މިއަދު 38 މީހުން ޕޮޒިޓިވްވެއްޖެ

މޭ 12، 2020: ލޮކްޑައުންކޮއްފައިވާ މާލޭގައި ބަޔަކު ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރުގައި ނެގި 1،718 ސާމްޕަލް އިން 38 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 34 މީހުންނާއި ރިސޯޓަކުން ޕޮޒިޓިވްވި މީހެއްގެ އިތުރުން އަތޮޅުތެރެއިން ޕޮޒިޓިވްވި ތިން މީހެކެވެ.

އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމްލަ ވަނީ މިހާރު 13،049 އަށް އަރާފައެވެ.

މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 1،027 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 89 މީހަކަށެވެ.

އެ ބަލި ޖެހި އަދި އެ ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ މިހާރު 11،968 އަށް އަރާފައެވެ.

ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް 47 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް