ތޫފާނުގެ އަސަރު ރާއްޖެއަށް ކުރަން ފަށައިފި: މެޓް

ބުރެވި ތޫފާނުގެ އަސަރު ރާއްޖެއަށް ވަނީ ކުރަން ފަށާފައި -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ސްރީ ލަންކާ ކައިރިން އުފެދިން ދަތުރުކުރަމުންދާ ތޫފާން "ބުރެވި"ގެ އަސަރު މިހާރު ރާއްޖެއަށް ކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނެފައިވަނީ ތޫފާން ބުރެވި ވަނީ މިހާރު ސްރީ ލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެއްގަމަށް އަރާފައި ކަމަށެވެ. އަދި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހުޅަނގު އުތުރަށް ދަތުރުކޮށް ކޮމޮރިން ސަރަހައްދަށް ދާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ބުރެވި ތޫފާނު މިހާރު ހުރީ ހއ. ކެލާއާ 770 ވަރަކަށް ކިލޯމީޓަރު ދުރުގައި ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުތަކަށް މިހާރު މޫސުން ގޯސްވާން ފަށާފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދަށް މިހާރު ދަނީ މަޑުމަޑުން ވައިގަދަވަމުން ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ މޫސުން އާދަޔާ ހިލާފަށް ގޯސްވެދާނެ ކަމަށް އަދި ނުބެލެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެހެން ނަމަވެސް ރާއްޖެއަށް އެ ތޫފާނުގެ އަސަރު ބޮޑަށް ކުރާނެ ކަން އެނގޭނީ އެ ތޫފާން ދަތުރުކުރާނެ މަގު ކަށަވަރު ވުމުން ކަމަށް މެޓް އިން ބުނެ އެވެ.

މެޓުން ބުނީ، އެ ތޫފާން ދަތުރުކުރަމުންދަނީ އިންޑިއާ މަތީން އަރަބިއަން ކަނޑުގެ ސަރަހައްދަށް ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އިންޑިއާގެ ދެކުނުގެ ސަރަހައްދުން ތިރިވެ އެ ތޫފާނު ދަތުރުކޮށްފި ނަމަ ރާއްޖެއަށް އޭގެ އަސަރު ބޮޑަށް ކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީސް އިން ބުނެ އެވެ.

އެހެންކަމުން އެ ތޫފާނުގެ ހާލަތު އަދި ދަތުރުކުރަމުންދާގޮތްތައް ވަރަށް ގާތުން މޮނިޓާ ކުރަމުން ގެންދާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ކެލާގެ އާންމު ރައްޔިތަކު ސަން އަށް މައުލޫމާތު ދިން ގޮތުގައި އެ ސަރަހައްދަށް މިހާރު ވަނީ ވިއްސާރަ ކުރަން ފަށައިފަ އެވެ. ކޮންމެވެސް ވަރަކަށް ގަދައަށް ވައި ޖެހުނު ނަމަވެސް އަދި ވާރޭ ނުވެހޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާ އިތުރަށް ބުނީ ވައި ކޮންމެވެސް ވަރަކަށް ގަދަވެފައި މިވަގުތު އޮތީ މަޑުން ނަމަވެސް އުޑުމަތި ބަނަވުމުގެ ސަބަބުން އަދި ވައިގަދަ ވުން އެކަށީގެންވާ ކަމަށެވެ.

comment ކޮމެންޓް