އައިވަންގެ ނަޒަރު އަމާޒުވެފައި ވަނީ އޭނަގެ މޫނަށެވެ. ހުރެވުނީ އެ އަތުގައި ހިފައިގެން ކަންވެސް އަނަމްގެ ހަނދާނަށް އައީ އިރުކޮޅެއް ފަހުންނެވެ. ދެމީހުންގެ ގާތްކަމުން، ބުނެދޭން ނޭނގޭ އަސަރުތަކެއް އެކަކު އަނެކަކަށް ވަމުން ދަނީ އެވެ. އަނަމްގެ ހަނދާނަށް އައީ، އިންޑިޔާގައި އައިވަން ކަންތައް ކުރި ގޮތެވެ. ލަދުން އިސްޖަހައިލަން އުޅުނު ވަގުތު އައިވަން އޭނަގެ ދަތްދޮޅީގައި ހިފައި އުފުލާލައިފި އެވެ.

********

"އާނާ!..." އައިވަން ގޮވައިލި އެވެ.

އެތައް ޖަޒުބާތުތަކެއް އެކުލެވިފައިވި އެ އަޑުން އެކަނިވެސް، އަނަމްގެ ހިތަށް ގޮތެއް ވެލައިފި އެވެ. އައިވަން ދައްކަން އުޅެނީ ކޮން ވާހަކައެއް ކަން އޭނައަށް އެނގިއްޖެ އެވެ.

"އަހަންނަށް އާނާ..." އައިވަންއަށް ބުނެވުނީ އެހިސާބަށެވެ.

ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. ދެން އިވުނީ ނަސްމާގެ އަޑެވެ. އަނަމް ތެޅިގަތެވެ. ނިޔަފަތިގަނޑުގައި ދަތް އަޅައިގެން ހުރެ ހަދާނެ ގޮތަކާއިމެދު ވިސްނަމުން ދިޔަ އެވެ.

"ފާޚާނާ..." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އަނަމް ބުންޏެވެ.

އައިވަން ދެފަރާތަށް ބޯ ހޫރާލި އެވެ. އެވަރުންވެސް އަނަމް އޭނަގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ފާޚާނާއަށް ވައްދައިފި އެވެ.

އަނަމް ގޮސް ދޮރު ހުޅުވައިލީ ހަމަޖެހިލުމަށް މަސައްކަތް ކުރަމުންނެވެ. ދޮރުމަތީގައި ހުރި ނަސްމާ ހާސްވެފައި ކޮޓަރި ތެރެއަށް ދެމިގަތެވެ. އޭނަ އަނަމްގެ ފައިން ފެށިގެން މޫނާއި ހަމައަށް ނަޒަރު ހިންގައިލި އެވެ. ދަރިފުޅަށް ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން، އޭނަގެ ހިތުގައި ވަނީ ބިރުވެރި ކަމެއް އުފެދިފައެވެ. އަނެއްކާވެސް އެފަދަ ކަމެއް ތަކުރާރު ވެދާނޭހެން އޭނައަށް ހީވަނީ އެވެ. ނަސްމާ ކޮޓަރީގެ އެކި ތަންތަން ހޯދައިލީ ޝަކުވެފައި ހުރެ އެވެ.

"މަންމާ!... ކޯއްޗެއް ތި ހޯދަނީ؟..." އަނަމް ހުރީ ބިރުންނެވެ.

ނަސްމާ ޖަވާބެއް ނުދިނެވެ. އޭނަ ހިނގައިގަތީ ފާޚާނާ އާއި ދިމާއަށެވެ. އަނަމްގެ ދެލޯ ބޮޑުވި އެވެ. އޭނަ އަވަހަށް ގޮސް ނަސްމާގެ ކުރިމައްޗަށް އެރި އެވެ. އަނަމް ދުރުކޮށްފައި ނަސްމާ ގޮސް، ފާޚާނާގެ ދޮރުމަތީގައި ހުއްޓިއްޖެ އެވެ.

"ނޯ..." އަނަމްއަށް ދެލޯ މަރައިލަން މަޖުބޫރު ވިއެވެ.

"މަންމަ ބުނާ ގޮތް ހަދާނީ ކޮން ދުވަހަކުންތަ؟...." ނަސްމާގެ އަޑު އިވުމުން، އަނަމް އޭނާގެ ދެލޯ ހުޅުވައިލި އެވެ.

ދާދި ގާތުގައި ނަސްމާ ހުއްޓެވެ. އޭނައަށް ދެން ބަލައިލެވުނީ ފާޚާނާ އާއި ދިމާއަށެވެ. ދޮރު ހުރީ ލައްޕާފަ އެވެ.

"މަންމަ ބުނީމެއްނު، ބޮކި ނުނިވާ ނުބަހައްޓާށޭ... މިހެން ކިޔާ ކިޔާވެސް ދަރިފުޅަށް އާދައެއް ނުވިދޯ..."

ނަސްމާ ދެން ބުނި އެއްޗަކުން އަނަމްއަށް އޭނަ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ.

"އާނ މަންމާ... އަދި މަންމަ އުޅޭހެން އުޅެން ދަސްވާނެއޭ..." ނަސްމާގެ ގައިގައި ބައްދައިލަމުން އަނަމް ޖަހައިލީ ލުއި ހިނިގަނޑެކެވެ.

"ދަރިފުޅު އަދިވެސް، ފޮށިން އެއްޗެހިތައް ނުނަގައެއްނު މިހުރީ..." އަނަމްގެ ފޮއްޓާއި ދިމާއަށް ހިނގައިގަންނަމުން، ނަސްމާ ބުންޏެވެ.

އަނަމް ބޯ ހޫރައިލި އެވެ. އޭނަ ބޭނުންވީ ވީ އެންމެ އަވަހަކަށް ނަސްމާ އެތަނުން ފޮނުވައިލާށެވެ. ބާރުބާރަށް ގޮސް، ނަސްމާގެ ދެއަތުގައި ހިފައިލި އެވެ.

"މަންމާ!... ވަރަށް ބަނޑުހައިވޭ... ހިނގާ ކާން..." އަނަމް އޭނާގެ ބަނޑުގައި އަތް ޖައްސައިލަމުން ބުންޏެވެ.

އަނަމް މެން ކޮޓަރިން ނުކުތް ކަން ޔަޤީންކޮށްފައި، އައިވަން ފާޚާނާއިން ނުކުތެވެ. އޭނަ ހުރީ ދާހިއްލާ ފޯވެފަ އެވެ. ލައިގެން ހުރި ގަމީސް ވަނީ ގައިގައި ތަތްލާފަ އެވެ. ބޮލުގެ އިސްތަށިގަނޑު ހޭވި، ބައެއް އިސްތަށިތައް މައްޗަށް ހިއްލިފައިވާ ގޮތުން، ހީވަނީ ހާލުގައި ޖެހިފައިވާ މީހެއް ހެންނެވެ. އޭނަ ދޮރާއި ހަމައަށް ދިޔަ ތަނައި ކޮންމެވެސް މީހަކު ތަޅުގައި ހިފާލައިފި އެވެ. އޭނަ އަވަހަށް ދޮރުގެ ފުރަގަހަށް ވަދެ، ފާރުގައި ލެނގިލި އެވެ. އެމީހަކު ތަންމިނަށް ދޮރު ހުޅުވައިލި އެވެ. ދޮރު ގޮސް ޖެހުނީ، އައިވަންގެ ގައިގަ އެވެ. ވީ ތަދުން އޭނައަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.

"މަންމަ ގޮއްސި ބޭރަށް... ދެން ނުކުމޭ..." އަނަމް ގޮވައިލި އެވެ.

