ރާއްޖޭގައި ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުރުކުރަން އުޅޭކަމުގެ އިޝާރާތެއް

އިންޑިއާގެ އެއާލައިނަކުން ރާއްޖެ އައި ފަތުރުވެރިން ތަކެއް --- ފޮޓޯ: ވީއައިއޭ

ކޮވިޑް19 އިން ރައްކާތެރިވެ، ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ 14 ދުވަހުގެ ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުޑަ ކުރަން އުޅޭކަމުގެ އިޝާރާތެއް ދީފި އެވެ.

ކަރަންޓީނު މުއްދަތު ކުރު ކުރަން އުޅޭކަމަސް ބުނެ ދެކެވޭ ވާހަކައަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ރަސްމީކޮށް ޖަވާބު ދީފައެއް ނުވެ އެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދިﷲ ނަޝީދު ވަނީ ރާއްޖޭގައި ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރު ކުރަން ނިންމި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ޝުކުރު އަދާކުރައްވާ ޓްވީޓެއް ކުރައްވައިފަ އެވެ.

މި ނިންމުމަކީ ގެސްޓް ހައުސް ސިނާއަތަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ.

މިނިސްޓަރު މައުސޫމް ވަނީ އެ ޓްވީޓު ރީޓްވީޓު ކުރައްވައިފަ އެވެ. ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކަތެރި މަންޒިލެއްކަން ކަށަވަރު ކުރައްވާނެ ކަމަށާއި، މަސައްކަތް ކުރާނީ ޓޫރިސްޓުންނަށް ދިމާވާ ދަތިތައް ވީހާވެސް ކުޑަކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން ކަރަންޓީނު ފުރިހަމަ ކުރަން ނުޖެހޭއިރު، ރާއްޖެ އަންނަ އިރު 96 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ރިޕޯޓެއް ހުށަހަޅަން ޖެހެ އެވެ.

ރިސޯޓުތަކުން ރަށްރަށަށް ދަތުރުކުރާ މުވައްޒަފުންނާއި މާލެ އިން ރަށްރަށަށްދާ މީހުންގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވަޒީފާ އަދާކުރަން ރާއްޖެ އަންނަ މީހުން ކަރަންޓީނު ފުރިހަމަ ކުރަންޖެހެ އެވެ.

މީގެ ކުރިން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ ރާއްޖޭގައި އަމަލުކުރާ ކަރަންޓީނުގެ 14 ދުވަހަކީ އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ.

ކޮވިޑް-19އާ ގުޅޭ ދިރާސާތަކާ ހަވާލާދެއްވައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ހަމަ އެކަނި ފަސް ދުވަހަށް ކަރަންޓީނު ކޮށްފައި ދޫކުރާ މީހުންގެ ތެރެއިން 45 ޕަސެންޓު މީހުން ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި ހަތް ދުވަހު ކަރަންޓީނުކޮށްފައި ދޫކޮށްލާ މީހުންގެ ތެރެއިން 20 ޕަސެންޓު މީހުން ޕޮޒިޓިވް ވުމުގެ ފުރުސަތު އޮންނަ ކަމަށް ވިދާޅުވި އެވެ. އެގާރަ ދުވަހަށް ކަރަންޓީނު ކުރަންޏާ އެ އަދަދަކީ ތިން ޕަސެންޓެވެ.

comment ކޮމެންޓް