ނަވާރަވަނަ މަޖިލިހުގެ ޔައުމިއްޔާއިން ޞަފުޙާޔަކަށް ކަޅިއެއް 1

މަޖިލިސް: --- ފައިލް ފޮޓޯ/ މަޖިލިސް

ޤައުމެއްގެ ޤާނޫނު ހަދާ މަޖިލިހުގައި ތިބޭން ވާނީ ޤާނޫނު ހެދުމުގެ ޤާބިލިއްޔަތު ހުންނަ މީހުންނެވެ. ދައުލަތަކީ އަދި ޤައުމަކީ ކޮން އެއްޗެއްސެއްކަމާއި، ރައްޔިތުންނާއި ޙުކޫމަތާއި ދައުލަތުގެ މިނިވަންކަމާއި އިސްތިޤުލާލަކީ ކޮބައިކަން ދަންނަ މީހުންނެވެ. ޙުކޫމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ކޮބައިކަން ދަންނަ މީހުންނެވެ. ޤާނޫނަކީ ކޯއްޗެއްކަމާއި، ޤާނޫނު ހަދަނީ ކޮން މަޤްޞަދުތަކެއްގައިކަން ދަންނަ މީހުންނެވެ. ޤާނޫނުގެ އަޞްލަކަށް ވާން ޖެހޭ މަޞްދަރުތަކާއި، އެ މަޞްދަރުތަކުން ޤާނޫނީ އުޞޫލުތަކާއި ހަމަތައް ނެރުމުގައި ތަބަޢަ ވާން ޖެހޭ މަންހަޖާއި އުޞޫލުތަކަކީ ކޮބައިކަން ދަންނަ މީހުންނެވެ. ޤާނޫނުން މުޖުތަމަޢަށް ކުރާ އަސަރުތަކާއި، ޤާނޫނުގެ ސަބަބުން މުޖުތަމަޢުގެ އެކިއެކި ކަންކަމުގައި ނުކުންނަ ނަތީޖާތަކާއި، ގޯސް ޤާނޫނުތައް ހަދައި ހިންގުމުން ވަނީ ކިހިނެއްކަން ދަންނަ މީހުންނެވެ. ޤައުމުގެ ޤައުމިއްޔަތާއި، އެ ޤައުމިއްޔަތުގެ ބުންޔާދުތަކާއި، އެ ޤައުމިއްޔަތުގެ އަސާސީ ޤިޔަމުތަކާއި، އެ ޤައުމިއްޔަތު ރައްކައުތެރި ކޮށް ދެމެހެއްޓުމުގެ މުހިއްމުކަމާއި، އެ ޤައުމިއްޔަތު ގެއްލިގެން ހަލާކު ވެގެން ހިނގައިދާނެ ސަބަބުތަކާއި މަގުތަކަކީ ކޮބައިކަން، އަދި އެ ޤައުމިއްޔަތު ރައްކައުތެރި ކުރުމަށް ޓަކައި ޢަމަލު ކުރާން ޖެހޭ ގޮތަކީ ކޮބައިކަން ދަންނަ މީހުންނެވެ. އިންސާނީ ޙަޔާތަކީ ކޯއްޗެއްކަމާއި، އެ ޙަޔާތުގެ މަޤްޞަދުތަކަކީ ކޮބައިކަމާއި، ދުނިޔަވީ ޙަޔާތް ބައްޓަން ކުރާން ވީ ކޮން ގޮތަކަށްކަމާ މެދު ހެއިލުންތެރި މީހުންނެވެ. މި ކަންކަމަށް ރިޢާޔަތް ކޮށްގެން ހެޔޮ ގޮތުގައި ޤާނޫނު ހެދުމަށް ބޭނުންވާ ޢިލްމާއި ތަޖުރިބާ އާއި ޙިކުމަތް ހުންނަ މީހުންނެވެ. މި ކަންތައްތަކާ މެދު ވިސްނައި ފިކުރު ކުރުމާއި، މި ކަންކަމާ މެދު ހެޔޮ ބުއްދީގެ ބޭނުން ކޮށްގެން މަޝްވަރާ ކޮށް ވާހަކަ ދެއްކުމާއި ނިންމުންތައް ނިންމުމުގެ ޤާބިލުކަން ހުންނަ މީހުންނެވެ. ފިކުރީ ގޮތުންނާއި، ޢިލްމީ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ތަޖުރިބާގެ ގޮތުން ވެސް މެއެވެ.

ޤައުމެއްގެ ޤާނޫނު ހަދާ މަޖިލިހަކަށް މި ދެންނެވި ޤާބިލިއްޔަތު ނެތް ބަޔަކު އިންތިޚާބު ނުވަތަ ޢައްޔަން ކުރެވިއްޖެ ނަމަ، އެ ޤައުމެއް އެ ވެއްޓެނީ ހަލާކުގެ ފުން އަނދަވަޅަކަށެވެ. "ޑިމެގޯގެއް" ގެ އަޅުންނާއި، "ޑިމެގޯގަރީ" ފިޔަވައި އެހެން މަގެއް ނުދަންނަ މީހުންނާއި، ފިކުރީ ގޮތުންނާއި ރޫޙާނީ ގޮތުންނާއި އަޚްލާޤީ ގޮތުން ބަނގުރޫޓު ވެފައި ތިބޭ، އަމާނާތްތެރިކަމެއް އަމުދުން ނެތް މީހުން، ޤާނޫނު ހަދާ މަޖިލިހަށް ހޮވައިފި ޤައުމަކަށް އެއްވެސް ހެވެއް ކާމިޔާބީއެއް ނެތެވެ. މާއްދިއްޔަތާއި އަމިއްލަ އެދުންތަކަށް އަޅުކަން ކުރާ، ތިމާމެންގެ ނާޖާއިޒު އަމިއްލައެދުންތައް ފުއްދުމަށް ޓަކައި ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކައިފާނެ، އަދި ކޮންމެ ފަދަ ޢަމަލެއް ވެސް ހިންގައިފާނެ ބަޔަކު ޤައުމުގެ ޤާނޫނު ހަދާ މަޖިލިހަށް ލައިފި ނަމަ، އެ ޤައުމެއްގެ ކުރިމަގާއި މުސްތަޤުބަލު އެ ގެއްލުނީއެވެ.

28 މެއި 2019 ވީ އަންގާރަ ދުވަހު ދައުރު ފެށި ދިވެހިރާއްޖޭގެ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ކުރީން، އަޅުގަނޑުމެންގެ ޤާނޫނު ހަދާ މަޖިލިހުގެ ދައުރު އަދާ ކުރި މަޖިލިސްތަކުގެ ވާހަކަ ނުދައްކަމާ ހިންގަވާށެވެ! ވާހަކަ މާ ދިގު ވެދާނެތީއެވެ. އެ މަޖިލިސްތަކުގެ ވާހަކަ އެހެން ފަހަރަކަށް ބަހައްޓައިފައި، 19 ވަނަ ރައްޔިތުންގެ މަޖިލިހުން ކަންކަން ކުރަމުން ގެންދާ ގޮތުގެ މައްޗަށް ބަލައި ވިސްނައިލަމާ ހިންގަވާށެވެ!

