މެލޭޝިއާއިން އާއްމު އިންތިހާބު ބާއްވާނީ ބަލިމަޑުކަމުން އަރައިގަނެވުމުން: ބޮޑުވަޒީރު

މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ވިދާޅުވި ގޮތުގައި އާއްމު އިންތިހާބެއް ބާއްވާނީ ކޮވިޑު ބަލިމަޑުކަން ނިމުމަކަށް އައުމުން -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (ނޮވެމްބަރު 30): މެލޭޝިއާގައި އާއްމު އިންތިހާބެއް ބާއްވާނީ ކޮރޯނާވައިރަސް ބަލިމަޑުކަން ނިމުމަކަށް އައުމުން ކަމަށް އެގައުމުގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވިދާޅުވެއްޖެ އެވެ.

މުހިއްޔުއްދީންގެ މެލޭޝިއަން ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ޕީޕީބީއެމް)އިން އޮންލައިންކޮށް ބޭއްވި އާއްމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބަލިމަޑުކަމުން އަރައިގަނެވުމުން، ރައްޔިތުންނަށް އެމީހުން ބޭނުންވާ ސަރުކާރެެއް އިންތިހާބު ކުރުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

"ކޮވިޑް-19 ނިމުމަކަށް އައުމުން އަޅުގަނޑުމެން އާއްމު އިންތިހާބެއް ބާއްވާނަން. އަދި ރައްޔިތުންނަށް މެންޑޭޓު އަނބުރާ ދީ، އެމީހުން ބޭނުންވާ ސަރުކާރެއް ހޮވުމަށް ފުރުސަތު ދޭނަން،" މުހިއްޔުއްދީން ވިދާޅުވި އެވެ.

މުހިއްޔުއްދީން އެފަދައިން ވިދާޅުވީ މެލޭޝިއާގެ އަންނަ އަހަރުގެ ބަޖެޓު މިދިޔަ ބުރާސްފަތި ދުވަހު ޕާލިމެންޓުން ފާސް ކުރި ފަހުންނެވެ. އެ 79 ބިލިއަން ޑޮލަރުގެ ބަޖެޓަކީ އެގައުމުން މިހާތަނަށް ފާސް ކުރި އެންމެ ބޮޑު ބަޖެޓެވެ.

އެ ބަޖެޓުގެ ވޯޓު ބެލެވިފައި އޮތީ މުހިއްޔުއްދީންއަށް ޕާލިމެންޓުގެ އިތުބާރު އޮތް މިންވަރު ބެލުމަށް ނެގޭ ޓެސްޓެއްގެ ގޮތުގަ އެވެ. އަދި އެ ބަޖެޓު ފާސް ނުކުރި ނަމަ އޭނާއަށް އިތުބާރު ނެތް ކަމަށް ބެލެވި، އާއްމު އިންތިހާބަކަށް މަގުފަހިވުމުގެ ފުރުސަތު އޮތެވެ.

މެލޭޝިއާގެ ޕާލިމެންޓުން އެންމެ ދެ ގޮނޑީގެ ތަފާތަކުން މިދިޔަ މާޗް މަހު ވެރިކަމަށް ވަޑައިގެންނެވި މުހިއްޔުއްދީންއަށް މެމްބަރުންގެ އަގުލަބިއްޔަތު ގެއްލިފައިވާ ކަމަށާއި ގިނަ މެމްބަރުން ތާއިދު ކުރަނީ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމްއަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

މުހިއްޔުއްދީންގެ ވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި އިދިކޮޅުގެ ފިއްތުންތަކުގެ އިތުރުން ގައުމުގައި ކޮރޯނާވައިރަސް ކޮންޓްރޯލް ނުކުރެވި، ފެތުރެމުން ދިޔުން ހިމެނެ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އެގައުމުގައި ކޮވިޑް ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ ހަތަރު ގުނަ އިތުރުވެފަ އެވެ. އަދި ބަލީގެ ކޭސްތައް 64،000 ހުރަސްކޮށް، 357 މީހަކު ވަނީ މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް