އޯއައިސީގެ ބައްދަލުުވުމަށްފަހު ޝާހިދު އެނބުރި ރާއްޖެ ވަޑައިގެންފި

އޯއައިސީގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިޖާ ގެ ވެރިރަށް ނިއާމޭއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފި އެވެ.

މި ބައްދަލުވުމުގައި އިސްލާމީ އުންމަތަށް ދިމާވެފައިވާ ބައެއް މައްސަލަތަކާ ގުޅޭ ގަރާރުތަކާއި ނިންމުންތައް ފާސްކޮށް، ކުރިން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކުރެވެމުންދާ ގޮތާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އޯއައިސީގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޗާޑްގެ ކުރީގެ ހާރިޖީ ވަޒީރު ހުސެއިން އިބްރާހިމް ތާހާ ވަނީ އިންތިހާބުކޮށްފައެވެ. އެމަނިކުފާނު މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު، މިހާރުގެ ސެކްރެޓަރީ ޖެނެރަލް ޑރ އުތައިމީންގެ ދައުރު ހަމަވުމުންނެވެ.

ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީރޮހިންޔާ މުސްލިމުންނާއި، ފަލަސްތީނުގެ މުސްލިމުންނަށް ދިމާވެފައިވާ ޙާލަތުގެ އިތުރުން، ހުޅަނގު ސަހާރާގައި ހިނގަމުންދާ ކަންކަމާއި އަދި ޓެރަރިޒަމްގެ އަމަލުތަކާ އިސްލާމް ދީނާއި ދެކޮޅަށް ހިންގޭ އަމަލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.

މިނިސްޓަރު ޝާހިދު ވަނީ މި ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ސައުދީ އަރަބިއާ، ތުރުކީ، ޕާކިސްތާން، މޮރިޓޭނިއާ، ސެނެގާލް އަދި ދަ ގެމްބިއާގެ ހާރިޖީ ވަޒީރުންނާއި މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން ޔޫއޭއީ، އިންޑޮނީޝިއާ، ޔޫގެންޑާ، މޮޒަމްބީކް އަދި މޮރޮކޯއިން މި ބައްދަލުވުމަށް ވަޑައިގެންނެވި ވަފުދުތަކުގެ އިސްވެރިންނާވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރިޔާޒްގައި ޓްރާންސިޓް ކުރެއްވިއިރު ސަޢޫދީ އަރަބިއްޔާގެ އިސް ބައެއް ބޭފުޅުންނާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން ސައުދީގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢޫދު އާއި ސަޢޫދީގެ ޓޫރިޒަމް މިނިސްޓަރު އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗެއާމަން އަހުމަދު އާގިލް އަލް-ހަތީބާއި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޑރ. މުހައްމަދު އަލްއީސާ އާ މިނިސްޓަރު ވަނީ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލު ކުރެއްވުންތަކުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި، އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ އަދި ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ބެހޭ މައުލޫމާތު ސައޫދީ ސަރުކާރަށް މިނިސްޓަރު ޝާހިދު އެރުވިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތީ ރާއްޖެއިން ސައުދީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯއައިސީ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މުޙައްމަދު ހަލީލާއި އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އަހުމަދު ސަލްމާން ޒަކީއެވެ.

މުސްލިމް އާބާދީ ބޮޑު 57 ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީގެ މެމްބަރު ގައުމަކަށް ރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.

comment ކޮމެންޓް