އަޒުރް އެއާގެ ފުރަތަމަ ދަތުރުގައިވެސް 500 އަށްވުރެ ގިނަ ފަތުރުވެރިން

އަޒުރް އެއާގެ ދަތުރުތައް ފެށުން -- ފޮޓޯ: ވީއައިއޭ

ރަޝިއާގެ އަޒުރް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިއްޔެ ފެށިއިރު، ފުރަތަމަ ދަތުރުގައިވެސް 500 އަށް ވުރެގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ރަޝިއާގެ އެންމެ ބޮޑު އެއް އެއާލައިން އިން ރާއްޖެއަށް އަލުން ދަތުރު ފަށާފައި މިވަނީ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން ރަޝިއާ ސަރަހައްދުން އަންނަ ފަތުރުވެރިން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އިއްޔެެ އަޒުރް އެއާގެ ފްލައިޓުން 500 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު މިއީ ބޯޑަރު ހުޅުވާލިފަހުން އެއް ފްލައިޓެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ފަހަރެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 67،564 ފަތުރުވެރިން ރާއްޖެއައިސްފައިވާއިރު އޭގެ ތެރޭގައި ރަޝިއާގެ 14,855 ފަތުރުވެރިން ހިމެނެއެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް ރަޝިއާ އިންނެވެ.

ރަޝިއާގެ އޭރޯފްލޯޓުން ރާއްޖެއަށް ކުރާ ދަތުރުތައް ވެސް އިތުރުކޮށްފައިވާއިރު އެގައުމުގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފަށަން ވަނީ ނިންމައިފައެވެ. އެގޮތުން ރޮސިއާ އެއާލައިން އާއި ނޯޑްވިންޑުން ރާއްޖެއަށް ދަތުރުތައް ބާއްވަން ނިންމާފައިވާއިރު ރަޝިއާ ސަރަހައްދުގެ އިތުރު ގައުމުތައް ކަމަށްވާ ކަޒަކިސްތާން އަދި ޔޫކްރެއިންގެ އެއާލައިންތަކުންވެސް ރާއްޖެއަށް ދަތުރު ފަށަން ވަނީ ތައްޔާރުވެފައެވެ.

comment ކޮމެންޓް