އައިވަންގެ ޚަބަރެއް ނުވި އެވެ. އަނަމް ގޮސް ފާާޚާނާގެ ދޮރު ހުޅުވައިލި އެވެ. އެކަކުވެސް ނެތެވެ. އޭނަ އެތެރެއަށް ވަދެފައިވެސް ބެލި އެވެ. ފެނުނީ، ދެލޯ ބޮޑުވާފަދަ މަންޒަރެކެވެ. އޭނަގެ އެތެރެއިންލާ އަންނައުނުތައް ހުރީ ހާމައަށް ފެންނާށެވެ. އައިވަންއަށް އެތަކެތި ފެންނާނޭ ކަން އެނގުމުން، އޭނައަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.

ފާޚާނާގެ ދޮރު ލައްޕާފައި ފަސް އެނބުރުނު އަނަމް ދިޔައީ ސިއްސައިގެންނެވެ. އައިވަން އެ ހުރީ، ދޮރާއި ފާރާއި ދޭތެރޭގަ އެވެ. ދޮރު ހުޅުވައިލި ވަގުތު، އައިވަންގެ ގައިގައި ޖެހޭނޭ ކަން އެނގުމުން، އޭނައަށް އަނގަޔަށް ގޮތެއް ހަދައިލެވުނެވެ. ޖެހިލުންވެފައި ހުރެ ގޮސް، އައިވަންގެ ކައިރީގައި ހުއްޓުނެވެ. އައިވަންގެ މޫނުމަތި ވަނީ ބަނަވެފަ އެވެ. އަނަމްގެ ހިނިގަނޑު ފަޅައިގެން ދިޔައީ ހިތަށް ސިފަކޮށްލެވުނު އެއްޗެއްގެ ސަބަބުންނެވެ.

"ހީވަނީ ފެން އެއްޗަކަށް ވައްޓާލާފަ ނަގާފަ ހުރި ފިޔޮކެއް ހެން..." އަނަމް ހީހީފައި ބުންޏެވެ.

އައިވަން ކުއްލިއަކަށް ކައިރިއަށް އައި ގޮތުން، އަަނަމްގެ ހުނުން ހުއްޓުނެވެ. އޭނަ ފަސް ފަހަތަށް ޖެހެމުން ގޮސް ފާރުގައި ޖެހިފައި މަތަވެއްޖެ އެވެ.

"ކީކޭ ދެންމެ ތިބުނީ؟..." އައިވަންގެ ނަޒަރު ހުއްޓިފައިވީ ސީދާ އަނަމްގެ ދެލޮލަށެވެ.

ހަތަރުކަޅި ހަމަކުރަން ނުކެރިގެން އަނަމް އިސްޖަހާލައިފި އެވެ. އޭނައަށް ނުދެވޭނޭހެން އައިވަން ފާރުގައި އެއް އަތް ޖައްސައިލި އެވެ. އޭނަ އުޅުނީ އަނެއްކޮޅުން ދެމިގަންނާށެވެ. އައިވަން އެ ފުރުސަތެއް ވެސް ނުދިނެވެ. ދެއަތުގެ މެދުގައި ރަނގަޅަށް ހައްޔަރުކޮށްލައިފި އެވެ.

އައިވަން މަޑުމަޑުން އަނަމް އާއި ދިމާއަށް ގުދުވެލި އެވެ. ބޭ އިޙުތިޔާރުގައި އަނަމްއަށް ދެލޯ މަރާލެވިއްޖެ އެވެ. އައިވަންގެ ހޫނު ނޭވާ މޫނަށް އިހުސާސް ކުރެވުނު ކަން އަނަމްއަށް އެނގުނެވެ. ދެން އިވުނީ އައިވަންގެ އަޑެވެ.

"އަހަންނަށް އަނަމް ވަރަށް ކަމުދޭ..." އައިވަން އެހެން ބުނެފައި އަނަމް އާއި ދުރަށް ޖެހުނެވެ.

