އޮސްކާސް ބާއްވާނެ ގޮތެއް ނޭނގި ޕްރޮޑިއުސަރުން ވާނުވާގައި

ފިލްމީ ދާއިރާގައި ދޭ އެންމެ ޝައުގުވެރި އެއް އެވޯޑު ކަމަށްވާ އޮސްކާސް އަންނަ އަހަރު ބާއްވާނެ ގޮތެއް ނުނިންމާ އޮތުމުގެ ސަބަބުން ޓެލެކާސްޓުކުރާ ޕްރޮޑިއުސަރުން ކަންބޮޑުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރު އޮސްކާ އެވޯޑްސް ބާއްވާނެ ގޮތަކާ މެދު ދަނީ ބަހުސްކުރެވެމުންނެވެ. އެގޮތުން ވާޗުއަލްކޮށް އަންނަ އަހަރުގެ އޮސްކާސް ކުރިއަށް ގެންދިޔުމަށް ވާހަކަ ދެކެވެމުން ދާއިރު އޮސްކާއިން ގޮތެއް ނިންމާފައި ނުވުމުން ޕްރޮޑިއުސަރުން ތިބީ ވާނުވާގައެވެ.

އަންނަ އަހަރުގެ އޭޕްރިލް މަހުގައި އޮސްކާސް ބާއްވަން ނިންމާފައިވާއިރު، ވާޗުއަލްކޮށް އިވެންޓު ބާއްވާނަމަ ތައްޔާރީތައް ލަސްވާނެ ކަމަށް ޕްރޮޑިއުސަރުން ބުނެއެވެ. އެހެންކަމުން އޮސްކާއިން ނިންމުމެއް ލަސްވާ ކަމަށްވާނަމަ އޮސްކާވެސް ލަސްވެގެންދާނެއެވެ.

ހޮލީވުޑްގެ ޑޮލްބީ ތިއޭޓަރުގައި އާންމުކޮށް ބާއްވާ އޮސްކާގައި 3،400 އެއްހާ މީހުން ބައިވެރިވެއެވެ. އެހެންކަމުން ވާޗުއަލްކޮށް ނޫންކޮށް އިވެންޓު ކުރިއަށް ގެންދާ ކަމުގައިވާނަމަ އެކަމަށްވެސް ބޮޑެތި ތައްޔާރީތަކެއް ވާން އެބަހުރި ކަމަށް އިވެންޓް ޕްރޮޑިއުސަރުން ބުނެއެވެ.

އަންނަ އަހަރުގެ އޮސްކާސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 25ގައެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގިނަ އެވޯޑް ހަފްލާތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓީވީގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އެމީސްގެ އެއްބައި ވަނީ ވާޗުއަލްކޮށް ކުރިއަށް ގެންގޮސްފައެވެ. އަދި ބިލްބޯޑްސްގެ މިއުޒިކް އެވޯޑު ކުރިއަށް ގެންދިޔައީ އޯޕެން އޭރިއާއެއްގައެވެ.

comment ކޮމެންޓް