ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އާންމުކޮށްފި

ދިވެހި މަސްވެރިންތަކެއް ބޭނި 400 ކިލޯގެ ހިބަރު--- ފޮޓޯ: ދިވެހި މަސްވެރިން/ ޓުވިޓާ

ރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލައި އާންމުކޮށްފިއެވެ.

އެއީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ޕްލޭން އެކެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ، މިއީ ހިބަރުގެ މަސްވެރިކަން ބެލެހެއްޓުމުގައި މަގުދައްކައިދޭ މައިގަނޑު އަސާސްކަމުގައި ވެގެންދާނެ ކަމަށެވެ.

ހިބަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭނެއް އެކުލަވާލާފައި ވަނީ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ކަނޑައެޅުމާއި، އެ ފިޔަވަޅުތަކަކީ ރާއްޖެއިން ބައިވެރިވާ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާގުޅޭ ސަރަހައްދީ ޖަމިއްޔާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފިޔަވަޅުތަކަކަށް ހެދުމެވެ.

ހަމައެއާއެކު ހިބަރުގެ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ގާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ހިބަރުގެ މަސްވެރިކަން ބަލަހައްޓައި އެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް
ލިއްބައިދިނުމާއި ހިބަރުގެ މަސްވެރިކަމާއި ވިޔަފާރި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހާ މަސްލަހަތުވެރިންނަށް މަގުދައްކައިދިނުމެވެ.

އެ ޕްލޭންގެ ދަށުން މެނޭޖްކުރާނެ ބާވަތްތަކަކީ، ތިރީގައިވާ ބާވަތްތައް ހިމެނޭގޮތުން ރާއްޖޭގައި ބާނާ އެންމެހާ ބާވަތެއްގެ ހިބަރާއި އެ ބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމުގައި ބާނާ ބާވަތްތައް ފިޔަވައި، ހިފޭ، ބޭނޭ ނުވަތަ ނެގޭ ކަނޑުގެ އެހެނިހެން ދިރުންތަކެވެ.

(ހ) ފަންގަނޑު ހިބަރު (އިންޑޯ-ޕެސިފިކް ސެއިލް ފިޝް)؛
(ށ) ތުންގަނޑު ހިބަރު / ކަންނެލި ހިބަރު (ސްވޯޑް ފިޝް)؛
(ނ) ކަޅު މަސްހިބަރު (ބްލެކް މާލިން)؛
(ރ) ނޫ މަސްހިބަރު (އިންޑޯ-ޕެސިފިކް ބްލޫ މާލިން)؛
(ބ) ގަޅިޖެހި ހިބަރު (ސްޓްރައިޕްޑް މާލިން)

ރާއްޖޭގައި ހިންގާ، ހިބަރުގެ އާބާދީއަށް އަސަރުކޮށްފާނެ އެންމެހާ ހަރަކާތްތަކަށް އެ ޕްލޭން ހިނގާނެ ކަމަށް ބުނެފައިވެއެވެ.

އޭގެ ތެރޭގައި، ހިބަރު ބޭނުމާއި، ޕްރޮސެސް ކުރުމާއި، ރައްކާކުރުމާއި، ގަނެވިއްކުމާއި ރާއްޖެއިން ހިބަރު އަދި ހިބަރުގެ އުފެއްދުންތައް
އެކްސްޕޯޓު ކުރުން ހިމެނެއެވެ.

އަދި އެ ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި، އުޅަނދުފަހަރަށާއި، ޕްރޮސެސް ކުރާ ތަންތަނަށް އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް އެ ޕްލޭން ހިނގާނެއެވެ.

ޕްލޭނުގައިވާ ގޮތުން ހިބަރުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި ބެލެހެއްޓުމާއި، ހިބަރުގެ އާބާދީ މެނޭޖްކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ހިބަރުގެ ދިރާސާތައް ކުރުމާއި، ހިބަރުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި ލަފާދޭ ކޮމިޓީއެއް ގާއިމުކުރާނެއެވެ.

ގެޒެޓުގައި ޕްލޭން ޝާއިއުކުރުމާއެކު، އެ ޕްލޭނަށް ވަނީ އަމަލުކުރަން ފަށައިފައެވެ.

ހިބަރުގެ މަސްވެރިކަމާއި ހިބަރުގެ މަސްވެރިކަމުގެ ވިޔަފާރީގެ ހަރަކާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓާކޮށް
ބެލެހެއްޓުމަށް، ވިޔަފާރި ބޭނުމަށް ހިބަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި ވިޔަފާރި ބޭނުމަށް ހިބަރު ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ލައިސެންސްކުރެވޭނެ ކަމަށް ވެސް ޕްލޭންގައިވެއެވެ.

އަދި ހިބަރުގެ ބާވަތްތަކާއި އެބާވަތްތަކުގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި އިންޑިއާ ކަނޑުގައި ކުރެވޭ ހިބަރުގެ
މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމެއްކަން ޔަގީންކުރުމަށްޓަކައި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ހިބަރުގެ ބާވަތްތަކަށް ކަނޑައަޅައިފައިވާ ސައިޒް ލިމިޓް ރާއްޖޭގައި ތަންފީޒު ކުރާނެއެވެ.

އެގޮތުން ހިބަރުގެ ތިރީ ތުންގަނޑު ފެށޭ ހިސާބުން ފެށިގެން ނިގޫ ފަތްގަނޑު ދެކަފިވާ ހިސާބަށް 60 ސެންޓިމީޓަރު ހަމަނުވާ ހިބަރު ބޭނުން މަނާވެގެންދާނެއެވެ.

އަދި އެ ސައިޒް ލިމިޓާ ހިލާފަށް ހިބަރުގެ ބާވަތެއް އެއްވެސް ގޮތަކަށް އުޅަނދުގައި ބެހެއްޓުމާއި، ރައްކާކުރުމާއި، ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް ގެންދިއުމާއި (ޓްރާންޝިޕްކުރުން)، ލޭންޑިންގް ފެސިލިޓީއަކަށް ނުވަތަ އެއްގަމަށް ގެންދިއުމާއި، ވިޔަފާރި ކުރުމާއި، ޕްރޮސެސްކުރާ ތަނެއްގައި ބެހެއްޓުން އަދި ޕްރޮސެސްކުރުން ވެސް
މަނާކުރެވޭނެއެވެ.

ގާނޫނާ ހިލާފަށް ރިޕޯޓުކުރުމެއް، އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ވިޔަފާރީގައި ބަދަލުކުރެވޭ މަހާއި މަހުގެ އެންމެހައި އުފެއްދުންތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓިފައިވާ މަސްވެރިކަމަކުން ބާނައި، ތައްޔާރުކޮށްފައިވާ އުފެއްދުންތަކެއްކަން ކަށަވަރުކުރުމަށް ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމެއް ގާއިމުކުރެވިގެންދާނެއެވެ.

ޕްލޭންގެ އަމާޒުތަކަށް ވާސިލުވުމަށް އެކުލަވާލާފައިވާ އިސްތިރާޖުތަކާއި ހަރަކާތްތައް ޕްލޭންގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާގުޅޭ އިދާރާތަކާއެކު ވިލަރެސްކޮށް، އެ ކަންކަން ތަންފީޒުކުރުމަކީ ފިޝަރީޒް މިނިސްޓްރީގެ ޒިންމާއެކެވެ.

comment ކޮމެންޓް