އަނަމް ދެލޯ ހުޅުވައިލުމުގެ ކުރިން އޭނަ އެތަނުން ނުކުތެވެ.

********

ރާވިން ކުއްލިއަކަށް ތެދުވެ، ހުދާގެ ގައިގައި ހިފައިގަތެވެ. ފާރުގައި ގެންގޮސް ޖައްސާފައި، ދެއަތުން ކަރުގައި ހިފެހެއްޓި އެވެ. ހުދާ ތެޅިގަނެފައި ރާވިން ބިންމައްޗަށް ވައްޓައިލި އެވެ.

"ދޫކުރޭ..." ރާވިން ހަޅޭއްލަވައިގަތެވެ.

"އަހަރެން ފެނުނީމަ ހައިރާނެއް ނުވޭތަ؟..." ހުދާ އިނީ މާނަފުން ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެންނެވެ.

"ކޮބާ ބޭނުމަކީ؟..." ރާވިންގެ އަޑުގައިވީ ފޫހި ކަމެވެ.

"ސުވާލަކަށް ސުވާލެއް..." ހުދާ ޖަހައިލީ ހިނިގަނޑެކެވެ.

އޭނަ ރާވިންގެ ގައިން ދޫކޮށްލާފައި ކޮޅަށް ތެދުވި އެވެ.

"ކީއްކުރަން ތިއައީ؟..." ރާވިން އެހި އެވެ.

"ކިހިނެއްވީ؟... ބޭނުމެއްނެތި މިހާރު އަހަންނަށް ނުވެސް އާދެވެނީތަ؟... އަހަރެންދެކެ ހަމަ އެހާ ފޫހިވޭތަ؟... އެހެންވީމަ، ކުރިން އަހަރެންދެކެވީ ފޭކު ލޯތްބެއް ދޯ؟..." ހުދާގެ އަޑުގައިވީ މަލާމާތެވެ.

"ހުދާ!..." ރާވިން ހަޅޭއްލަވައިގަތެވެ. "ބޭވަފާތެރިވީ ކާކު ކަން ސިއްރުވެފަައެއް ނެތް..."

"އެހެންތަ؟... ތިބުނަނީ އެއީ ރާވިންގެ ދަރިއެއް ނޫނޭތަ؟..." ހުދާގެ ރުޅި ގަދަވެ، ރޮވޭގޮތް ވިއެވެ.

"އާނ!... އެއީ މޫސަގެ ދަރިއެއް... އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް އެމަންޒަރު ފެނިގެން އަހަރެން ކައިރީ އެވާހަކަ ބުނީ..." ރާވިން ކޮޅަށް ތެދުވެގެން ހުދާގެ ކައިރިއަށް ދިޔަ އެވެ.

"އެންމެ ގާތް އެކުވެރިޔާ؟..." ހުދާ ހީގަތެވެ. "ކޮބާ މިހާރު ތި އެކުވެރިޔާ؟... ރާވިން އިތުބާރު ކުރަނީ މީހުން ދައްކާ ވާހަކައަށް ދޯ... ރާއްޖޭން ބޭރުގަ ހުރި މީހަކަށް އަހަރެން ގައިގަ އަތްލެވޭނެ ގޮތެއް އަހަންނަކަށް ނުވިސްނޭ... މީ އަހަރެން މި ވާހަކަ ބުނާނެ ފަހު ފަހަރު... މޫސަގެ ދެމަފިރިން، ބެލީ އަހަންނާ ރާވިންގެ ދަރިއެއް... އެކަމަކު އެއީ މިހާރު މޫސަ އާ އޭނަގެ އަންހެނުންގެ ދަރިއެއް... އަޑު އިވިއްޖެތަ؟..." ހުދާ ހަޅޭއްލަވައިގަތެވެ.

"ނޮންސެސް..." ރާވިން ވާހަކަ ދެއްކީ، ހުދާގެ ވާހަކަ ޤަބޫލު ނުކުރާ ރާގަކަށެވެ.

