ކޮވިޑް-19 އާ ދެކޮޅަށް ރަޝިއާއިން އިޖާދުކުރި ވެކްސިންގެ ޑޯޒުތައް އިންޑިއާގައި އުފައްދައި ބާޒާރަށް ނެރެނީ

އިންޑިއާގެ ހައިދަރު އާބާދުގައި ހުންނަ "ހެޓެރޯ ބައޯފާމް ލިމިޓެޑް" ގެ އިމާރާތް

މޮސްކޯ (ނޮވެމްބަރު 30) : ރަޝިޔާއިން ކޮވިޑް-19 އާ ދެކޮޅަށް އިޖާދުކުރި ވެކްސިން "ސްޕޮޓްނިކް V" ގެ 100 މިލިޔަން ޑޯޒު އަންޑާ ލައިސަންސްގެ ދަށުން އުފެއްދުމުގެ ހުއްދަ އިންޑިއާ އަށް ދޭން ނިންމާފައިވާ ކަމަށް ރަޝިއާ އިން ބުނެފިއެވެ.

މިވެކްސިން ފަންޑުކުރާ ރަޝިއާގެ އިދާރާ ކަމަށްވާ ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑް (އާރްޑީއައިއެފް) އިން ބުނީ އިންޑިއާގައި ބޭސް އުފައްދާ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ "ހެޓެރޯ ބައޯފާމް ލިމިޓެޑް" އިން "ސްޕޮޓްނިކް V" އުފައްދައި ވިއްކަމުން ގެންދިޔުމުގެ ހުއްދަ އެކުންފުންޏަށް ދިނުމަށް ނިންމާފައިވާ ކަމަށާ އެކުންފުނިން މީގެ 100 މިލިޔަން ޑޯޒު އުފެއްދުމަށް ދެފަރާތުން އެއްބަސްވެފައިވާކަމަށް އާރްޑީއައިއެފް އިން ނެރުނު ބަޔާނެއް ބުނެއެވެ.

ރަޝިއާގެ އާރްޑީއައިއެފް އާއި އިންޑިއާގެ ހެޓެރޯ ބައޯފާމް ލިމިޓެޑް އެއްބަސްވެފައިވަނީ 2021 ވަނަ އަހަރު ފެށުމާއެކު ވެކްސިންގެ ޑޯޒުތައް އުފައްދަން ފެށުމަށް ކަމަށާ މިކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަމަށްވެސް އާރްޑީއައިއެފް އިން ބުނެއެވެ.

"ސްޕޮޓްނިކް V" ވެކްސިން އީޖާދުކުރީ "ރަޝިއާގައި ބޭސް އުފެއްދުމުގެ ޓެކްނޮލޮޖީގައި އެންމެ މަޝްހޫރު މަރުކަޒު ކަމަށްވާ "ނިކޮލައި ގަމާލެޔާ ނެޝަނަލް ރިސާޗް ސެންޓަ ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީ" އިންނެވެ. މިއީ އެޕިޑެމިއޮލޮޖީ އާއި މައިކްރޯބަޔޮލޮޖީގެ ރިސާޗްތައް ކުރުމަށް ޓަކައި 1920 ވަނަ އަހަރު ގާއިމްކޮށްފައިވާ ވަރަށް ތަޖްރިބާކާރު މަރުކަޒެކެވެ.

ޑރ. ރެޑީސް ލެބޯޓްރީސް ލިމިޓެޑް

ދުނިޔޭގެ ގައުމުތަކުން ކޮވިޑް- 19 އަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ތަޖުރިބާގެ އެއްވަނަ މަރުހަލާއާއި ދެވަނަ މަރުހަލާ ކަޑައްތުކޮށް ރަޖިސްޓްރީކުރި އެންމެ ފުރަތަމަ ވެކްސިންއަކީ "ސްޕޮޓްނިކް V" ވެކްސިންއެވެ. އެއަށްފަހު ތިންވަނަ މަރުހަލާގެ ތަޖްރިބާވެސް "ސްޕޮޓްނިކް V" މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ތިންވަނަ މަރުހަލާގެ ތަޖުރިބާތަށް ދައްކާގޮތުން "ސްޕޮޓްނިކް V" އަކީ ކޮވިޑް-19 ގެ ވައިރަސް އާ ދެކޮޅަށް އިންސާނުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެއްދުމުގެ ގާބިލްކަން %91 އަށް ލިބިފައިވާ ވެކްސިންއެކެވެ.

މިވެކްސިން މީގެކުރިން ޖަހާފައިވަނީ މައިގަނޑު ގޮތެއްގައި ރަޝިއާގެ ސިއްހަތާބެހޭ ފަރާތްތަކަށާއި އާންމުންގެ ތެރެއިން ބައެއް މީހުންނަށެވެ. މި ވެކްސިން ޖެހި އެއްވެސް މީހަކަށް މިހާތަނަށް ކޮވިޑް ޖެހިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. "ސްޕޮޓްނިކް V" ގައި ދެ ޑޯޒު ހިމެނޭ ކަމާއި ދެ ޑޯޒެއްގެ އަގަކީ އެމެރިކާ ގެ 20 ޑޮލަރު ކަމަށް ރަޝިއާ ބުނެއެވެ. އަދި އަންނަ ޖަނަވަރީގައި މިވެކްސިން ދުނިޔެގެ ބާޒާރުން ލިބެން ފަށާނެކަންވެސް ރަޝިއާ އިން ވަނީ މިދޔަ ހަފްތާގައި އިއުލާނު ކޮށްފައެވެ.

މިވެކްސިންއަށް ފަންޑުކުރަނީ އަދި އަންޑާ ލައިސަންސްގެ ދަށުން އެހެންގައުމުތަކުގައި އުފެއްދުމުގެ ކަންތައް މެނޭޖް ކުރަނީވެސް "ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑް (އާރްޑީއައިއެފް) އިންނެވެ. އާރްޑީއައިއެފް އަކީ ރަޝިއާ ސަރުކާރުގެ ސޮވެރިން ފަންޑެކެވެ.

އިންޑިއާގެ ހައިދަރު އާބާދުގައި މަރުކަޒު ހުންނަ "ހެޓެރޯ ބައޯފާމް ލިމިޓެޑް" އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން "ސްޕޮޓްނިކް V" ޑޯޒުތައް އަންނަ ޖަނަވަރީގައި އެ މަރުކަޒުގެ ލެބޯޓްރީތަކުން އުފައްދައި ބާޒާރަށް ނެރެން ފަށާނެއެވެ. އިންޑިއާގެ "ހެޓްރޯ ބައޯފާމް ލިމިޓެޑް" އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މަރުކަޒުން އަހަރެއްގެ މައްޗަށް "ސްޕޮޓްނިކް V" ގެ 100 މިލިއަން ޑޯޒު އުފައްދާނެކަމަށްވެސް ރަޝިއާއިން ބުނެއެވެ.

މިކަމަށްޓަކައި އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތަށް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ. އިންޑިއާގެ ހެޓްރޯ ބައޯފާމް ލިމިޓެޑުންވަނީ ރަޝިއާގެ "ސްޕޮޓްނިކް V" ގެ ޑޯޒުތައް އިންޑިއާގައި އުފައްދައި މާކެޓަށް ނެރުމަށް ބާރު ދުވެއްޔެއްގައ ގިނަ މަސައްކަތްތަކެއް ި ކުރަމުން ގެންދާކަމަށް ބުނެފައެވެ. މިވެކްސިން އަށް އިންޑިއާ އިން ކުރަންޖެހޭ ޓެސްޓްތައް ކުރާނީ ޑރ. ރެޑީސް ލެބޯޓްރީސް ގައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް