ހިޔާނާތާ ގުޅުންހުރި ކަމަށް ބެލެވޭ ނުވަ ލައްކަ ރުފިޔާ ދޫކުރުމުގެ އަމުރެއް ނެރެ ނުދިން

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނުވަ ލައްކަ ރުފިޔާ ދޫކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ގ.އޮއިވާލި އިސްހާގު ހުސައިންގެ ބައިވެރިވުމެއް އޮތްކަމަށް ފުލުހުންނަށް ތުހުމަތު ކުރެވިގެން ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައިފާސްކުރިއެވެ.

ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްޗެހީގެ ތެރޭގައި ނަގުދު ފައިސާގެ ގޮތުގައި ހުރި ނުވަ ލައްކަ ރުފިޔާ ހިމެނެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާގޮތަށް، ދައުވާ ކުރުމަށް ދީފައިވާ މުއްދަތު ހަމަވި އިރުވެސް ފިނިފެންމާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރެވުނެވެ. ނަމަވެސް އޭނާ ދިރިއުޅޭ ކޮޓަރިން ނެގި އެއްޗެހި އަނބުރާ ހަވާލުކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ ފައިސާ އަނބުރާ ހަވާލުކޮށްފައި ނުވަނީ، ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަމަށް ތުހުމަތު ކުރެވޭތީއެވެ.

ނަމަވެސް ހިޔާނާތުގެ މައްސަލައިގައި ވެސް މުއްދަތު ފަހަނަ އަޅާ ދިއުމުގެ ސަބަބުން އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވުނެވެ.

އިސްހާގު ހުސައިންގެ މައްޗަށް ދައުވާއެއް ނުކުރި ނަމަވެސް، އޭނާގެ އަތުން ނެގި ފައިސާ އަނބުރާ ހަވާލުކޮށްފައި ނުވާތީ، އެއީ މައްސަލައިގެ ތަހުގީގުގައި ނެގިފައިވާ ފައިސާކަމަށްބުނެ، އެ ފައިސާ މިއަދާ ހަމައަށްވެސް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އިސްހާގު ހުސައިންއަށް ދީފައި ނުވާކަމާއި، އެ ފައިސާ ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށްކަމަށްބުނެ އެ ފައިސާ އޭނާއަށް ހޯދައިދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަ ޝަރީއަތުން ބެލި ބެލުމުން ގ. އޮއިވާލި ބަލައި ފާސްކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނުވަލައްކަ ރުފިޔާއާ އެއާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެއްޗަކީ އިސްހާގު ހުސައިންގެ މައްޗަށް ކުރެވުނު "ފިނިފެންމާ" ލޯންޗުގައި އައިޑީއެއް ގޮއްވާލުމުގެ ކުށުގެ ތުހުމަތާއި ގުޅިގެން އިސްހާގު ހުސައިން ދިރިއުޅެމުންދާ ގ. އޮއިވާލި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރެއިން ހިފެހެއްޓުނު ފައިސާއާއި ތަކެތިކަން އެނގެން އޮންނަ ކަމަށެވެ.

އަދި "ފިނިފެންމާ" ލޯންޗުގައި އައިޑީއެއް ގޮއްވާލުމުގެ ކުށުގެ މައްސަލާގައި އިސްހާގު ހުސައިންގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާފައި ނުވަނީ، އިސްހާގު ހުސައިންގެ މައްޗަށް "ފިނިފެންމާ" ލޯންޗުގައި އައިޑީއެއް ގޮއްވާލުމުގެ ކުށުގެ ތުހުމަތު ނެތުމުން ނޫންކަން ޝަރީއަތަށް ހާޒިރުވި އިދާރާތަކުން ޝަރީއަތުގައި ދެއްކި ވާހަކައިން އެނގެން އޮންނަކަމަށެވެ.

ކުށުގެ ތުހުމަތު ކުރެވިގެން އެފަރާތާ ގުޅުންހުރި ތަންތަނާއި ތަކެތި
ބަލައި ފާސްކުރުމުގައި ހޯދޭ ކުށްކޮށްގެން ހޯދާފައިވާ ތަކެތި ކަމަށްބެލެވޭ ތަކެއްޗާއި ފައިސާ ތުހުމަތު ކުރެވުނު މައްސަލާގައި ގޮތެއް ނިމެންދެން ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް އޮތްކަން އިސްހާގު ހުސައިންގެ ފަރާތުން ޝަރީއަތުގައި ބުނެދެވިފައި ނުވާކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.

އަދި އެސެޓް ރިކަވަރީ ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިހާރުވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތާއި އަދި މަނީ ލޯންޑަރިންގގެ ކުށްތަކާއި ގުޅޭގޮތުން ތަހުގީގުޔައް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.

