާކޮށް ޓްރާންސެކްޝަނަށް މަކަރު ހަދާ މައްސަލައަށް ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ބުނީ ސްލިޕް ވައިބާ ކުރާ މީހުން އެކަން ކުރާއިރު ސްލިޕް އެޑިޓްކޮށް އޭގެ ތާރީހާއި ވަގުތު އެޑިޓްކުރާކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި އެ ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށްވާ ތަކެތި ނަގަން ފިހާރައަށް ގޮސް ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކަން ބުނުމުން، ފައިސާ ވެސް އެކައުންޓަށް ފޮނުވައި ސްލިޕް ވައިބާ ކުރާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފިހާރައިގެ ފޯނަށް ޓްރާންސްފާ ސްލިޕް ވައިބާ ކުރުމުން، ފިހާރައިގެ ސޭޓުން، އެ ފައިސާ އެކައުންޓަށް ޖަމާވޭތޯ އާންމުކޮށް ނުބަލާ ކަމަށާއި ސްލިޕްގައި އިންނަ އެކައުންޓްގެ ނަންބަރު ރަނގަޅުތޯ ވެސް ބައެއް ފަހަރު ކަށަވަރު ނުކުރާކަމަށް ފުލުހުން ފާހަގަ ކުރެ އެވެ.

މިފަދަ ގޮތަކަށް ވައްކަންކުރާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ ވައްކަން ކުރާ ވަގުން މޮޅެތި އުކުޅުތައް އީޖާދުކޮށް ޒަމާނާ އެއްގޮތަށް ވައްކަންކުރުން ވެސް ތަރައްގީ ކުރަމުންދާ ކަމަށެވެ.

މި އުކުޅުތަކަށް ވިޔަފާރިވެރިންނާއި ސޭޓުން ވަރަށް ރަނގަޅަށް ސަމާލުވެ ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރީގެ ފަސޭހަކަން ބޭނުންކުރި ނަމަވެސް މިފަދަ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

އޮންލައިންކޮށް ވިޔަފާރިކުރުމަށް ފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ އާއި އެކައުންޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާ، އޮންލައިން ޓްރާންސްފާ ކޮށްފިނަމަ ކަސްޓަމަރުގެ މައުލޫމާތު ނޯޓުކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

comment ކޮމެންޓް