"އެނގޭތަ ތި ކިޔާ މޫސަ އަކީ ކާކު ކަން؟... އެއީ، އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަގެ ދަރިއެއް... ކައިވެނި ހަލާލުނުވާ މީހަކާއެކީ އެފަދަ ކަމެއް ކުރާ ވަރަށްވުރެ، އަހަރެންގެ ވިސްނުން ރަނގަޅު..." ހުދާގެ އަޑުގައިވީ ޔަގީން ކަމެވެ.

"އެހެންވެތަ އަހަންނަށް މިހެން ތި ހެދީ؟... ބަދަލު ހިފަންތަ؟..." ރާވިން ހުރީ ދެބުމަ ގޮށްޖަހައިގެންނެވެ. ހުދާ ދައްކަމުންދިޔަ ވާހަކަ އޭނައަށް މުހިއްމެއް ނުވި އެވެ.

"ރާވިން ސަލާމަތްވެފަ ތިހުރީ އަހަރެންގެ ސަބަބުން... އަހަރެން އެކަން ކުރީ، އަހަރެންގެ އަމިއްލަ ބޭނުމެއް އޮވެގެން..." ހުދާ ބުންޏެވެ.

"ކޮން ބޭނުމެއް؟..." ރާވިން ސުވާލު ކުރި އެވެ.

"ހަދަންވީ ގޮތަކީ، އަހަރެން ބުނާ ކުއްޖަކަށް..." ހުދާ އޭނަގެ ޖުމްލައިގެ ބާކީބައި ފުރިހަމަ ކުރީ، އިޝާރާތުންނެވެ. އޭނަ އެދުނީ އޭނަ ބުނާ އަންހެން ކުއްޖެއްގެ މުޅި ދިރިއުޅުން ހަލާކު ކޮށްލުމަށެވެ.

"ނުވާނެ ތިކަމެއް... ތިހާ ވިޔާނުދާ ކަމެއް އަހަންނަކަށް ނުކުރެވޭނެ..." ރާވިން ފާޅުގައި ދެކޮޅު ހެދި އެވެ.

"އަހަރެން ރާވިންއަށް ނަފުރަތު ކުރަން... ކޮންމެފަދަ ގެއްލުމެއް ދޭންވެސް ފަސްނުޖެހޭ ވަރަށް ރުޅި އާދޭ... ދިރި ދުނިޔޭގަ ބަހައްޓާފަ ތިހުރީ، އަހަރެންގެ އަމިއްލަ ބޭނުމެއް އޮތީމައޭ ބުނެފީމެއްނު... އެކަން ނުވަންޏާ ތީ ބޭކާރު މީހެއް... އެހެން ނޫނަސް، ރާވިން ބޭނުމެއް ނުވޭތަ އެ ޝާކިރުގެ ކިބައިން ބަދަލު ހިފާކަށް.... ތި ހާލު ރާވިންއަށް ޖެއްސި މީހަކީ އެއީ..." ހުދާ މަސައްކަތް ކުރީ ރާވިންގެ ވިސްނުމާއި ކުޅެލާށެވެ.

ހުދާއަށް އެކަން ކާމިޔާބުވެސް ވިއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި، ރާވިން ބޯ ޖަހާލައިފި އެވެ.

"އޯކޭ... ރާއްޖެ ދާން ތައްޔާރުވޭ..."

ހުދާ އެހެން ބުނެފައި އެތަނުން ނުކުތެވެ. އޭނަ ފޯނު ނަގައި އެއިން ހޯދައިލީ ތަސްވީރެކެވެ. އިސްކުރީން ފުރާލާފައިވީ ހިނިތުންވެލައިގެން ހުރި އަންހެން ކުއްޖެއްގެ ތަސްވީރަކުންނެވެ.

"އޯޙް އަނަމް!... ކޮންމެ ގޮތަކުން ވެސް އަހަރެން އައިވަން ހާސިލު ކުރާނަން..." ހުދާ ވިހަ ގޮތަކަށް ހިނިތުންވެލި އެވެ.

