ބާރުގަދަ ތޫފާނެއްގެ ބިރު، ހަވީރުން ފެށިގެން ވައިގަދަވާނެ

ސްރީލަންކާ ކައިރީގައި އުފެދިފައިވާ ތޫފާން "ބުރެވި"ގެ ސަބަބުން މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ކުރިން ބުނެފައި ވަނީ މާދަމާއިން ފެށިގެން، ކުރިއަށް އޮތް ހަފްތާ ބަންދުގައި ބުރެވި ތޫފާނާ ގުޅިގެން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންނަމަވެސް މިއަދު މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުރެވި ތޫފާން މިހާރު ހުރީ ސްރީ ލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި ކަމަށެވެ.

ތޫފާން އިތުރަށް ބާރުގަދަވެ ހުޅަނގުން ހުޅަނގުއުތުރަށް ދަތުރުކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސްރީ ލަންކާ ހުރަސްކޮށް ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުވެސް ދަނީ އިތުރަށް ބާރުގަދަވަމުން ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ. އެހެންކަމުން ހަވީރުން ފެށިގެން ރާއްޖެއަށް އެ ތޫފާނުގެ އަސަރުތައް ކުރަން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓުން ބުނީ އެ ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ކުރާނެކަމަށް ބެލެވޭ އަސަރު އެ އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖު މެދުވެރިކޮށް އާންމުކުރަމުން ދާނެ ކަމަށެވެ.

comment ކޮމެންޓް