އަންނަ އަހަރުގެ ނިޔަލަށް ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ނިމޭނެ

ގދ. ފަރެސްމާތޮޑާ---

މިފެށޭ 2021 ވަނަ އަހަަރުގެ ނިޔަލަށް ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށް ހައުސިންގް، ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ކޮންޓްރެކްޓު ކޮށްފައިވާ އެމްޓީސީސީ އިން މިމަހުގެ 15 ގެ ކުރިން އެ ރަށުގައި މަސައްކަތް ފަށާނެ ކަމަށެވެ. އެމްޓީސީސީ އަށް ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށް ކޮންޓްރެކްޓުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަން ނިންމާ އެކަމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ކުރީ ސަރުކާރުގައެވެ. އެރަށުގެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ހަވާލުކުރީ ގަލްފް ކޮބްލާ ޓެންސާއާ އެވެ.

މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ ރަންވޭ ހަދާނެ ބިން އޮތް، ބިން ސާފުކޮށް، ރަންވޭގެ ބޭސް ލޭޔާގެ މަސައްކަތް ފެށުމަށް ފަރެސްމާތޮޑާ އޮތީ ތައްޔާރަށް ކަމަށެވެ. އެހެންކަމުން އެފަދަ މަސައްކަތެއް ނިންމުމަށް އެމްޓީސިސީ އަށް ނަގަނީ އަށްމަހާއި 10 މަހާ ދެމެދުގެ މުއްދަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަންނަ އަހަަރުގެ ފަހުކޮޅާއި ހަމައަށް ދާންވައިރަށް އެއާޕޯޓުގެ މަސައްކަތް އެކީގައި ނިމި އަދި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވާ ފަރެސްމާތޮޑާއާއި ގާތްގަނޑަކަށް 100 މީޓަރު ދުރުގައި އޮންނަ ރަށާ، ބްރިޖުވެސް ކޮށްދޭނެ އެއާޕޯޓު މަސައްކަތާ އެކީގައި،" މިނިސްޓަރު ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ 144.9 މިލިއަން ރުފިޔާއަށެވެ. މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އެއް އަހަރާ އަށްމަހުން ނިންމާ ގޮތަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި ޓާމިނަލް ބިލްޑިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމު ކުރާނެއެވެ.

ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު ތަރައްގީ ކުރާއިރު ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުން ދެވޭ ސަރަހައްދެއްގައި އެއާޕޯޓު ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެވެ. ގދ. ކާޑެއްދޫގައި އެއާޕޯޓެއް ހިންގާއިރު ގއ. ކޫއްޑޫ އަދި މާވާރުލުގައިވެސް އެއާޕޯޓެއް ހިންގައެވެ.

comment ކޮމެންޓް