އިސްވެދެންނެވި ނުކުތާތަކުގެ މައްޗަށް ބަލައި، 19 ވަނަ ރައްޔިތުންގެ މަޖިލިހަކީ ޤާބިލު މެންބަރުންގެ މަޖިލިހެއް ކަމަށް ކަނޑައެޅިދާނެތޯއެވެ؟ އަމާނާތްތެރި މަޖިލިހެއް ކަމަށް ބުނެވިދާނެތޯއެވެ؟ ދިވެހި ޤައުމާއި މުޖުތަމަޢާއި ދައުލަތުން ނުބަޔާއި، ފަސާދަޔާއި، ނަހަމަކަމާއި، ބޭއިންޞާފާއި، އަނިޔާވެރިކަން ނެއްތައިލުމަށް ޓަކައި އިޚްލާޞްތެރިކަމާ އެކު ޤާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު އަދާ ކުރާ މަޖިލިހެއް ކަމަށް ޤަބޫލު ކުރެވިދާނެތޯއެވެ؟ ދިވެހި ޤައުމިއްޔަތާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކައުތެރި ކުރެވޭނެ ގޮތްތަކާއި، މި ކަންކަން ނުރައްކަލާއި ބިރުވެރިކަމަށް ހުރަހޮޅިދާނެ ކަންކަމަށް ނޫނެކޭ ބުނާ މަޖިލިހެއް ކަމަށް ނިންމިދާނެތޯއެވެ؟ ދިވެހިންނަށް ދެއްވި އެންމެ މަތިވެރި ނިޢުމަތް ކަމުގައި ވާ މާތް ވެގެންވާ އިސްލާމް ދީން ދިވެހި ޤައުމުގައި ދަމަހައްޓައި، ދީން ނަގަހައްޓައި، ދީނަށް ނަޞްރު ދިނުމުގެ ގޮތުން، އިސްލާމީ ދައުލަތެއްގެ ޤާނޫނު ހަދާ މަޖިލިހުގެ ގޮތުގައި މަސައްކަތް ކުރާ މަޖިލިހެއް ކަމަށް ބެލެވިދާނެތޯއެވެ؟ ދިވެހި ދުސްތޫރު ނަގަހައްޓައި، ދިވެހި ޤާނޫނުއަސާސީގެ ސިޔާދަތާއި ޙުރުމަތް ރައްކައުތެރި ކޮށް، އެ ޤާނޫނުއަސާސީން އެކަށައަޅާ ދުސްތޫރީ އުޞޫލުތަކާއި މަބްދައުތަކަށް ފުރިހަމަޔަށް ބޯލަނބައި އިޙުތިރާމު ކުރާ މަޖިލިހެއް ކަމަށް ކަނޑައެޅިދާނެތޯއެވެ؟ ދިވެހި ރައްޔިތުންގެ ދުނިޔަވީ އަދި އުޚްރަވީ ޙަޔާތުގެ ހެވަށް މިޞްރާބު ހިފައިގެން ދައުލަތުގެ ޤާނޫނު ހަދާ މަޖިލިހުގެ މަސްއޫލިއްޔަތު އަދާ ކުރާ މަޖިލިހެއް ކަމަށް ބެލެވިދާނެތޯއެވެ؟

މި ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ކިތަންމެ ވާހަކަތަކެއް ދެއްކިދާނެއެވެ. އޭގެ ތެރެއިން އެއް ވާހަކަޔަކަށް ވާނީ މަޖިލިހުގެ މެންބަރުންގެ ގޮތުގައި ތިބި ދެ މީހަކު، މަޖިލިހުގެ ޙުރުމަތާއި، ދިވެހި ދައުލަތާއި ދިވެހި ޤައުމުގެ ޙުރުމަތާއި، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ރައްޔިތުންގެ ދީނީ ޝަޚްޞިއްޔަތުގެ ޙުރުމަތް ކަނޑައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ ގޮވަތިގެދޮރުގެ ރިވެލިފަށުގައި، އަޅުގަނޑުމެންގެ ޅަދަރީންގެ ކުރިމަތީގައި، ﷲ ތަޢާލާ އެ އެއްޗެއްގެ ބޭނުން އެއްވެސް ގޮތަކުން ކުރުން ޙަރާމް ކުރައްވައި، އެއީ ލަޢުނަތް ލެއްވި ޝައިޠާނާގެ އަތުމަސައްކަތުގެ ތެރެއިން ހިމެނޭ އެއްޗެއް ކަމަށް ކަނޑައަޅުއްވައި އެންގެވި ބަނގުރަލުގެ ވިޔަފާރި ކޮށް މީސްމީހުންނަށް ބަނގުރާ ބޯން ދޭން ޖެހޭނެޔޭ ކިޔައިގެން އިހަކަށް ދުވަހު ދެއްކި ވާހަކައެވެ. ނަމަވެސް މި ވާހަކަ ވެސް އިހަށް ބާއްވާނީއެވެ.

މިއަދު އަޅުގަނޑު ބަލައިލާނީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޔައުމިއްޔާގެ ޞަފުޙާތަކުގެ ތެރެއިން ތަންކޮޅެއް ކުރީގެ ޞަފުޙާޔަކަށެވެ.

19 ޖޫން 2019 ވީ ބުދަ ދުވަހު އޮތް، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދިހަވަނަ ޖަލްސާގައި، މަޖިލިހުން ޤަރާރެއް ފާސް ކުރެއްވިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-SJ/02 ކޯޓު އަމުރާއި ނަންބަރު 2019/SC-SJ/03 ކޯޓު އަމުރާ ގުޅޭގޮތުން ފާސް ކުރެއްވި ޤަރާރެކެވެ. ތުޅާދޫ ދާއިރާގެ މެންބަރު ޙިޞާން ޙުސައިނަށް މަޖިލިހުގައި ވާހަކަ ދެއްކެވުމަށް އެރުވުނު ފުރުޞަތުގައި ވާހަކަ ދައްކަވަމުން އޭނާ ހުށައެޅުއްވި ޤަރާރެކެވެ. ޖުމުލަކޮށް ދަންނަވާ ނަމަ، މި ޤަރާރުގައި ތާކުންތާކު ޖެހޭ އެއްވެސް ވާހަކައެއް ހުރި ކަމަކަށް ނުފެނެއެވެ. މުޅީން ވެސް ދައްކަވައިފައި ހުރީ ޤާނޫނުއަސާސީއާ ޚިލާފު، އިސްތިޤްރާރު ވެގެންވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ދުސްތޫރީ ހަމަތަކާއި ޖުރިސްޕްރޫޑެންސްގެ ޢިލްމީ އުޞޫލުތަކާއި ޤަވާޢިދުތަކާ އަރައިރުން ވާ، އަދި ހަމަ ބުއްދިޔަށް ބަލައިނުގަނެވޭ ޒާތުގެ ވާހަކަތަކެވެ. ޚުލާޞާކޮށް ދަންނަވާ ނަމަ، މި ޤަރާރުގައި ބުނާ ވާހަކަޔަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ސިޔާދަތު ތަޖުސީމު ކުރާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި، ރައްޔިތުންގެ މަޖިލިހުން ނިންމާ ކޮންމެ ނިންމުމަކީ ސީދާ ރައްޔިތުންގެ ނިންމުމެއް ކަމުގައި ވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލިހުން ކުރާ އެއްވެސް ކަމަކާ ޤާނޫނީ ގޮތުން ތަޢުނު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި، މަޖިލިހުން ކޮންމެ ކަމެއް – އެބަހީ، އިސްލާމް ދީނާ ޚިލާފު ވިޔަސް، ދިވެހި ޤައުމުގެ މަޞްލަޙަތުތަކާ ޚިލާފު ވިޔަސް، އަދި ޣައިރުދުސްތޫރީ ޢަމަލުތައް ހިންގިޔަސް - ކުރިޔަސް އެކަން ބެލޭނެ އެއްވެސް ގޮތެއް ވެސް ނޯންނާނެ ވާހަކައެވެ.

މައިގަނޑު ގޮތެއްގައި، ޙިޞާން ޙުސައިންގެ ވާހަކަތަކަށް ޙުއްޖަތާއި ދަލީލު ނަންގަވައިފައި ވަނީ އިނގިރޭސި ވިލާތުގެ "ކޮމިޓީ އޮފް ދަ ޕްރިވީ ކައުންސިލުން ބެލި ޕްރެވަލް ވަރސަސް ޓެލެވިޜަން ނިއު ޒިލޭންޑް ލިމިޓެޑް" ޤަޟިއްޔާގެ ގޮތުގައި އޭނާ ސިފަ ކުރެއްވި ޤަޟިއްޔާއެއްގެ ޙުކުމަށް ޙަވާލާ ދެއްވައި ދެއްކެވި ކަމާނުގުޅޭ ވާހަކަތަކަކާއި، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ މާނަ ޤާނޫނުއަސާސީގެ އެހެން އެތައް މާއްދާތަކަކާއި، ދިވެހި ބަހުގެ ޤަވާޢިދުތަކާއި، ހަމަބުއްދިއާ ޚިލާފަށް ކުރައްވައިގެން ދެއްކެވި ވާހަކަތަކަކުންނެވެ. މި ކޮލަމުގައި ޙިޞާން ޙުސައިންގެ ވާހަކަތަކާއި އޭނާގެ ޤަރާރުގެ މައްޗަށް ބަލައިލައި ވާހަކަ ދައްކާ އިރު، ކޮލަމުގެ ފުރަތަމަ ބައިގައި އަޅުގަނޑު ހިމަނާނީ އޭނާ ޙަވާލާ ދެއްވި ޤަޟިއްޔާ އާއި، އެ ޤަޟިއްޔާއާ މެދު އޭނާ ދެއްކެވި ވާހަކަތަކާ ގުޅުން ހުރި ނުކުތާތަކެވެ. ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) މާނަ ކުރުމުގެ މައްސަލަޔާ މެދު، އިރާދަ ކުރެއްވިއްޔާ، މި ކޮލަމުގެ ދެވަނަ ބައިގައި ބަލައިލާނަމެވެ. ރައްޔިތުންގެ މަޖިލިހުން ނިންމާ ކޮންމެ ނިންމުމަކީ ސީދާ ރައްޔިތުން ނިންމާ ނިންމުމެއް ކަމުގައި ވާނެޔޭ ވިދާޅުވެގެން ދެއްކެވި ވާހަކަޔަށް، ފަހުގެ އެހެން ކޮލަމެއްގައި ވާހަކަ ދައްކާން ނިޔަތް އޮތީތީ، މި ކޮލަމުގެ ދެ ބައިގެ ތެރެއިން އެއްވެސް ބައެއްގައި އެ ނުކުތާޔަށް ބަލައިލެވިފައެއް ނުވާނެއެވެ.

ޕްރެބްލް ވަރސަސް ޓެލެވިޜަން ނިއު ޒިލޭންޑް

ޙިޞާން ޙުސައިންގެ ވާހަކައިގައި "އިނގިރޭސި ވިލާތުގެ ކޮމިޓީ އޮފް ދަ ޕްރިވީ ކައުންސިލެއް" ގެ ވާހަކަ ދައްކަވައިފައި ވެއެވެ. އަދި އެ ކައުންސިލުން ބެއްލެވި "ޕްރެވަލް ވަރސަސް ޓެލެވިޜަން ނިއު ޒިލޭންޑް ލިމިޓެޑް" ޤަޟިއްޔާއެއްގެ ވާހަކަ ވެސް އޮވެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދިހަވަނަ ޖަލްސާގެ ޔައުމިއްޔާގެ 41 ވަނަ ޞަފުޙާގެ ފަސްވަނަ ފޮޅުވަތް ބައްލަވައިލެއްވީމާ މި ދެންނެވި ޢިބާރާތްތައް ފެނިވަޑައިގަންނަވާނެއެވެ. ނަމަވެސް މި ދެންނެވި ގޮތަށް އޮންނާނީ، އެންމެ ފުރަތަމަ ޝާއިޢު ކުރެވުނު ކޮޕީގައެވެ. ފެންނަ ފެނުމުގައި، ފަހުގެ ތާރީޚެއްގައި ޔައުމިއްޔާ ވަނީ އިޞްލާޙު ކުރެވިފައެވެ. އެހެނީ، އޮންލޭނުކޮށް މަޖިލިހުގެ ވެބްސައިޓުގައި ފެންނާން ހުރި ކޮޕީގައި މިހާރު އޮންނަނީ "ޕްރެބަލްސް ވަރސަސް ޓެލެވިޜަން ނިއު ޒިލޭންޑް ލިމިޓެޑް" އެއްގެ ވާހަކައެވެ.

އެންމެ ފުރަތަމަ ކަމަކަށް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި މެންބަރަކު ހުށައަޅުއްވައި، އެތައް މެންބަރަކު ތާއީދު ކުރައްވައި، ކައުންސެލް ޖެނެރަލްގެ ޙާޟިރުގައި، މަޖިލިހުގެ ރައީސްގެ ބެއްލެވުމުގެ ދަށުން ފާސް ކުރެއްވި ޤަރާރުގައި އޮންނަ "އިނގިރޭސި ވިލާތުގެ ކޮމިޓީ އޮފް ދަ ޕްރިވީ ކައުންސިލް" އަކީ ވުޖޫދުގައި އޮންނަ އެއްޗެއް ނޫނެވެ. އެހެންނެއް ނޫނެވެ! އިނގިރޭސި ވިލާތުގައި "ޕްރިވީ ކައުންސިލް" އެވެ ކިޔާ މަޖިލިހެއް އޮވެއެވެ. އަދި އެ މަޖިލިހުގައި އެތައް ކޮމިޓީއެއް އޮންނަ އިރު، އެއިގެ ތެރެއިން އެއް ކޮމިޓީއަށް "ޖުޑީޝަލް ކޮމިޓީ އޮފް ދަ ޕްރިވީ ކައުންސިލް" މިހެން ކިޔައެވެ. މިއީ ކޯޓެއް ފަދަ ކިޔާނެކެވެ. ޤަޟާއީ ޒިންމާތަކެއް އަދާ ކުރާ ކިޔާނެކެވެ. ލަފާ ކުރެވޭ ގޮތުގައި ޙިޞާނު ޙުސައިން ހުށައަޅުއްވައިގެން ރައްޔިތުންގެ މަޖިލިހުން ފާސް ކުރެއްވި ޤަރާރުގައި "އިނގިރޭސި ވިލާތުގެ ކޮމިޓީ އޮފް ދަ ޕްރިވީ ކައުންސިލް" އެވެ ވިދާޅުވެ އެ އިޝާރާތް ކުރައްވަނީ މި ދަންނަވާ "ޖުޑީޝަލް ކޮމިޓީ އޮފް ދަ ޕްރިވީ ކައުންސިލް" އަށެވެ.

ދެވަނަ ކަމަކަށް، އެ ވިދާޅުވާ "ޕްރެވަލް" ނުވަތަ "ޕްރެބަލްސް" ވަރސަސް ޓެލެވިޜަން ނިއު ޒިލޭންޑް ލިމިޓެޑް" މި ނަމުގައި ރިޕޯޓު ކުރެވުނު އެއްވެސް ޤަޟިއްޔާއެއް، ޕްރިވީ ކައުންސިލުގެ ޖުޑީޝަލް ކޮމިޓީން ބެލި ކަން އެނގޭކަށެއް ނެތެވެ. އެހެންނެއް ނޫނެވެ. "ޕްރެބްލް ވަރސަސް ޓެލެވިޜަން ނިއު ޒިލޭންޑް ލިމިޓެޑް" މި ނަމުގައި އެ ކޮމިޓީން ބަލައި، 27 ޖޫން 1994 ގައި ނިންމި ޤަޟިއްޔާއެއް ރިޕޯޓު ކުރެވިފައި ވެއެވެ. އަދި ޤަރާރުގައި ޕްރެވަލް/ޕްރެބަލްސް އެވެ ވިދާޅުވެ ދައްކަވައިފައި ވާ ވާހަކަތަކާއި މި ދަންނަވާ ޤަޟިއްޔާގެ ރިޕޯޓު ބަލައިލުމުން، ދައްކަވާން އެ އުޅުއްވީ މި ޤަޟިއްޔާގެ ވާހަކަ ކަމަށް ވެސް ޤަބޫލު ކުރެވެއެވެ.

ޙިޞާން ޙުސައިންގެ ޤަރާރުގައި އޮންނަ ގޮތުން، "މަޖިލިހުގެ މަސައްކަތެއް ނުވަތަ މަސައްކަތުގެ ތެރެއިން އުފަންވާ ކަމަކާ ގުޅޭ ކަމެއް ވިޔަސް، ބަހުސް ކޮށް، ވާހަކަ ދައްކައި، ގޮތެއް ނިންމައި، އަދި އެ ނިންމުމެއް މުރާޖަޢާ ކުރާނީ ވެސް ހަމަ މަޖިލިހުން ކަމީ މަޖިލިހުގެ މަސައްކަތުގެ މައްޗަށް ހިނގާނެ ހަމައެކަނި ޤާނޫނީ ނިޔާ ކަމަށް" ޕްރެބްލް ވަރސަސް ޓެލެވިޜަން ނިއު ޒިލޭންޑް ލިމިޓެޑް ޤަޟިއްޔާގެ ޙުކުމުގައި ޕްރިވީ ކައުންސިލުގެ ޖުޑީޝަލް ކޮމިޓީން ކަނޑައަޅައިފައި ވެއެވެ. ނަމަވެސް މިއީ އެ ޤަޟިއްޔާގެ ޙުކުމުގައި ޙަޤީޤަތުގައި އޮތް ވާހަކައެއް ނޫނެވެ. ޖުޑީޝަލް ކޮމިޓީގެ ނިންމުމުގައި އެޑްރެސް ކޮށްފައި ވަނީ، ބަރުލަމާނު ނުވަތަ ޤާނޫނު ހަދާ މަޖިލިހުގައި ކުރެވޭ ބަޙުޘްތަކާއި، ހިނގާ ޕްރޮސީޑިންގްސްގައި، މެންބަރުންނަށް ލިބިގެން ވާ ޚިޔާލު ފައުޅު ކުރުމާއި ރައުޔު ހާމަ ކުރުމުގެ މިނިވަންކަމުގެ ދަށުން މެންބަރަކު ބުނާ އެއްޗަކާ ނުވަތަ ކުރާ ކަމަކާ ގުޅިގެން، އެ މެންބަރަކު މަދަނީ ނުވަތަ ޖިނާއީ ޒިންމާއެއް އުފުލާން ޖެހިދާނެތޯ ނުވަތަ ނޫންތޯ މި ސުވާލަށެވެ. ކޮމިޓީގެ ފަނޑިޔާރުން ވިދާޅުވެފައި ވަނީ، ބިލް އޮފް ރައިޓްސް 1688 ގެ 9 ވަނަ މާއްދާއިން ބަރުލަމާނުގެ މެންބަރުންނަށް ލިބިދޭ ޢިނާޔަތާއި ރައްކައުތެރިކަމުގެ ދަށުން، މެންބަރަކު ބަރުލަމާނުގެ ޕްރޮސީޑިންގްސްގައި މެންބަރެއްގެ ޙައިޘިއްޔަތުން ދައްކާ ވާހަކައެއް ނުވަތަ ކުރާ ކަމެއްގެ ސަބަބުން، އެ މެންބަރާ ދެކޮޅަށް މަދަނީ ނުވަތަ ޖިނާއީ ދަޢުވާތައް ކޯޓެއްގައި ނުއުފުލޭނެ ވާހަކަޔާއި، އަދި އެފަދަ ވާހަކައެއްގެ މައްޗަށް ބުރަ ވެ، އެ މެންބަރު ތިމާގެ އަބުރަށް އަރައިގަތީއޭ ބުނެ އެއްވެސް ފަރާތަކަށް ކޯޓަށް މައްސަލައެއް ނުހުށައެޅޭނެ ވާހަކައެވެ. މެންބަރަކު ދެއްކި ވާހަކައެއް އެއީ ހެޔޮ ނިޔަތުގައި ދެއްކި ވާހަކައެއްތޯ، މިފަދަ ސުވާލެއް ވެސް އެއީ މަޖިލިހުން މެނުވީ ނުބެލޭނެ ކަމެއްކަން ވެސް ޖުޑީޝަލް ކޮމިޓީގެ ނިންމުމުގައި ފާހަގަ ކޮށްފައި ވެއެވެ. ކުރުކޮށް ދަންނަވާ ނަމަ، ކޮމިޓީން ވިދާޅުވެފައި ވަނީ މެންބަރުންގެ ޢިނާޔަތުގެ ވާހަކައެވެ. މި ޙުކުމުގައި އިނގިރޭސި ވިލާތުގެ މަޝްހޫރު ޖޫރިސްޓް އަދި ފަނޑިޔާރު ވިލިޔަމް ބްލްކެސްޓޯންގެ ބަސްފުޅަކާ ޙަވާލާ ދެއްވައިފައި އޮވެއެވެ. އެ ބަސްފުޅުގައި ވެސް އޮންނަނީ، "ބަރުލަމާނުގެ އެއްވެސް ގެއަކާ ގުޅޭ މައްސަލައެއްގައި، އެ މައްސަލަ ޙައްލު ކުރުމަށް ޓަކައި މައްސަލަ ތަޙްޤީޤު ކުރުމާއި، މައްސަލަޔާ ބެހޭގޮތުން މަޝްވަރާ ކުރުމާއި، ގޮތެއް ނިންމުމަކީ، އެ ގެޔަކާ ބެހޭ، އަދި އެހެން އެއްވެސް ފަރާތަކާ ބެހުމެއް ނެތް ކަމެއް" ކަމުގައެވެ. މިއީވެސް ބަރުލަމާނުގެ އެތެރޭގެ ނިޒާމާއި، މެންބަރުންނާއި، ޕްރޮސީޑިންގްސްއަށް އިޝާރާތް ކުރައްވައި ވިދާޅުވެފައި ވާ ވާހަކަފުޅެކެވެ. އެހެންކަމުން، ޕްރެބްލް ޤަޟިއްޔާގައި، ޙިސާން އެ ވިދާޅުވާ، މަޖިލިހުން ފާސް ކުރެއްވި ޤަރާރުގައި ބުނާ ފަދަ އެއްވެސް ވާހަކައެއް ނެތެވެ. އެ ޤަޟިއްޔާގައި، ޤާނޫނު ހަދާ މަޖިލިހަކުން ނިންމާ އެއްވެސް ނިންމުމެއް ކޯޓަކަށް ނުގެންދެވޭނެ ކަމަށް ބުނާ އެއްވެސް ޤާނޫނީ އުޞޫލެއްގެ ވާހަކައެއް ނެތެވެ.

