އެމެރިކާގެ އާ ގަވާއިދަކާ ގުޅިގެން ކެނެޑާއިން ބައެއް ބޭސް ބޭރުކުން ހުއްޓާލައިފި

އެމެރިކާއިން ކެނެޑާގެ ބޭސް އިމްޕޯޓު ކުރަން

އޮޓަވާ (ނޮވެމްބަރު 29): އެމެރިކާއިން މާދަމާ އަމަލު ކުރަން ފަށާ އާ ގަވާއިދަކާ ގުޅިގެން ކެނެޑާއިން ބައެއް ބޭސްތައް އެކްސްޕޯޓު ކުރުން ހުއްޓާލައިފި އެވެ.

އެމެރިކާގެ 'އިމްޕޮޓޭޝަން އޮފް ޕްރެސްކްރިޕްޝަން ޑްރަގްސް' ގަވާއިދަކީ އެގައުމުގައި ބޭހުގެ އަގު ހެޔޮ ކުރުމަށްޓަކައި ކެނެޑާއިން ބޭސް އެތެރެ ކުރަން ހުއްދަދޭ ގަވާއިދެކެވެ. ނަމަވެސް ކެނެޑާއަށް ބޭސް ސަޕްލައިކޮށްދޭ ފަރާތްތަކުން ވަނީ އޭގެ ސަބަބުން އެގައުމުގައި ބޭސް ލިބުން ދަތިވެދާނެ ކަމަށް ބުނެފަ އެވެ.

އެހެންކަމުން ކެނެޑާގެ ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ "އެގައުމުގައި ބޭސް ލިބުމުގެ ދަތިކަމަކަށް މަގުފަހިވެދާނެ ކަމަށް ބެލެވޭ ބޭހެއް ގައުމުން ބޭރު ކުރުން" މަނާ ކަމަށް ބުނެފަ އެވެ. އަދި ހެލްތު މިނިސްޓަރު ޕެޓީ ހައިޑޫ ވިދާޅުވި ގޮތުގައި އެގައުމުން އެ ފިޔަވަޅު އަޅަނީ ކެނެޑާގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކަ އެވެ.

"އަޅުގަނޑުމެންގެ ސިއްހީ ނިޒާމަކީ އަޅުގަނޑުމެންގެ ގައުމީ އައިޑެންޓިޓީގެ ރަމްޒެއް އަދި އަޅުގަނޑުމެން [އެ ނިޒާމު] ދިފާއު ކުރާނަން. އަޅުގަނޑުމެން މިއަދު އެޅި ފިޔަވަޅުތަކުގެ ސަބަބުން ކެނެޑާގެ ރައްޔިތުންނަށް ބޭނުންވާ ބޭސްތައް އެމީހުންނަށް ލިބެމުންދާނެކަން ޔަގީން ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކެނެޑާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެގައުމުންވެސް އެގައުމަށް ބޭނުންވާ ބޭހުގެ 68 ޕަސެންޓު ބޭސް އިމްޕޯޓު ކުރަނީ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު އިއުލާން ކުރެއްވި އިމްޕޮޓޭޝަން އޮފް ޕްރެސްކްރިޕްޝަން ޑްރަގްސް ގަވާއިދުގައި ވަނީ ބޭސް އެތެރެ ކުރަން އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންސް (އެފްޑީއޭ)އަށް ހުށަހެޅުމަށް ފާމަސިސްޓުންނާއި ހޯލްސޭލް ކުރާ ފަރާތްތަކަށް ހުއްދަ ދީފަ އެވެ. އަދި އެގައުމުގެ ބައެއް ސްޓޭޓުތަކުން ވަނީ ކެނެޑާއިން ބޭސް އެތެރެ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ފްލޮރިޑާ އާއި ވާމަންޓް ހިމެނެ އެވެ.

ފްލޮރިޑާއިން ބުނި ގޮތުގައި އެ ސްޓޭޓުން އެތެރެ ކުރަން ހަމަޖެހިފައި ވަނީ ނޭވާހިއްލުމާއި ހަކުރު ބައްޔާއި އެޗްއައިވީ އެއިޑްސް ފަދަ ބަލިތައް ހުންނަ މީހުންނަށް ދޭ ބެސްތަކެވެ.

އެމެރިކާގައި އާއްމުކޮށް ބޭނުން ކުރާ ބޭސްތަކާއި އާ ބޭސްތަކުގެ އަގު ބޮޑުވުމުން، ބަލި މީހުން ތަމްސީލު ކޮށްދޭ ގުރޫޕުތަކާއި އިންޝޫރެންސް ކުންފުނިތަކުން ވަނީ ބޭސް އުފައްދާ ކުންފުނިތަކަށް ފާޑު ކިޔާފަ އެވެ.

comment ކޮމެންޓް