ރިހާކުރު ފުޅި ވަގަށްނެގި މީހާ ކިޔައިދެނީ މަގުމަތީގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ

ހުކުރުން ފޭބި ވަގުތު ޖުމްހޫރީ މައިދާން ކައިރިން އިސްލާމީ މަރުކަޒުގެ ބޭރުގައި ހުރި މުހައްމަދު ނިޔާޒު (އަސްލު ނަމެއް ނޫން) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުކުރުން ފޭބި ވަގުތު ޖުމްހޫރީ މައިދާން ކައިރިން އިސްލާމީ މަރުކަޒުގެ ބޭރުގައި، ދަބަހެއް އަޅުވައިގެން، ނޫކުލައިގެ ބާ ގަމީހަކާއި ކަޅު ކުލައިގެ ކުލަ ފޭދިފައި ހުރި ފަޓުލޫނެއް ލައިގެން މުހައްމަދު ނިޔާޒު (އަސްލު ނަމެއް ނޫން) ހުއްޓެވެ. އޭނާ ހުރީ ނަމާދުން ފައިބާ މީހުން އަތުން އެހީގެ ފައިސާ ހޯދަން ހަދާފައި އޮތް ސަފެއްގެ އެންމެ ފަހަތުގަ އެވެ.

މިހާރު އުމުރުން 50އަށް ވުރެ މައްޗަށް ގޮސްފައިވާ ނިޔާޒަކީ މާލޭ މީހެކެވެ. އެކަމަކު އޭނާ ވަންނާނެ ގެދޮރެއް ނެތެވެ. އުޅެނީވެސް، ނިދަނީވެސް މަގުމަތީގަ އެވެ. ކައިބޮއި ހަދަނީ ސަލާން ޖަހައިގެން ލިބޭ އެއްޗަކުންނެވެ.

ނިޔާޒަކީ ލޯކަލް މާރުކޭޓުން ރިހާކުރު ފުޅިތަކެއް ވަގަށް ނަގައިގެން ހަ އަހަރަށް ޖަލަށްލި މީހެކެވެ. ޖަލު ހުކުމް ތަންފީޒުކޮށްގެން ނުކުމެވުނު އިރު ނިޔާޒު ހުރީ "ރިހާކުރު ފުޅި ވަގަށް ނެގި މީހާ"ގެ ގޮތުގައި ނަންވެ މަޝްހޫރުވެފަ އެވެ. ބޮޑެތި ކުށް ކުރާ މީހުންނަށް އަދަބު ނުލިބުނަސް އޭނާ ފަދަ "ނިކަމެތިންނަށް" ބޮޑެތި އަަދަބު ލިބޭ ވާހަކަ ބުނަން ބޭނުންކުރަނީ އަދިވެސް އޭނާގެ މިސާލެވެ. އަދަބު ދިނުމުގައި ހަމަހަމަކަމެއް ނެތްކަމުގެ ވާހަކަ ދެއްކުމަށެވެ.

އޭނާ ގާތަށް ގޮސް ހާލު އަހާލައި ހެދުމުން ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. އެކަމަކު އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން ރާގުން އެނގުނެވެ. އެއީ ސަލާން ޖަހާ މީހުންގެ ފޮޓޯ ނަގަން މޫނަށް ކެމެރާ ދިއްކުރާތީ އެވެ. "ކަލޭމެން އަހަރެމެން ފަލީހަތް ކުރަން އުޅެނީ" ކަމަށް ބުންޏެވެ. ފަލީހަތް ކުރަން ނޫޅޭކަން ވިސްނައިދިނުމުން ހަމަޖެހިލާފައި ނިޔާޒު ފެށީ އޭނާ އާއި އޭނާއާއެކު ސަލާން ޖަހަން ގޮސް ތިބި މީހުންގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އެވެ. އެ މީހުން ވެރިރަށުގައި އުޅެން ޖެހިފައިވާ ނިކަމެތި ހާލު އޭނާ ކިޔައިދިނެވެ.

