މެޑިޓަރޭނިއަން ކަނޑުން ތެލާއި ގޭސް ހޯދާ ތުރުކީގެ އުޅަނދު އެނބުރި ބަނދަރަށް

ތުރުކީގެ ރިސާޗް ބޯޓު އޮރުޖް ރެއިސް މިހާރު ވަނީ އެގައުމުގައި ބަނދަރު ކޮށްފަ -- ފޮޓޯ: ރޮއިޓާސް

އަންކާރާ (ޑިސެމްބަރު 1): މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީގައި، ގްރީސް އާއި ތުރުކީއާ ދެމެދު ކަނޑުގެ ބޯޑަރާ ބެހޭ ގޮތުން އަރާރުން އުފެދިފައިވާ ސަރަހައްދެއްގައި ތެލާއި ގޭސް ހޯދުމުގެ މަސައްކަތް ކުރާ ތުރުކީގެ ބޯޓު އެގައުމުގައި ބަނދަރުކޮށްފި އެވެ.

ތުރުކީގެ އެނާޖީ މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އެގައުމުގެ އޮރުޖް ރެއިސް ބޯޓުން މިދިޔަ އޮގަސްޓު 10ގައި ފެށި މިޝަން އެ ބޯޓުން ވަނީ ނިންމާލާފަ އެވެ. އަދި 10،995 ކިލޯމީޓަރުގެ ސަރަހައްދެއްގައި ދިރާސާތައް ކުރިއަށްގެންދިޔުމަށް ފަހު އެބޯޓު ވަނީ އެގައުމުގެ އަންތަލްޔާ ޕޯޓުގައި ބަނދަރުކޮށްފަ އެވެ.

ތުރުކީން އެ މަސައްކަތް ކުރިއަށްގެން ދިޔަ ސަރަހައްދަކީ ގްރީސްގެ ކަނޑުގެ ސަރަހައްދެއް ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އެއީ ދެ ގައުމުގެ ބޯޑަރުގެ މައްސަލަަ ތުރުކީން އިތުރަށް ގޯސް ކުރުމުގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ސިފަކޮށްފަ އެވެ.

ނަމަވެސް ތުރުކީން ވަނީ އެގައުމާ 9.3 މޭލު ދުރުގައި އޮންނަ ސަރަހައްދެއްގައި އެގައުމުން ކުރާ މަސައްކަތަކަށް ދެކޮޅު ހެދުމުގެ ހައްގެއް ގްރީސް އަށް ލިބިގެން ނުވާ ކަމަށް ބުނެފަ އެވެ.

ތުރުކީން އެ ސަރަހައްދުން ތެލާއި ގޭސް ހޯދުމުގެ މަސައްކަތް ފެށީ އޮގަސްޓު މަހު ކަމަށްވީ ނަމަވެސް ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އެ މިޝަން ހުއްޓުމަކަށް ގެނަ އެވެ. އަދި އެއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބައްދަލުވުމަކާ ދިމާކޮށް، ގްރީސްއާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލު ކުރުމަށް ފުރުސަތު ދިނުމަށް ކަމަށް ބުނެ އެވެ.

އެ ބައްދަލުވުމެއްގައި، ގްރީސްއިން އަމިއްލަ ސަރަހައްދުތައް ކަމަށް ބުނާ ކަނޑުގެ ސަރަހައްދުގައި ތުރުކީން "ގަވާއިދާ ހިލާފަށް ތޮރުފާ، ތެލާއި ގޭސް ހޯދުމުގެ މަސައްކަތް ކުރާ ނަމަ" އެގައުމާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޔޫއިން ދިނެވެ. އަދި އެއަށް ފަހު ތުރުކީން އަނެއްކާވެސް މެޑިޓެރޭނިއަން ކަނޑުގައި ތެލާއި ގޭސް ހޯދުމުގެ މަސައްކަތް ފެށި އެވެ.

އެ މައްސަލައާ ގުޅިގެން ތުރުކީއާ ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އީޔޫގެ ލީޑަރުން މިމަހުގެ 11 އާއި 12އިގައި މަޝްވަރާ ކުރާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް