ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ، ރާއްޖެއަށް މިއަދު އަސަރުކުރަން ފަށާނެ

ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި، ތޫފާނުގެ އަސަރު މިއަދުން ފެށިގެން ރާއްޖެއަށް ކުރަން ފަށާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ކުރިން ބުނެފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން، ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރުގައި ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މިހާރު ވަނީ ތޫފާން "ބުރެވި" އަށް ބަދަލުވެފައެވެ.

ކުރިން ލަފާކޮށްފައި ވަނީ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނީ މާދަމާ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

އަދި އެ ތޫފާން ހުޅަނގަށް ދަތުރުކޮށް ދޭއް ޑިސެމްބަރުވާ ބުދަ ދުވަހު ސްރީލަންކާ ހުރަސްކޮށް ދެކުނު އިންޑިއާ އައްސޭރިފަށާ ކައިރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ އެ ކޮޅިގަނޑު އުފެދި އަންނަމުންދާ ބަދަލުތައް ބަލަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ވަނީ ކޮޅިގަނޑެއް އުފެދިފައެވެ.

އެހެންކަމުން ދޭއް ޑިސެމްބަރުވާ ބުދަ ދުވަހުގެ ހަވީރު/ރޭގަނޑުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ އެ ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ކުރާނެކަމަށް ބެލެވޭ އަސަރު އެ އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖު މެދުވެރިކޮށް އާންމުކުރަމުން ދާނެ ކަމަށެވެ.

comment ކޮމެންޓް