ފެނަކައަށް ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު، ރައީސް ސޯލިހުގެ އަރިހުގައި --- ފޮޓޯ: ފެނަކަ

ފެކަނަ ކޯޕަރޭޝަނަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނުން ބުނެފިއެވެ.

ފެނަކަ އިން ބުނީ މިއީ އެ ކުންފުނީގެ ތާރީހުގައިވެސް މާލީގޮތުން ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނަކައިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެ އަހަރު ތެރޭ ކުންފުންޏަށް ލިބޭ ފައިދާ އިތުރު ކުރެވުމަކީ ހިންގުމުގެ ނިޒާމަށް ގެނައި ބަދަލުގެ ހަރުދަނާކަން ފެންނަ ކަމެއް ކަމަށްވެސް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ބުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 އިން ފެށިގެން މިހާތަނަސް އެ ކުންފުނިން 49 އާ އިންޖީނުގޭގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި 20 އިންޖީނުގޭގެ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށާއި ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށް، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވިފައިވާ ކަމަށްވެސް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ބުނީ އެ ކުންފުނިން ދެމިއޮންނާނީ ރައްޔިތުންނަށް ދޭ ހިދުމަތް ފުރިހަމަކޮށް، ހަރުދަނާ ކަމާއެކު ހިދުމަތްދިނުމުގައި ކަމަށެވެ.

comment ކޮމެންޓް