އެންމެ ފުރަތަމަ ވެކްސިން ދޭނީ ނާސިން ހޯމްތަކުގެ މީހުންނަށް: ފްރާންސް

ކޮރޯނާއަށް ވެކްސިނެއް ލިބުނުހާ އަވަހަކަށް އެންމެ ފުރަތަމަ އެ ވެކްސިން ނާސިން ހޯމްތަކުގައި އުޅޭ މީހުންނާއި އެތަނުގެ ސްޓާފުންްނަށް ދޭން ލަފާދީފައިވާކަމަށް ފްރާންސްގެ ހެލްތު ބޯޑުން ބުނެފި އެވެ.

ފްރާންސްގެ ނާސިން ހޯމަތަކުގައި 840،000 އެއްހާ މީހުން އުޅޭއިރު ދެވަނަ ފޭސްގެ ދަށުން ވެކްސިން ދޭން ލަފާ ދިނީ އުމުރުން 65 އަަހަރުން މަތީގެ މީހުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާމީހުންނަށް ކަމަށް އެބޯޑުން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ހަކުރު ބައްޔާއި އެހެނިހެން ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ވެކްސިން ދޭނެކަމަށްވެސް ބުނެފައިވެ އެވެ.

ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން ދާދި ފަހުން ވިދާޅުވީ ވެކްސިނަކަށް ހުއްދަ ދިންހާ އަވަހަކަށް އަންނަ އަހަރު ފެށޭއިރަށް ވެކްސިން ދޭން ފަށާނެ ކަަމަށެވެެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިހާރުވެސް ވަނީ ކޮރޯނާގެ ވެކްސިން ސަޕްލައިކުރުމަށް ޖޯންސަން އެންޑް ޖޯންސަން، މޮޑާނާ، ފައިޒާ އަދި އެސްޓްރެޒެނިކާ ފަދަ ކުންފުނިތަކާ ޑީލްތައް ހަދައިފައެވެ. އަދި ފްރާންސުންވެސް މިހާރު ދަނީ 295 މިލިއަން ވެކްސިން ޑޯޒް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. --ރޮއިޓާސް--

comment ކޮމެންޓް