ހުކުރުން ފޭބި ވަގުތު އިސްލާމީ މަރުކަޒު ބޭރުގައި ސަލާން ޖަހަން ހަދާފައި އޮތް ސަފެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަންނާނެ ގެއެއް ނެތް، ކާނޭ އެއްޗެއް ނުލިބޭ

ނިޔާޒު ކިޔައިދިން ގޮތުގައި އެ މީހުން ނިދަނީ ވަޅޯމަސް މާރުކޭޓު ބިއްދޮށުގަ އެވެ. އެތަނުގައި ހަދާފައި ހުންނަ ގޮޅިތަކުގައި އެ މީހުން ނިދަނީ ކަރުދާސް ފޮށި އަތުރާލައިގެންނެވެ. އެއީ އެ މީހުންގެ ގޮދަޑި އެވެ. ތައްމައްޗެވެ. ބައެއް މީހުން އެއްލާލާ ބާ ގޮދަޑިތައް އެތަނަށް ގެންގޮސްގެންވެސް އުޅެ އެވެ. ބާލީހުގެ ގޮތުގައި ބޭނުން ކުރަނީ ފަތް ޖަހާފައި ހުންނަ ކަރުދާސް ފޮއްޓާއި ދަބަސް ފަދަ ތަކެއްޗެވެ. ދުވާލު ބާޒާރު މަތިން މަސައްކަތެއް ހޯދަން ނޫނީ ސަލާން ޖަހަން އުޅެފައި އައިސް އެންމެންވެސް ޖަމާވަނީ މާލޭގެ އެންމެ އުތުރުގައި މޫދަށް ވެއްޓޭ ނުވެއްޓޭ ހިސާބުގައި އޮންނަ އެ އަނދިރި ކޮށިތަކުގެ ތެރެއަށެވެ.

އެތަނުގައި ނިދާ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބި މީހުންނެވެ. ބޭނުންވާ އެހީ ނުލިބި އާއިލާތަކުންނާއި މުޖުތަމައުއިން ބާކީކޮށްފައި ތިބި މީހުންނެވެ. އެކަމަކު، މަސްތުވާތަކެތި ބޭނުން ނުކުރާ މަދު ބަޔަކުވެސް އެހެން ގޮތެއް ނެތިގެން އެތާ ނިދަ އެވެ.

މާލޭގެ ވަޅޯމަސްމާރުކޭޓު ފުރަގަހުގައި ކުރި ގޮޅިތަކުގައި ބަޔަކު ނިދާފައި -- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ސަލާން ޖަހަން ސަފުގައި ތިބި މީހުންނަށް އިނގިލިދިއްކޮށްފައި ނިޔާޒު ބުނީ އޭގެ ތެރެއިން ގިނަ މީހުންނަށް ކާނެ އެއްޗެއް ނުލިބި އެތައް ދުވަހެއްވެސް ހޭދަކުރަން ޖެހޭ ކަމަށެވެ. އެ މީހުންނަކީ ޑްރަގް އެޑިކްޓުންގެ ގޮތުގައި ލޭބަލްވެފައި ތިބުމުން ގިނަ ފަހަރު މީހުން ކާނެ އެއްޗެއް ގަންނަން ފައިސާކޮޅެއްވެސް ނުދޭ ކަމަށް އޭނާ ބުންޏެވެ. އެންމެ ކުޑަމިންވަރުން ކާ އެއްޗެއް ގަނެފައި ދެނީވެސް މަދު ބައެކެވެ.

"އެ ކުދިންވެސް ހައިހޫނުވެގެން ގޮސް ބުނެވޭނީ އެއިން މީހެއް [މާރުކޭޓުގައި އުޅޭ މީހުން] ކައިރީގަ ކާ އެއްޗެއް ދީބަލާށޭ. ވަކި ހިސާބަކަށް ހައިހޫނުކަން ދިޔައިމަ ލަދުހަޔާތް ކެނޑޭނެ. ކެނޑުނީމަ މި ބުނަނީ ދީބަލާށޭ ސައިބޯލަން 10 ވަރަކަށް ރުފިޔާ. ހަމަ ބުނާ އިރަށް އެ ބަސް އަނގައިގައި އޮއްވާ ބުނާނެ ނުލިބޭނެއޭ. ހަމަ ނުލިބޭނެއޭ ބުނާނީ،" ނިޔާޒު ކިޔައިދިނެވެ.

"އެތަނުގައި [މާރުކޭޓުގައި] ގޮޅިތަކުގައި ތިބޭ މީހުން އައިސް އެތަނުގައި ޖައްސާ މާކަނާތަކަށް ކާންދޭއިރު އެތަނުގައި ތިބޭ ނިކަމެތި ކުދިންނަށް ސައިކޮޅެއް ނުދޭ،"

އެހެންނަމަވެސް، ވަޅޯމަސްމާރުކޭޓު ބިއްދޮށުގައި ވަންނާނެ ތަނެއް ނެތި ބަޔަކު އުޅޭކަން އެނގިގެން ހިލޭ ސާބަހާ މަސައްކަތް ކުރާ ބަޔަކު ކޮންމެ ރެއަކު އެތަނަށް ބަތް ޕާރުސަލް ގެންދާތީ އެ މީހުންނަށް ރޭގަނޑުގެ ނާސްތާ ލިބެ އެވެ. އެ ބަތާއި ރިހަ އެންމެން ބަހާލައިގެން ކަނީ އެވެ. ނިޔާޒު ބުނި ގޮތުގައި ލިބޭ ކުޑަ އެތިކޮޅުން އެންމެން ތިބެން ޖެހެނީ ފުއްދާލައިގެންނެވެ.

މާލޭގެ ވަޅޯމަސްމާރުކޭޓު ފުރަގަހުގައި ކުރި ގޮޅިތަކުގައި ބަޔަކު ނިދާފައި -- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

މަސައްކަތެއް ހޯދަން އުނދަގޫ

ހުކުރަށް ދިޔަ މީހުން ގެއަށް ދިޔުމުން އިރުކޮޅެއް ތެރޭ އިސްލާމީ މަރުކަޒު ސަރަހައްދު ހުސްވެއްޖެ އެވެ. އެހެންވެ ކުރިން ސަފު ހަދައިގެން ތިބި މީހުން އަހަރެމެން ނިޔާޒު ގާތުގައި ދައްކަނީ ކޮން ވާހަކައެއްތޯ ބަލަން އަހަރެމެން ގާތަށް އެއްވި އެވެ.

ނިޔާޒު އޭރު ބުނަމުން ދިޔައީ މަސައްކަތެއް ހޯދަން އުޅުނަސް ނުލިބޭ ކަމަށެވެ. ޖެހިފައިވާ ލޭބަލެއްގެ ސަބަބުން ނުރަސްމީ މަސައްކަތްތައްވެސް އަރަނީ ބިދޭސީންގެ އަތަށެވެ. ބާޒާރުމަތީގައިވެސް ހަމަ އެވަރެވެ. ބަނދަރުމަތީގައި ތަކެތި އުފުލަންވެސް މީހުން ފައިސާ ދެނީ ބިދޭސީންނަށެވެ. ނިޔާޒު ދައްކަމުން ދިޔަ ވާހަކަތަކަށް އެއްބަސްވެ އޭނާއާއެކު އައިސް ތިބި އެހެން މީހުން ބޯ ޖަހަމުން ދިޔަ އެވެ.

"އަހަރެމެންގެ ރާއްޖޭގައި އަހަރެމެން މިތިބީ ބިކަވެފައޭ،" ނިޔާޒު ބުންޏެވެ.

26 ނޮވެމްބަރ 2020: ހުކުރުން ފޭބި ވަގުތު އިސްލާމީ މަރުކަޒު ބޭރުގައި ސަލާން ޖަހަން ހަދާފައި އޮތް ސަފެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިޔާޒު ދެކޭ ގޮތުގައި ރިހާކުރު ފުޅި ވަގަށް ނެގި މީހާގެ ގޮތުގައި އޭނާ ނަންވެފައި ހުރުމަކީ މަސައްކަތެއް ނުލިބޭ އެއް ސަބަބެވެ. މީގެ ހަ އަހަރު ކުރިން، އޭނާ ރިހާކުރު ފުޅިތަކެއް ވަގަށް ނަގައިގެން ޖަލަށްލި ވާހަކަ މީޑިއާގައި ޖެހުމަކީ އޭނާ ހިތްހަމަނުޖެހިފައި ހުރި ސަބަބެކެވެ. އަަދަބު ދިނުމުގައި ހަމަހަމަ ކަމެއް ނެތް ވާހަކަ ބުނަން އޭނާގެ މިސާލު ބޭނުން ކުރިޔަސް، އެކަމުގެ ސަބަބުން އޭނާ ތަކުރާރުކޮށް ބަދުނާމުވަމުންދާ ކަމަށް އޭނާ ދެކެ އެވެ.

