ވަޒީފާއަށް އަސަރުކުރި 11،800 މީހުންނަށް އެލަވަންސް ދީފި

މާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގެ ސަބަބުން ވަޒީފާ އަށާއި އާމްދަނީ އަށް އަސަރުކޮށްފައިވާ 11،814 މީހަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 143.8 މިލިއަން ރުފިޔާ ދީފި އެވެ.

ފިނޭންސް މިނިސްޓްރީ ގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރެއް ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރެއް ކުރިއަށް ގެންދިޔައިރު، ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ފަހުން ނިންމާފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސް ލިބޭ ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.

comment ކޮމެންޓް