މޮޑާނާ ވެކްސިން: ސީރިއަސް ކޮވިޑްގެ ކޭސްތައް 100 ޕަސެންޓް ދުރުކޮށްދޭ

ކޮވިޑާ ދެކޮޅަށް މޮޑާނާއިން އުފެއްދި ވެކްސިންއާއެކު ކޮވިޑް ސީރިއަސް ކޭސްތައް 100 ޕަސެންޓް ދުރުކޮށްދޭކަމަށް ބުނެފިއެވެ.

އެ ވެކްސިން އިމެޖެންސީ ހާލަތުގައި ބޭނުންކުރުމަށް މިހާރު ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ޔޫރަޕިއަން މެޑިކަލް އޭޖެންސީގެ ހުއްދައަށްވެސް އެދިފައެވެ.

މޮޑާނާއިން އެންމެ ފަހުން ކުރިއަށް ގެންދިޔަ ކްލިނިކަލް ޓްރަޔަލްތަކުން ދައްކާގޮތުގައި އެ ވެކްސިން 94 ޕަސެންޓް ކާމިޔާބެވެ. އަދި އެ ވެކްސިން ހުރިހާ އުމުރު ފުރަޔަކާއި ހުރިހާ ނަސްލެއްގެ މީހުންނަށްވެސް ކާމިޔާބުކަމަށް ދައްކާފައިވާ ކަމަށް މޮޑާނާއިން ބުނެއެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި މޮޑާނާގެ ވެކްސިނާއެކު މި ބަލިމަޑުކަމަށް ބޮޑު ބަދަލެއް އަންނާނެ. އަދި މަރުވާ މީހުންނާއި ސީރިއަސް ވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތައް ދައްވެގެންދާނެ" މޮޑާނާގެ ސީއީއޯ ސްޓެފަން ބަންސެލް ވިދާޅުވިއެވެ.

އެ ވެކްސިންގެ ސައިޑް އިފެކްޓެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ވެކްސިން ޖެހި ތަނުގައި ތަދުވުމާއި ބޮލުގައި ރިހުމާއި ވަރުބަލިވުމެވެެ.

މޮޑާނާއިން ބުނީ އެ ވެކްސިނާމެދު އަންނަ މަހު 17 ގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ގޮތެއް ނިންމަން ބައްދަލުވުމެއް ބާއްވާނެކަން އަންގައިފައިވާ ކަަމަށެވެ.

މޮޑާނާއިން ބުނީ އަންނަަ އަހަރު 500 މިލިއަނާއި އެއް ބިލިއަން ވެކްސިން ޑޯޒް އުފެއްދުމަށް އަންނަ އަހަރު ތައްޔާރުވަމުންދާ ކަމަށެވެ.-- ފޯބްސް

comment ކޮމެންޓް