"އެހެން ހެދީމަ [ރިހާކުރު ފުޅި ވަގަށް ނެގި މީހާގެ މިސާލު ނެގީމަ] އެ މީހުންނެއް ނޫނޭ ފަލީހަތް ވަނީ، ދެން ހުންނަ މީހާއެއް ނޫނޭ. އަހަންނޭ ފަލީހަތް ވަނީ،" ނިޔާޒު ބުންޏެވެ.

"ކުރެވުނު ވިޔާނުދާ ކަމެއް އެއީ، އަހަރެންވެސް ގަބޫލުކުރަން. އެކަމަކު ކޮންމެ އިންސާނުންނަށްވެސް ކުށް ކުރެވިދާނެ. އިންސާނުންނަށް ކުށް ކުރެވޭނެ. އެކަމަކު ކުށެއް ކުރެވުނޭ ކިޔާ ބަހައްޓާފައި އެ ކުށް މުޅި އުމުރަށް އޮވެގެން ނުވާނެތާ،"

މަސްތުވާތަކެއްޗާ ގުޅިފައިވާ މައްސަލައެއް

ނޫސްވެރިންނާއެކު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން މިދިޔަ ހަފްތާގައި ހިންގި އޮޕަރޭޝަނުން އެނގިގެން ދިޔަ އެއް ކަމަކީ މާލޭގައި މަގުމަތިވެފައި ތިބި ގިނަ މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެފައި ތިބި މީހުން ކަމެވެ. އެ މީހުންނަކީ ފަރުވާ ހޯދޭނެ ގޮތެއް ނެތް އަޅާލާނޭ ބަޔަކު ނެތިފައި ތިބި މީހުންނެވެ.

އޮޕަރޭޝަނުގެ ތެރެއިން ވަން އެއް ތަނަކީ މާރުކޭޓު ސަރަހައްދުގައި މީގެ ކުރިން މެޓްރޯ ކެފޭ ހިންގި އިމާރާތެވެ. ވީނާރާވަމުންދާ އެ އިމާރާތަކީ މިހާރު ވަންނާނެ ތަނެއް ނެތިފައި ތިބޭ މީހުން ނިދާ ތަނެކެވެ. އެތަނުގައި މަސްތުވާތަކެތި ބޭނުންވެސް ކުރެ އެވެ. މަސްތުވާތަކެތީގެ އިސްތިއުމާލު ކުރަން ބޭނުންކޮށްފައި އެއްލާލާފައި ހުރި ފޮއިލްތައް އެ އިމާރާތުގެ އެތަން މިތަނުން ފެނެ އެވެ. މުޅި ތަނުގައި ކުނި ބުންޏާއި ނަޖިހެވެ. އެއީ އިންސާނުން ދިރިއުޅެން ހެޔޮވާވަރުގެ ތަނެއް ނޫނެވެ.

މެޓްރޯ ކެފޭ ހިންގި އިމާރާތުގެ ތެރޭގައި ބަޔަކު ނިދާފައި: މިތަނުގައި ނިދާފައި ތިބި މީހުންނަކީވެސް މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެއްބަސްވި މީހުން -- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށް، ފަރުވާއަށް ހުކުމްކޮށް ދޫކޮށްލާފައި ތިބޭ މީހުންނަށް ފަރުވާ ނުދެވި އެެ މީހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީވެސް މަގުމަތީގައި ދިރިއުޅޭ މީހުން ގިނަވާ އެއް ސަބެބެވެ. އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން އާއިލާތަކުންވެސް މީހުންނަށް އަޅާ ނުލާ އެ މީހުން ބާކީ ކޮށްލަނީ އެވެ.

"މަސްތުވާތަކެއްޗާ ހޯމްލެސް ނޫނިއްޔާ ވަންނާނެ ތަނެއް ނެތުމާ ވަރަށް ބޮޑަށް ގުޅޭ." ފުލުހުންގެ ޑީއީޑީގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް، އަހްމަދު ޝާކިރު ވިދާޅުވި އެވެ.

