ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ވިއްސާރަވެ ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ކަނޑުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތޫފާން "ބުރެވި"ގެ ސަބަބުން މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުތައް ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނެފައިވަނީ އެ ތޫފާނުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް ގަދަވުން އެކަށީގެންވާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕްފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރަން ޖެހޭނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އޭގެއިތުރުން ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ވެސް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ ތޫފާން ބުރެވި މިއަދު ހަވީރުގެ ވަގުތެއްގައި ސްރީ ލަންކާ ހުރަސްކޮށް ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެ ކަމަށެވެ. އެހެންކަމުން ހަވީރުން ފެށިގެން ރާއްޖެއަށް އެ ތޫފާނުގެ އަސަރުތައް ކުރަން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

comment ކޮމެންޓް