ރާއްޖެއިން ހޯދަން މަސައްކަތްކުރަނީ އޮކްސްފޯޑާއި މޮޑާނާ ވެކްސިން: ހެލްތް

ކޮވިޑް19އަށް އުފައްދަމުންދާ ވެކްސިންތަކުގެ ތެރެއިން ރާއްޖެއިން ހޯދަން މަސައްކަތް ކުރަނީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފައްދާ ވެކްސިން އާއި މޮޑާނާއިން އުފަދާ ވެކްސިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ރޭ ރާއްޖެ ޓީވީގައި ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުން އުފައްދަމުންދާ ގިނަ ވެކްސިންތައް މިހާރު ހުރީ ތިންވަނަ ފިޔަވަހީގެ ޓްރަޔަލް މަރުހަލާގައި ކަމަށާއި އަދި އެއްވެސް ވެކްސިނެއް މުޅިން ފުރިހަމަ ނުކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް މިހާރު އެންމެ ކުރީގައި އުޅޭ ވެކްސިންތަކުގެ ތެރެއިން އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފައްދާ ވެކްސިނާއި އެމެރިކާގެ މޮޑާނާ ކުންފުނިން އުފައްދާ ވެކްސިނަކީ ރާއްޖެ އަށް އެންމެ އެކަށީގެންވާ ދެ ވެކްސިން ކަމަށެވެ. ސަބަބަކަށް ވަނީ އެ ވެކްސިން ބަހައްޓަން ޖެހޭ ފިނި ހޫނުމިނާއި ތަންތަނަށް ގެންދިޔުމުގައި ހުރި ފަސޭހަކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ކުރީގައި އުޅޭ ވެކްސިންގެ ތެރޭގައި އެސްޓްރަޒެނިކާ ވެކްސިންއާއި މޮޑާނާ ވެކްސިން، މި ދެ ވެކްސިން އެންމެ ޕްރޮމިސިން، ރާއްޖޭގެ މާހައުލަށް ބަލާފައި އަދި އެ ބަހައްޓަން ޖެހޭ ފިނިކަމަށާއި ހުރިހާ ކަމަކަށް ބަލާފައި އެންމެ އެކަށީގެންވާ، އެންމެ އެފެކްޓިވް ވެކްސިނެއް ގޮތުގައި މި ދެ ވެކްސިން ރާއްޖެއަށް ލިބޭތޯ މަސައްކަތްކުރަމުން މިގެންދަނީ. އެ ދެ ވެކްސިން އެންމެ އަވަހަށް ރާއްޖެއަށް ލިބޭނެ،" ޑރ. ޝާހު ވިދާޅުވި އެވެ.

މޮޑާނާގެ ވެކްސިންގެ ދިރާސާތަކާ ބެހޭ ގޮތުން އެ ކުންފުނިން އެންމެ ފަހުން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން އެ ވެކްސިން ދިނުމުން 94 ޕަސެންޓު މީހުން ކޮރޯނާވައިރަހުން ރައްކާތެރި ކުރެވެ އެވެ. އަދި ކޮވިޑުގެ ސީރިއަސް ކޭސްތައް ހުއްޓުވުމުގައި 100 ކާމިޔާބެވެ.

އެއާ އަޅާ ބަލާއިރު އޮކްސްފޯޑާއި އަސްޓްރާޒެނެކާގެ ވެކްސިން ދިނުމުން ކޮރޯނާވައިރަހުން ރައްކާތެރި ކޮށްދެނީ އެވަރެޖުކޮށް 70 ޕަސެންޓު މީހުންނެވެ. އެ އެވަރެޖު ހޯދާފައި ވަނީ ވެކްސިންގެ ޓެސްޓުތަކުގައި ތަފާތު ދެ ގޮތަކަށް ޑޯޒްތައް ދިނުމަށް ފަހު އެވެ.

އެގޮތުން ޓެސްޓުގެ ބައިވެރިންނަށް ދެ "ފުލް" ޑޯޒް ދިނުމުން 62 ޕަސެންޓު މީހުން ބަލިން ރައްކާތެރިވި އިރު، ދެބައިކުޅަ އެއްބައި ޑޯޒް ފުރަތަމަ ދިނުމަށް ފަހު ދެން ފުލް ޑޯޒްއެއް ދިނުމުން ރައްކާތެރިކަން 90 ޕަސެންޓަށް އަރަ އެވެ. އަދި އޮކްސްފޯޑުން ވަނީ ދެވަނަ ގޮތަށް ޑޯޒް ދީގެން، ފުޅާ ދާއިރާއެއްގައި އިތުރު ޓެސްޓުތަކެއް ހަދާނެ ކަމަށް ބުނެފަ އެވެ.

އެ ދެ ވެކްސިންގެ ތެރެއިން މޮޑާނާގެ ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 20 ޑިގްރީ ސެލްޝިއަސްގައި ކަމަށްވީ ނަމަވެސް އޮކްސްފޯޑުގެ ވެކްސިން އާދައިގެ ފްރިޖުގެ ފިނިހޫނުމިނުގައި ރައްކާ ކުރެވެ އެވެ.

އޭނާ ވިދާޅުވީ ވެކްސިން ހޯދުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ވެކްސިން ތައްޔާރުވާންވާއިރަށް އެތަކެތި ހޯދުމަށްޓަކައި ސްޓިއަރިން ކޮމެޓީ ތެރެއިން ޓެކްނިކަލް ޓީމްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ޝާހު ވިދާޅުވި އެވެ.

ރާއްޖެއަށް ވެކްސިން ގެނައުމުން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ރާވާފައިވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ހައިރިސްކް ގްރޫޕުގެ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި އެ ނޫންވެސް ޑައިރެކްޓް އެކްސްޕޯސްވާ ފަރާތްތައް ހިމެނެ އެވެ.

އެހެން ނަމަވެސް ފަހުން މުޅި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ލިބޭނެ ކަމަށް ޑރ. ޝާހު ވިދާޅުވި އެވެ.

"ވެކްސިން މި ލިބެނީ ކޯވެކްސް ފެސިލިޓީގެ ތެރެއިން ފުރަތަމަ 20 ޕަސެންޓު. އެކަމަކު ހުރިހާ ރައްޔިތުންނަށް ވާ ވަރަށް ސަރުކާރުން ވެކްސިން ހޯއްދަވާނެ. އެ މަސައްކަތް މިހާރުން ފެށިގެން ޕެރެލަލްކޮށް ކޯވެކްސްގެ ތެރެއިން ކުރާ މަސައްކަތާ އެއްކޮށް އެބަގެންދަން. ހުރިހާ ދިވެހި ރައްޔިތުންނަށް ވެކްސިން ލިބޭނެ. ދުނިޔެއަށް ނުކުންނަ އެންމެ އަވަހަކަށް އަޅުގަނޑުމެންނަށް ލިބޭނެ." ޑރ. ޝާހު ވިދާޅުވި އެވެ.

ކޮވިޑް19ގެ ވެކްސިނެއް ފެނިއްޖެނަމަ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ވެސް ވަނީ ޖާގަ ދީފަ އެވެ.

comment ކޮމެންޓް