"ޕްރެބްލް" ޤަޟިއްޔާގެ ޙުކުމުގައި އޮތް އެއްޗެއް ޙިޞާން ޙުސައިނަށް އޮޅިވަޑައިގަތީ ކަމަށް ވެދާނެއެވެ. ނުވަތަ ގަސްތުގައި، އެ ޤަޟިއްޔާގައި އޮތް އެއްޗެއް އޮޅުވައިލައްވައިގެން، އޭނާ ބޭނުން "ނުކުތާއެއް" ނުވަތަ "ގޮތެއް" ސާބިތު ކުރައްވާން އުޅުއްވީ ކަމުގައި ވެސް ވެދާނެއެވެ. މި ދެ ގޮތުން ކުރެ ބޮޑަށް ގޯހީ ކޮން ގޮތެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ނަމަވެސް މިއިން އެއް ގޮތެއް ވެސް ރަނގަޅު ނޫން ކަމަށް ޤަބޫލު ކުރަމެވެ. މިއިން އެއްވެސް ގޮތަކީ، އަމާނާތްތެރި، ޤާބިލު، އަދި ހެޔޮ އަޚްލާޤެއްގެ ވެރި، އިޙްސާންތެރި މެންބަރަކު ޢަމަލު ކުރާނެ ގޮތެއް ނޫން ކަން ވެސް ޤަބޫލު ކުރަމެވެ. ހަމަ އެހެންމެ، މަޖިލިހުން މި ޤަރާރު އޮތް ގޮތަށް ފާސް ވެގެން ދިޔަދިޔުމީ، އަދި މި ދެންނެވި ބޮޑެތި ކުށްތައް އިޞްލާޙު ނުކުރެވި ދިޔަދިޔުމީ، މަޖިލިހާ މެދު ވިސްނާ ބަޔަކަށް ގިނަ ކަންތައްތަކެއް އަންގައިދިން ކަމެއްކަމަށް ވެސް އަޅުގަނޑު ދެކެމެވެ.

