މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އަޅަން އަންގައިފި

މާލޭގެ ލަކްޒަރީ ފިހާރަ ކައިރީ މީހުން ވިޔަފާރި ކުރުމަށް ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިިހާ ރަށަކާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި ބޭރުގައި އެކުވެ އުޅޭއިރު އިޖުތިމާއީ ގައިދުރުކަން ގެންގުޅެން ޖެހޭގޮތަށް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލުކޮށް ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން އަލަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ދަށުން ރަށްރަށުގައި މާސްކް އެޅުން ލާޒިމުކޮށް އަމަލު ކުރަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށް ރަށުގައި މާސްކު އަޅައިގެން އުޅުމާއި ބޭރުގައި އުޅޭ ނަމަ ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާސްކް އެޅުން މަޖުބޫރުކޮށްފައި މީގެ ކުރީން އޮތީން މާލެ ސަރަހައްދު ކަމަށްވާ މާލެ، ވިލިމާލެ އަދި ހުޅުމާލެގެ އިތުރުން ގެސްޓް ހައުސް ހިންގާ ރަށްތަކުގައެވެ. އެހެންނަމަވެސް އަލަަށް ގެނައުމަށް ނިންމާފައިވާ ބަދަލާއެކު މީހުން އުޅޭ ހުރިހާ ރަށެއްގައިވެސް މާސްކް އަޅަން ޖެހޭނެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ކޮންޓްރޯލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކޭސްތައް މަދުވާން ފެށުމާއެކު މިހާރު ސަރުކާރުން ދަނީ އެކި ކަހަލަ ލުއިތައް ދޭން ފަށާފައެވެ. އެގޮތުން މާލެއިން އެހެން ރަށަކަށް ދާ މީހުންގެ ކަރަންޓީނުގެ މުއްދަތު ކުރު ކުރުމަށްވެސް ވަނީ މިހާރު ނިންމާފައެވެ.

މީގެކުރީން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހޭދަކުރަން ޖެހުނު ނަމަވެސް އަންނަ ހުކުރު ދުވަހުން ފެށިގެން ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ބަދަލުވާނެ އެވެ. އެހެންނަމަވެސް އެގޮތަށް ބަދަލު ގެނެސްފައިވަނީ އެއް ރަށުން އަނެއް ރަށަށް ދާ ފަރާތްތަކުންނަށް އެކަންޏެވެ. ވައިރަސްއަށް ޕޮޒިޓިވްވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ފަރާތްތަކުންގެ ކަރަންޓީނުގެ މުއްދަތު ދެންވެސް އޮންނާނީ 14 ދުވަހަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންތަކަށް އަމަލުކުރުމަށާއި އެކަންތައްތައް ބެލުމަށް ލޯކަލް ކައުންސިލުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

comment ކޮމެންޓް