މަޖިލިސް ރައީސްއާ ސުވާލުކުރުމުގެ ދެވަނަ ފުރުސަތު ޑިސެމްބަރު 7 ގައި

އާސްކް ސްޕީކާގެ ފުރަތަމަ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކާ"ގެ ދެވަނަ ޕްރޮގްރާމް ޑިސެމްބަރު ހަތް ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެ ޕްރޮގްރާމް އޮންނާނީ އެދުވަހުގެ ރޭ 09:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯގައެވެ. އަދި ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ދުރަށް ދައްކާނެއެވެ.

އެ ޕްރޮގްރާމުގައި ސުވާލުތަކަށް މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި، މަޖިލީހުގެ ރައީސާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އަދި އެކި މީޑިއަމްތަކުން ސުވާލު ފޮނުވޭނެ ކަމަށާއި، އެގޮތުން ވީޑިއޯއެއްގެ ޒަރިއްޔާއިންވެސް ނުވަތަ ޓެކްސް މެސެޖުގެ ޒަރިއްޔާއިންވެސް ފޮނުވޭނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. ސުވާލު ފޮނުވަންޖެހޭނީ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަނުގެ ހޮޓެލައިން 7234566 އަށެވެ.

ފޯނު މެދުވެރިކޮށް ޕްރޮގްރާމުގައި ލައިވްކޮށް މަޖިލީހުގެ ރައީސާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އެގޮތުން އެ ފުރުސަތު ބޭނުންވާ ފަރާތްތަކުން އެ މީހެއްގެ ނަމާއި ސުވާލު، މަޖިލީހުގެ މީޑިއާ ސެކްޝަނުގެ ހޮޓްލައިނަށް ފޮނުވުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ.

ފޯނާއި ޓެކްސްޓް މެސެޖާއި ވީޑިއޯގެ އިތުުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް AskSpeaker# ހޭޝްޓެގް ޖަހާފައި ސުވާލު ފޮނުވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ސުވާލުތައް ފޮނުވުމުގެ ސުންގަޑިއަކީ 7 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރު 02:00 އެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމަކީ އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ބާއްވަވާ ފުރަތަމަ ޕްރޮގްރާމެވެ. ފުރަތަމަ ޕްރޮގްރާމް އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.

comment ކޮމެންޓް