********

ފުލުހުންގެ ތަޙުޤީޤަށް ބޭނުންވާ ބައެއް ސުވާލުތަކަށް ޖަވާބުދީފައި އަނަމް ނުކުތެވެ. އޭނަގެ ހިތް ނުތަނަވަސް ވަނީ އެވެ. ދެލޯ ފެންކަޅި ވިއެވެ. އޭނަ އެއައީ އަމިއްލަ ބައްޕަ އާއި ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. ޝާކިރު ކިތަންމެ ނުބައިކޮށް ކަންތައް ކުރި ނަމަވެސް އެއީ އޭނަގެ ބައްޕަ އެވެ. ހިތުގައިވާ ލޯތްބަކަށް ފަނޑުކަމެއް ނައެވެ. އެހެނަސް، އޭނަ އަކީ ޙަޤީޤަތާއި ކުރިމަތިލާން ނުކެރޭ ވަރުގެ ފިނޑިއެއް ނޫނެވެ. ކަރުނަތައް ފޮހެމުން ނުކުތް އަނަމްގެ ފަހަތުން އައިވަން ވެސް ނުކުތެވެ. އަނަމް މަގުމައްޗަށް ނުކުތުމުގެ ކުރިން އޭނަ ސައިކަލު ގަރާޖުން ނެރެގެން އައެވެ.

"އަރާ..." އައިވަން އެދުނެވެ.

އަނަމް އިރުކޮޅަކު ވިސްނަން ހުއްޓެވެ. އޭނަ ސައިކަލަށް އަަރައި އައިވަންގެ ގައިގައި ހިފަހައްޓައިލި އެވެ. އައިވަންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އަނަމްގެ އެ ގާތްކަމުން، އޭނައަށް ހީވީ، މުޅީން އެހެން ދުނިޔެއެއްގައި އުޅެވެން ފެށި ހެންނެވެ.

ސައިކަލު މަޑުކޮށްލުމާއިއެކު، އަނަމް ފޭބި އެވެ.

"ތޭންކްސް..." އަނަމް ހިނިތުންވެލި އެވެ.

އޭނަ އަވަހަށް ގެއާއި ދިމާއަށް ހިނގައިގަތެވެ. އައިވަން އޭނަދެކެ ގަޔާވާ ކަމަށް ބުނި ފަހުން، އޭނައަށް ރަނގަޅަށް އެއް ކަމެއްވެސް ނުކުރެވެ އެވެ. އެއް ތަނެއްގައި މަޑުން ނުހުރެވޭއިރު، އަބަދު ހުންނަނީ ޚިޔާލެއްގެ ތެރެއަށް ގޮސް ގެއްލިފަ އެވެ. އެކަން ފާހަގަ ވެގެން ނަސްމާވެސް އެވާހަކަ ދެއްކި އެވެ. އަނަމްއަށް ނެގުނީ ދެ ފިޔަވަޅެވެ. އައިވަން އޭނަގެ އަތުގައި ހިފާލުމުން ސިހިފައި ހުއްޓިއްޖެ އެވެ.

"ބުނީމެއްނު ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ..." އައިވަން އިނީ ޝައުޤުވެރިވެފަ އެވެ.

އަނަމްގެ ތަބީއަތު ބަދަލު ވިއެވެ. މުޅި މޫނު ރަތްވެގެން ދިޔަ އެވެ.

"ފަހުން..." އަނަމް އުޅުނީ އެތަނުން ދާށެވެ.

އައިވަން އޭނަގެ އަތުގައި ހިފައި ދަމާލައިފި އެވެ. އޭނަ ގޮސް ސައިކަލުގައި ޖެހުމުގެ ކުރިން އައިވަން އޭނަގެ އުނަގަނޑުގައި ދެއަތް އަޅުވައިލި އެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު