ކޮންޑޯ އިން އަންނަ މަހު ރާއްޖެއަށް ދަތުރު ފަށަނީ

ކޮންޑޯގެ ބޯޓެއް ވީއައިއޭގައި -- ފޮޓޯ: އެމްއޭސީއެލް / ޓްވިޓާ

ޖަރުމަނުގެ އެންމެ މަގުބޫލު ލެޝާ އެއާލައިން، ކޮންޑޯ އިން އަންނަ މަހުގެ 18 އިން ފެށިގެން ރާއްޖެއަށް ދަތުރު ފަށަން ތައްޔާރުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން އެ އެއާލައިން އިން ރާއްޖެއަށް ދަތުރު ކުރިއެވެ. އަލުން ރާއްޖެ އަށް ދަތުރު ފަށާއިރު ޖަރުމަނުގެ ފްރޭންކްފާޓް އާއި މާލެ އާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެއެވެ.

ކޮންމެ ހަފްތާއެއްގެ ހޮނިހިރު އަދި ހޯމަ ދުވަހަކު ރާއްޖެ އަށް ކޮންޑޯ އިން ދަތުރު ކުރާނެއެވެ.

ޖަރުމަންގެ ލުފްތަންސާ އެއާލައިން އިންވެސް ރާއްޖެ އާއި ޖަރުމަނާ ދެމެދު ހަފްތއަކު ދެ ފްލައިޓު ދަނީ ބާއްވަމުންނެވެ. އެގޮތުން މާލެެ އާއި ފްރޭންކްފާޓް އާއި ދެމެދު ކޮންމެ ހަފްތާއެއްގެ ބުދަ އަދި އާދިއްތަ ދުވަހު ދަތުރު ބާއްވައެވެ.

ޖަރުމަނަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިއްމު މާކެޓަކަށް ވާއިރު ޖުލައި15 އިން މި ނޮވެމްބަރު މަހުގެ 25 ގެ ނިޔަލަށް ޖަރުމަނުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3,523 އަށް އަރައެވެ.

މި އަހަރުގެ މިހާތަނަށް 450،411 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިފަހުން މިމަހުގެ 25 ގެނިޔަލަށް 67,564 ފަތުރުވެރިން އައިސްފައިވެއެވެ.

comment ކޮމެންޓް