ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ފެބްރުއަރީ 13، 2020: އެމްއެންޑީއެފުން ހިންގާ "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް" ގެ ފައިނަލް އެކްސްސައިޒްތައް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި ހަތް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އަމަލު ހުއްޓުވާފައިވާ ކަމަށް ފުލުހުން ވަނީ މިމަހުގެ 11ވަނަ ދުވަހު ބުނެފަ އެވެ.

މި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ހަ މީހެކެވެ. އަދި އިއްޔެ އިތުރު ދެމީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ކުރިން ހައްޔަރު ފަސް މީހުންގެ ބަންދަށް އިތުރު 15 ދުވަސް އަދި އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

ރާވަމުން ދިޔައީ ކޮން ކަހަލަ ޓެރަރިޒަމްގެ އަމަލެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ ހަމަލާއަކީ ކުޑަކުދިންގެ ހަވީރަކަށް ދޭން އުޅުނު ހަމަލާއެއް ކަމަށް ބުނެ ފެތުރި ވާހަކައެއް ފުލުހުން ވަނީ މީގެ ކުރިން ދޮގުކޮށްފަ އެވެ.

comment ކޮމެންޓް