ބަރުލަމާނީ ސިޔާދަތުގެ މަބްދައު

"ޕްރެބްލް" ޤަޟިއްޔާއަށް ޙަވާލާ ދެއްވައި އިތުރުފުޅުތަކެއް ހެއްދެވުމުގެ، ނުވަތަ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދެއްކެވުމުގެ ބަދަލުގައި، ޙިސާން ޙުސައިނަށް އިނގިރޭސި ވިލާތާއި ނިއު ޒިލޭންޑުގައި އޮންނަ ދުސްތޫރީ މަބްދައެއްގެ ވާހަކަ ދެއްކެވުނީހެވެ. އެ މަބްދައަކީ "ބަރުލަމާނީ ސިޔާދަތު" ނުވަތަ "ޕާރލަމެންޓްރީ ސޮވްރިންޓީ"ގެ މަބްދައެވެ. އިނގިރޭސި ވިލާތުގައި ވެސް، އަދި ނިއު ޒިލޭންޑުގައި ވެސް، ބަރުލަމާނު ނުވަތަ ޤާނޫނު ހަދާ މަޖިލިހުން ކުރާ އެއްވެސް ކަމަކަށް، އެހެން އެއްވެސް ފަރާތަކަށް ތަޢުނެއް ނުކުރެވޭނެއެވެ. އެއްވެސް ފަރާތަކުން، އެއްވެސް ތަނަކުން، އެއްވެސް މީހަކަށް، ބަރުލަމާނުން ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން އެ ކިޔާނު ޖަވާބުދާރީއެއް ނުކުރެވޭނެއެވެ. އެ ކިޔާނު ވެސް، އަދި އެތަނުގެ މެންބަރަކު ވެސް އެފަދައިން ޖަވާބުދާރީއެއް ނުކުރެވޭނެއެވެ. ސަބަބަކީ، އިސް ވެދެންނެވި މަބްދައުގެ ދަށުން، މި ދެ ޤައުމުގައި ވެސް، ޤައުމީ ސިޔާދަތު ތަޖުސީމު ކުރާ ފަރާތަކީ، އަދި ރައްޔިތުންގެ ޑިމޮކްރެޓިކް ބާރު ތަޖުސީމު ކުރާ ކިޔާނަކީ، އަދި ދައުލަތުގެ ސިޔާދަތީ ބާރު އެ ފަރާތަކަށް ލިބިގެން ވާ ފަރާތަކީ ބަރުލަމާނު ކަމުގައި ވާތީއެވެ. ނަމަވެސް، މިއީ ބަރުލަމާނުގެ މެންބަރުންނަށް، ބަރުލަމާނުގައި ދައްކާ ވާހަކަތަކާއި ބުނާ ބަސްތަކުގެ ސަބަބުން ޖިނާއީ ނުވަތަ މަދަނީ އިލްތިޒާމެއް އުފުލާން ނުޖެހުން – މެންބަރުންނަށް ލިބިދެވޭ "ޕާރލަމެންޓްރީ އިމިޔުނިޓީ" – އާ އެއްވެސް ގުޅުމެއް ނެތް، މުޅީން ތަފާތު މަފްހޫމެކެވެ. މުޅީން ތަފާތު މަބްދައެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ވެސް، އެ ޤާނޫނުއަސާސީގެ 90 ވަނަ މާއްދާއިން، މެންބަރުންނަށް މި ދަންނަވާ ރައްކައުތެރިކަމުގެ އިމްތިޔާޒާއި ޢިނާޔަތް ވަނީ ލިބިދީފައެވެ. އެ މާއްދާގައި އޮންނަނީ، ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު އެ މަޖިލިހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލިހުގެ ކޮމިޓީއެއްގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށައެޅި ހުށައެޅުމަކާ ގުޅިގެން ނުވަތަ ވޯޓު ދިނުމުގައި ޢަމަލު ކުރި ގޮތެއްގެ ސަބަބުން، އެ މެންބަރަކު ކޯޓަށް ޙާޟިރު ކުރުމާއި އޭނާގެ މައްޗަށް ތަޙުޤީޤު ހިންގުމާއި ހައްޔަރު ކޮށް ބަންދު ކުރުމާއި ދަޢުވާ ކުރުން ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމުގައެވެ. ދުސްތޫރީ ޤާނޫނުގެ ކޮންމެ އަހުލުވެރިޔަކު ވެސް ކަށަވަރު ކޮށްދޭނެ ފަދައިން، މިއީ "ބަރުލަމާނީ ސިޔާދަތު" ގެ މައުޟޫޢާ މުޅީން ވަކި، މުޅީން ތަފާތު މައުޟޫޢެކެވެ.

ސުވާލަކީ، ޙިޞާން "ބަރުލަމާނީ ސިޔާދަތު" ގެ މަބްދައާ ޙަވާލާ ދެއްވައި، އެ މަބްދައުގެ އަސާސުގައި ޙުއްޖަތް ދައްކަވައިގެން، ދިވެހިރާއްޖޭގައި ވެސް ރައްޔިތުންގެ މަޖިލިހުން ކުރާ އެއްވެސް ކަމަކަށް ކޯޓެއްގައި ވިޔަސް ޗެލެންޖު ނުކުރެވޭނެކަން ސާބިތު ކުރައްވާން މަސައްކަތް ނުކުރެއްވީ ކީއްވެގެންތޯ، މިއެވެ. މިއީ އޭނާގެ ކުރީން އެހެން ބެއިފުޅަކު ކުރެއްވި ކަމެއްކަން މި ފުރުޞަތުގައި ފާހަގަ ކުރަމެވެ. 2012 ހައިތަނުގައި ޤާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު ލިޔުއްވައި އޭނާގެ ބްލޮގުގައި ޝާއިޢު ކުރެއްވި މަޒުމޫނެއްގައި ވެސް، ސިޔާދަތާއި ދައުލަތުގެ އެންމެ މަތީ ބާރުވެރިކަން ތަޖްސީމު ކުރާނީ ބަރުލަމާނު ނުވަތަ ޤާނޫނު ހަދާ މަޖިލިސް ކަމަށާއި، އެއީ "އިންޓަރނޭޝަނަލް ޕްރިންސިޕްލް" އެއް ކަމަށް ވިދާޅުވެ، އެހެންކަމުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ނިންމާ އެއްވެސް ނިންމުމެއް މުރާޖަޢާ ކޮށް އެފަދަ ނިންމުމެއް ބާޠިލު ކުރުމުގެ އެއްވެސް ބާރެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވެސް ނޯންނާނެޔޭ ވިދާޅުވެ ވާހަކަ ދެއްކެވިއެވެ. ޙިޞާނު ޙުސައިން، ނަޝީދު ދެއްކެވި ފަދަ ވާހަކައެއް ނުދައްކަވައެވެ. ހެއްދެވި ގޮތަކީ ޖުޑީޝަލް ކޮމިޓީ އޮފް ދަ ޕްރިވީ ކައުންސިލް އޮފް ދަ ޔުނައިޓެޑް ކިންގްޑަމްގެ "ޕްރެބްލް" ޤަޟިއްޔާއަށް ޙަވާލާ ދެއްވައިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދެއްކެވީއެވެ. ކީއްވެގެން ބާވައެވެ؟ މުޙައްމަދު ނަޝީދު އޭނާގެ ބްލޮގުގައި ލިޔުމެއް ޝާއިޢު ކުރެއްވި ދުވަހުގެ ފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ފަދަ މަޞްދަރުތަކުން ދިވެހިރާއްޖެޔަކީ "ބަރުލަމާނީ ސިޔާދަތު" އޮންނަ ދައުލަތެއް ނޫންކަމާއި، ދިވެހިރާއްޖޭގައި ރައްޔިތުންގެ ސިޔާދަތު ތަޖްސީމު ކުރަނީ ޤާނޫނުއަސާސީކަމާއި، ޤާނޫނުއަސާސީގެ ސިޔާދަތީ އޮތޯރިޓީގެ ދަށުން ޙުކޫމަތުގެ ތިން ބާރަކީ އެއް ބާރު އަނެއް ބާރަށް ވުރެ ވަކި އިސް ވެގެން ނުވާ ތިން ބާރު ކަމާއި، އެއްވެސް ބާރަކަށް އަނެއް ބާރުގެ މައްޗަށް އިސް ވެގަތުމުގެ އެއްވެސް ޝަރުޢިއްޔަތެއް ނޯންނާނެކަން ވަރަށް ބޮޑަށް ސާފު ވެގެން ގޮސްފައި އޮތުމުން، އަދި ޤާނޫނުއަސާސީގެ އެތައް މާއްދާއެއްގެ ޞަރީޙަ ނައްޞުން، ދިވެހިރާއްޖޭގައި އޮންނަނީ "ބަރުލަމާނީ ސިޔާދަތު" ނޫންކަން ކަނޑައެޅިގެން ފެންނާން އޮންނާތީ، އެ މަބްދައުގެ ވާހަކަ ދައްކަވާން ކެރިވަޑައިނުގަތީ ބާވައެވެ!

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަކަށް، އިނގިރޭސި ވިލާތް ނުވަތަ ނިއު ޒިލޭންޑުގެ ދުސްތޫރީ ނިޒާމުގައި ބަރުލަމާނަށް އޮންނަ ޙައިޘިއްޔަތާއި ބާރާއި އޮތޯރިޓީއެއް ނޯވެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ އާއި 268 ވަނަ މާއްދާ ފަދަ މާއްދާތަކުން އެކަން ވަނީ ޞަރީޙަ އަދި ޤަޠުޢީ ގޮތެއްގައި ކަނޑައެޅިފައެވެ. މި މާއްދާތަކުގެ ޞަރީޙަ ނައްޞުން ކަނޑައަޅަނީ، ދިވެހިރާއްޖެޔަކީ "ކޮންސްޓިޓިޔުޝަނަލް ސުޕްރެމަސީ" ނުވަތަ "މަބްދައު ސުމުއްވުއް ދުސްތޫރު" އޮންނަ ދައުލަތެއް ކަމުގައެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި ޤާނޫނު ހަދާ މަޖިލިސް ވެސް، ތަންފީޛީ ބާރު ވެސް، އަދި ޤަޟާއީ ބާރު ވެސް އޮންނާނީ ޤާނޫނުއަސާސީގެ ދަށުގައެވެ. އަދި، ޢަމަލީ ގޮތުން އެކަން ކަށަވަރު ކުރުމަށް ޓަކައި، ދުނިޔޭގެ އެހެން ދުސްތޫރީ ނިޒާމުތަކުގައި ވެސް ޢަމަލު ކުރާ އުޞޫލުން، ޤާނޫނު ހަދާ މަޖިލިހާއި ތަންފީޛީ ބާރާއި މިނިވަން މުއައްސަސާތައް ދުސްތޫރީ އިންތަކުގެ ތެރޭގައި ޤާއިމު ވެތިބޭތޯ ބަލައި ފާރަވެރިވުމަކީ މިނިވަން ޖުޑީޝަރީގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުތަކުގެ ކަމެކެވެ. ޤާނޫނު ހަދާ މަޖިލިހުން ވިޔަސް، ސަރުކާރުން ވިޔަސް، އަދި މިނިވަން މުއައްސަސާޔަކުން ވިޔަސް، ޤާނޫނުއަސާސީއާ ޚިލާފު ވެއްޖެ ނަމަ، އެކަން ޤަޟާއީ ގޮތުން ބެލޭނެއެވެ. ޤާނޫނުއަސާސީން އެކަމަށް ޓަކައި އުފައްދައި ބާރުވެރި ކޮށްފައި ހުންނަ ކޯޓުތަކެއްގައި، އެކަން ބެލޭނެއެވެ. އެކަމާ ގުޅޭ ޝަރީޢަތް ހިންގޭނެއެވެ. އެކަމާ ގުޅިގެން ރައްޔިތުންނަށް އެ ކޯޓުތަކަށް ޝަކުވާ އުފުލޭނެއެވެ. ޤާނޫނުއަސާސީއާ ޚިލާފަށް މަޖިލިހުން، ސަރުކާރުން، ނުވަތަ އެހެން ފަރާތަކުން ވިޔަސް ކުރާ ކޮންމެ ކަމެއް، އެއްކަލަ ކޯޓުތަކަށް ބާޠިލު ވެސް ކުރެވޭނެއެވެ. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ ފަދަ މާއްދާތަކުގެ ޞަރީޙަ ނައްޞުން އެނގޭ ފަދައިން، މިގޮތުގެ މަތީން ޤާނޫނުއަސާސީއާ ޚިލާފަށް މަޖިލިހުން ނުވަތަ ސަރުކާރުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކުރާ ކަންކަމާއި ނިންމާ ނިންމުންތައް ބާޠިލު ކުރެވޭނީ ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބަލައިގެންފައި ވާ "މަބްދައު ސުމުއްވުއް ދުސްތޫރު" އަކީ މި ޒަމާނުގެ ބެސްޓް ޕްރެކްޓިސް ވެސްމެއެވެ. އިނގިރޭސި ވިލާތާއި، ނިއު ޒިލޭންޑާއި، އިސްރާއީލާއި، އަދިވެސް އެހެން ބައެއް ދައުލަތްތަކުގައި އަދިވެސް "ބަރުލަމާނީ ސިޔާދަތު" އެބައޮތެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ކުރީން ޔޫރަޕުގައި ވެސް ޢާއްމު ދުސްތޫރީ އުޞޫލަކީ ބަރުލަމާނީ ސިޔާދަތުގެ އުޞޫލެވެ. ނަމަވެސް ޖަރުމަނު ވިލާތުގެ ބަރުލަމާނުގައި ނާޒީންނަށް އަކްސަރިއްޔަތު ލިބި، އެ އަކްސަރީ ބާރުގެ ވަސީލަތުން އެމީހުން ފާސް ކުރި ޤާނޫނުތަކާއި، ނިންމި ނިންމުންތަކާއި، އެ ޤާނޫނުތަކާއި ނިންމުންތަކާ އެކު ނާޒީ ޖަރުމަނުން ޔަހޫދީންނާއި ޖިޕްސީން ފަދަ މީސްމީހުންނަށް ކުރި އަނިޔާތަކާއި، މުޅި ޔޫރަޕް ބޮޑު ހަނގުރާމައެއްގެ ތެރެޔަށް ވައްޓައިލިވައްޓައިލުމުން ލިބުނު ފިލާވަޅާ އެކު، ޔޫރަޕުގެ ވިސްނުން ބަދަލު ވެގެން ދިޔައެވެ. އެހެންކަމުން، ދެވަނަ ބޮޑު ހަނގުރާމަޔަށް ފަހު ޔޫރަޕުގެ "ދުސްތޫރީ ފިޤްހު" ގެ ޢިލްމިއްޔާގެ ވިސްނުން ބަދަލު ވެގެން ދިޔައެވެ. "ބަރުލަމާނީ ސިޔާދަތު" ގެ އުޞޫލު އެއްލައިލެވުނެވެ. އެއަށްފަހު، ޔޫރަޕުގައި ބަލައިގަނެވުނު އުޞޫލަކީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދުސްތޫރީ ނިޒާމުގައި 1787 އިން ފެށިގެން އޮތް "މަބްދައު ސުމުއްވުއް ދުސްތޫރު" ގެ މަބްދައެވެ. ޒަމާނީ ޔޫރަޕިޔަން ނިޒާމުތަކަކީ، ހާންސް ކެލްސެން ފަދަ ބެއިފުޅުންގެ ޢިލްމީ ތިޔަރީތަކާ އެއްގޮތަށް "މަބްދައު ސުމުއްވުއް ދުސްތޫރު" ގެ މަބްދައުގެ މައްޗަށް ބިނާ ކުރެވިފައި ވާ ނިޒާމުތަކެކެވެ. ޖަރުމަނު ވިލާތް، ފަރަންސޭސި ވިލާތް، އިޓަލީ ވިލާތް، އިސްޕޭނު ވިލާތް ފަދަ ހުރިހައި ތަނެއްގައި ވެސް މިހާރު އެންމެ މަތީ ބާރަކީ ދުސްތޫރުގެ ބާރެވެ. ދުސްތޫރުގެ ބަސް އިއްވަނީ ޤާނޫނު ހަދާ މަޖިލިސް ވެސް ހިމެނޭ ގޮތުން ދައުލަތުގެ އެންމެހައި ގުނަންތައް ވެސް ބޯލަނބައި ކިޔަމަން ވާން ޖެހޭ ގޮތެއްގައި ބަސް ބުނާ ދުސްތޫރީ ކޯޓަކުންނެވެ. އެ ކޯޓުން ޤާނޫނުއަސާސީ މާނަ ކޮށް ތަފްސީރު ކުރާ ގޮތާ މެދު ޗެލެންޖު ކުރުމުގެ އެއްވެސް ބާރެއް އަދި އިޚްތިޔާރެއް، ޤާނޫނު ހަދާ މަޖިލިހަށް ނުވަތަ ތަންފީޛީ ބާރަށް ނުވަތަ މިނިވަން މުއައްސަސާޔަކަށް ވެސް ނޯވެއެވެ. ޚުދު އެ ކޯޓު ދުސްތޫރީ އިންތަކުގެ ތެރޭގައި ޤާއިމުވެ ހުރޭތޯ ޗެކް ކުރުމީ ވެސް އެ ކޯޓުގެ ޒިންމާއެކެވެ. އެއީ އެހެން ފަރާތަކަށް ކަނޑައެޅޭނެ ކަމެއް ނޫނެވެ. މިއަދު މުޅި ދުނިޔޭގައި ވެސް، ބަރުލަމާނަށް ސިޔާދަތު އޮތުމުގެ މަބްދައަކީ ނިސްބަތުން މަދު ޤައުމުތަކެއްގައި އޮންނަ އުޞޫލެކެވެ. އެއިއްޔަކީ ޤާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު އޭނާގެ ބްލޮގުގައި ލިޔުއްވި ލިޔުއްވުމުގައި ވިދާޅުވާ ފަދަ "އިންޓަރނޭޝަނަލް ޕްރިންސިޕްލް" އެއް ވެސް ނޫނެވެ.

ދެން، ފަހުބަހަށް ޖެހިލަމާ ހިންގަވާށެވެ!

2008 ގައި ދިވެހިރާއްޖޭގައި ތަޢާރަފު ކުރެވުނު ފެހި ޤާނޫނުއަސާސީގެ އެންމެ ފާހަގަ ކޮށްލެވޭ އެއް އުޞޫލަކީ، ދައުލަތުގެ ބާރުތައް ދަރަޖައިގެ ގޮތުން ހަމަހަމަ ތިން ގުނަނަކަށް ބެހި، "މަބްދައު ސުމުއްވުއް ދުސްތޫރު" ގެ ހަރުދަނާ އުޞޫލުތަކުގެ ދަށުން ބަރުލަމާނު ވެސް އަދި ސަރުކާރު ވެސް ކޯޓުގައި ޖަވާބުދާރީ ކުރުވޭ ގޮތަށް އޮތްއޮތުމެވެ. ނަމަވެސް ފާއިތު ވެދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނީ ޤާނޫނުއަސާސީއަށާއި، ޤާނޫނުއަސާސީން ޤާއިމު ކުރި މިފަދަ ހަރުދަނާ އެތައް އުޞޫލުތަކަކަށް، ރާއްޖޭގެ ސިޔާސީ ލީޑަރުންގެ އުޞޫލެއް ނެތް "ޕޮލިޓިކްސް" ގެ އަނދިރި ހިޔަނި އެޅެމުން އައިތަނެވެ. ޚާއްޞަ ގޮތެއްގައި، ޤާނޫނުއަސާސީ އާއި ޤާނޫނުއަސާސީން ޤާއިމު ކުރި ބާރުތައް ވަކި ކުރުމާއި، މިނިވަން ޖުޑީޝަރީއެއް އުފެއްދުމާއި، މަބްދައު ސުމުއްވުއް ދުސްތޫރާއި، ޤާނޫނުގެ ވެރިކަން އޮތުމުގެ މަބްދައު މުޅީން ފުނޑުފުނޑު ކޮށްލެވުނީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ "އަކްސަރީ ޒުލްމުވެރިކަން" ނުވަތަ "މެޖޯރިޓޭރިޔަން ޓިރަނީ" އާއި، އިސްތިބްދާދިއްޔަތާއި، ޚުދުމުޚްތާރިއްޔަތުގެ ސަބަބުންނެވެ. ވަކި މީހެއްގެ، ވަކި ބައެއްގެ، ވަކި ޖަމާޢަތެއްގެ މަޞްލަޙަތުތައް އިސް ކޮށް، މާތް ވެގެންވާ އިސްލާމް ދީނުގެ ބާރު ދިވެހި ދައުލަތުން ކަނޑުވައިލައި، ދިވެހި ޤައުމުގެ މުޅި ޝަޚްޞިއްޔަތު ކަތި ލުމުގެ ނުބައި ރޭވުމެއްގެ ތެރެއިން، 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ބާރު އޮތް މީހުން ހިންގަމުންދާ ބޮޑު ޚިޔާނާތާއި، އަޚްލާޤީ ޖަރީމާތަކާއި، ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ޢަމަލުތަކުގެ ތެރެއިންނެވެ. މި ޖަރީމާތަކުގެ އުސްއަލިތަކުގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ އުސް އައްޔަކީ 19 ޖޫން 2019 ގައި އެ މަޖިލިހުން ފާސް ކުރި ޣައިރުދުސްތޫރީ، ޣައިރުޤާނޫނީ، އަދި ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ތާކުންތާކު ނުޖެހޭ ޤަރާރެވެ. އެ ޤަރާރު ރިކޯޑު ކުރެވުނު މަޖިލިހުގެ ޔައުމިއްޔާގެ ޞަފުޙާޔަކީ ދިވެހި ތާރީޚުގެ ވާހަކައިގެ އަނދިރި ޞަފުޙާއެކެވެ. އެ ޞަފުޙާ ލިޔުނު އެންމެން، ދިވެހި ރައްޔިތުން ހަނދާން ކުރާނެއެވެ. މި ޤައުމު ދުށް ޚާއިނުންގެ ލިސްޓެއްގެ ވަސީލަތުންނެވެ.

comment ކޮމެންޓް