ޝާކިރުވެސް ވިދާޅުވީ، މީހާ މަސްތުވާތަކެތި ބޭނުން ކުރާ ހިސާބުން ފެށިގެން އޭނާއާ ދޭތެރޭ އާއިލާއިން ދެކޭ ގޮތް ބަދަލުވާ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން އޭނާއަށް ގެއަށް ނުވަދެވޭ ގޮތް ހަދާ ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ކިޔައިދިން ގޮތުގައި، މައިގަނޑު މައްސަލައަކީ މަސްތުވާތަކެތީގައި ޖެހުމުގެ ސަބަބުން މީހާ އެކަމުގެ ތެރެއަށް ގެއްލި، އެހީ ނުލިބި އެންމެ ފަހުން މީހާ ވަންނާނެ ތަނެއްވެސް ނެތޭ ހާލަތަށް ދިޔުމެވެ.

"ހަމައެކަނި ވަންނާނެ ތަނެއް އޭގެ ޒާތުގައި ނެތިގެންނެއް ނޫން މި އުޅެނީއެއް. އެކަމުގެ ސަބަބުން [މަސްތުވާތަކެތީގެ ސަބަބުން] ވަންނާނެ ތަނެއް ނެތޭ ހާލަތް މެދުވެރި މިވަނީ،" އޭނާ ވިދާޅުވި އެވެ.

26 ނޮވެމްބަރ 2020: މަސްތުވާތަކެތި އިސްތިއުމާލު ކުރަން "ޝޮޓު ކަނޑާފައި" ހުރި ފޮއިލްތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމީ މަރުކަޒު ކައިރިން ދިމާވި ނިޔާޒުގެ އައިޑީކާޑުގައިވެސް ދާއިމީ އެޑްރެހެއްގެ ގޮތުގައި މާލޭގެ ގޯއްޗެއްގެ ނަން އޮވެ އެވެ. އެކަމަކު އޭނާ ބުނި ގޮތުގައި މިހާރު އެ ބިމުގައި އިމާރާތެއް އަޅައި އެތަން ހުންނަނީ އާއިލާއިން ކުއްޔަށް ދޫކޮށްފަ އެވެ. އެއީ އޭނާއަށް ވަދެވޭ ތަނެއް ނޫނެވެ.

މަގުމަތިވެފައި ތިބި މީހުންނަކީ އާއިލާތަކާއި މުޖުތަމައުއިން އަޅާނުލުމުން ބާކީވެފައި ތިބި މީހުންނެވެ. ފުޅާ ދާއިރާއެއްގައި ހިންގާ ޑްރަގް ވިޔަފާރީގެ ވިކްޓިމުންނެވެ. އެ މީހުންނަކީ އެހީ ބޭނުންވާ މީހުންނެވެ. މަސްތުވާތަކެތީގެ ވަކިތަކުން އެ މީހުން ސަލާމަތްކޮށް، ކުށުގެ ވެށިން އެ މީހުން ނެރެ، އެ މީހުން މުޖުތަމައަށް ފައިދާ ކުރަނިވި ބަޔަކަށް ހެދިދާނެ އެވެ. އިންސާނިއްޔަތު ކަމަށް ޓަކައިވެސް އެ މަސައްކަތް ކުރަން ޖެހެ އެވެ.

މިހާރު އެފަދަ މީހުންނަށް ބޯހިޔާވަހިކަންދީ، އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޖެންޑާ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. މަގުމަތީގައި ދިރިއުޅޭ މީހުން ކ. ގުޅީފަޅުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ގެންގޮސް އެތަނުގައި ހޭދަކުރާ މުއްދަތުގައި އެމީހުންނަށް ބޭނުންވާ ފަރުވާ ދީ، ދާއިމީ ހިޔާވެއްސެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތާއި ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި މިހާރު އެފަދަ ބައެއް މީހުން ގުޅީފަޅަށް ގެންދަން ވަނީ ފަށައިފަ އެވެ. އެއީ އެ މީހުންނަށް ލިބޭ ކުޑަ އުންމީދެކެވެ.

comment ކޮމެންޓް