އަދި އެ އިދާރާތަކުން ބެލިބެލުމުން އެމައްސަލަތަކާ އިސްހާގު ހުސައިންއާ ގުޅުން އޮތްކަމުގެ ހެކި ހުރިކަމަށް ބުނެފައިވާތީ، އެފަރާތްތަކުން މައްސަލައަށް ތަދައްޚުލުވެ އިސްހާގު ހުސައިންގެ މައްޗަށް ހުރި ތުހުމަތުތަކަށް ބަލައި މިވަގުތު އިސްހާގު ހުސައިން ހޯދުމަށް އެދި ކޯޓަށް ހުށަހެޅި ނުވަލައްކަ ރުފިޔާއާއި އެއާއެކު ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ ތަކެތި ދޫކޮށްލުމުން ދައުލަތަށް އިތުރަށް ގެއްލުމާ ކުރިމަތިލާން ޖެހޭނެކަމަށް ބުނާތީ، އެކަންތައްތަކަށް ރިޢާޔަތް ކުރުމުން އެފައިސާ އާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ގިނަ
ކަންތައްތަކެއް ހުރިކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

އެހެންކަމުން ނުވަލައްކަ ރުފިޔާއާއި އެއާއެކު ފުލުހުންގެ ބެލުމުގެދަށަށް ނެގި ތަކެތި ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުން ރަނގަޅުކަމަށް ޝަރީއަތަށް ބުރަވެވޭތީއާއި، އެއީ ގާނޫނާ ހިލާފަށް ހިފަހައްޓާފައިވާ ފައިސާ ކަމަށް ނުބެލެވޭތީ، އިސްހާގު ހުސައިން އެދިފައިވާގޮތަށް ދޫކޮށްލެވެން އޮތް ފައިސާއެއް ނޫންކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ނިންމައިފައެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނީ އުސޫލުތަކާ އެއްގޮތް ނޫން ކަމަށް ބުނެ އިސްހާގު ހުސައިންގެ ފަރާތުން ވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މައްސަލައިގައި ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ އަމިއްލަ ތަނެއް ބަލާ ފާސްކުރުމުގެ ތެރޭގައި ހޯދާފައިވާ އެއްޗެއް ހަމައެކަނި ބޭނުންކުރެވޭނީ އެ އެއްޗެއް ޖިނާއީ ކުށެއްގެ ތަހުގީގުގައި ބޭނުން ކުރުމަށް ނުވަތަ ޖިނާއީ ކުށެއްގެ ޝަރީއަތުގައި އެ އެއްޗެއް ހެއްކެއްގެ ގޮތުގައި ބޭނުން ކުރުމަށް އެކަނި ކަމަށް އެއްޗެސް ގަޒިއްޔާއެއްގައި ވެސް އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ކަނޑައަޅާފައެއް ނުވާކަމަށެވެ.

އަދި އެ ދެ ހާލަތު ނެތް ނަމަވެސް ބަލާ ފާސް ކުރުމުގެ ތެރޭގައި
ފުލުހުންގެ ދަށަށް ގެންދާ އެއްޗަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ މުދަލެއް ކަމުގައި ބެލުމުގެ އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެ އެއްޗެއްގެ ހަގީގީ ވެރިފަރާތް ހޯދުމަށްޓަކައި އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުން އެނގޭ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން މައްސަލައިގައި ހިމެނޭ ނުވަ ލައްކަ ރުފިޔާއަކީ މަސައްކަތް ކޮށްގެން ހޯދި ފައިސާކަމަށް އިސްހާގު ހުސައިން ބުނި ނަމަވެސް އެކަން ސާބިތުކޮށްދީފައި ނުވާކަމާއި، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް، އިސްހާގު ހުސައިން އެހީވި ކަމަށް އަދީބު ބުނެފައިވާކަން ވެސް ހައިކޯޓުން ފާހަގަކުރިއެވެ.

އަދި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ފައިސާ ލޯންޑަކުރުމަށް އިސްހާގު ހުސައިން އަމަލީ ގޮތުން އުޅުނުކަން އިސްހާގު ހުސައިންގެ ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނުން އެނގެން އޮތްކަން ވެސް ހައިކޯޓުން ފާހަގަކުރިއެވެ.

ކޯޓުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ލިބިފައިވާ ހެއްކައި ގަރީނާއަށް ބަލާއިރު އެ ފައިސާއަކީ އިސްހާގު ހުސައިން އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑަރ ކުރުމުގެ ތެރެއިން ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމުގައި ބުރަވެވޭ ކަމަށް ހައިކޯޓުން ބުންޏެވެ.

އެހެންކަމުން އެ ފައިސާ އިސްހާގު ހުސައިންއާ ހަވާލުނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިފައި ހުރި ހުރުމަކީ ގާނޫނީ ގޮތުން ޖާއިޒު ސަބަބެއް ކަމުގައި ބަލައި، އެއީ ގާނޫނާއި ހިލާފަށް ހިފަހައްޓާފައިވާ ފައިސާއެއް ކަމަށް ނުބެލެވޭކަމަށް ކަނޑައެޅުމާއެކު، އިސްހާގު ހުސައިން އެދިފައިވާ ގޮތަށް އެ ފައިސާއަކީ ދޫކޮށްލެވެން އޮތް ފައިސާއެއް ނޫން ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ކަމަށް ނުފެންނަ ކަމަށް ހައިކޯޓުން ވަނީ ނިންމައިފައެވެ.

އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް