ކޮވިޑާ ހެދި އިންޑިއާގެ އިގުތިސާދު ރިސެޝަންއަކަށް

އިންޑިއާގެ އިގުތިސާދު ވަނީ ރިސެޝަންއަކަށް ގޮސްފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ނޮވެމްބަރު 28): ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އިންޑިއާއަށް ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބި، ރިސެޝަނަކަށް ހިނގައްޖެ އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ސްޓެޓިސްޓިކްސްއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން މިދިޔަ ޖުލައި މަހާ ސެޕްޓެމްބަރު މަހާ ދޭތެރޭ އެގައުމުގެ ޖީޑީޕީ ވަނީ 7.5 ޕަސެންޓު ދަށްވެފަ އެވެ. އަދި އޭގެ ކުރީ ކުއާޓަަރުގައި ޖީޑީޕީ 23.9 ޕަސެންޓު ދަށްވި އެވެ. އެހެންކަމުން ޖެހިޖެހިގެން ދެ ކުއާޓަރުގައި އެގައުމުގެ އިގުތިސާދީ ކުރިއެރުން ދަށްވުމުން ގައުމު ވަނީ ރިސެޝަންއަކަށް ގޮސްފަ އެވެ.

އިންޑިއާގެ ސްޓެޓިސްޓިކްސް މިނިސްޓްރީން ބުނި ގޮތުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ބައެއް އިގުތިސާދީ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމާ ގުޅިގެން ގައުމުގެ އިގުތިސާދަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި މިހާރު އެ ފިޔަވަޅުތައް ލުއި ކުރި ނަމަވެސް އަދި ގެއްލުމުން އަރައި ނުގަނެވެ އެވެ.

"ކޮވިޑް ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް [ފުރަތަމަ ކުއާޓަރުގައި] ޒަރޫރީ ނޫން އިގުތިސާދީ ހަރަކާތްތައް ހުއްޓުމަކަށް ގެނައި. އެ ފިޔަވަޅުތައް ލުރި ކުރި ނަމަވެސް އޭގެ އަސަރު އިގުތިސާދީ ހަރަކާތްތަކަށް ކޮށްފައިވޭ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19އާ ގުޅިގެން އިންޑިއާއިން އެޅި ފިޔަވަޅުތައް ޖޫން މަހުން ފެށިގެން ދަނީ ލުއި ކުރަމުންނެވެ. އޭގެ ފަހުން އުފެއްދުންތެރިކަމުގައި ދާއިރާ ވަނީ 0.6 ޕަސެންޓު ކުރިއަރާފަ އެވެ. އެއާ އަޅާ ބަލާއިރު ފުރަތަމަ ކުއާޓަރުގައި އެ ދާއިރާގެ ކުރިއެރުން ވަނީ 39.3 ޕަސެންޓު ދަށްވެފަ އެވެ.

މީގެ އިތުރުން މީގެ ކުރިން ފުރަބަންދުގައި ތިބި އިންޑިއާގެ ރައްޔިތުން ސެޕްޓެމްބަރު މަހުން ފެށިގެން ހަރަދު ކުރި މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު އެގައުމުގައި ކާރު ފަދަ އުޅަނދުތަކުގެ ސޭލްސް ވަނީ 17 ޕަސެންޓު އިތުރުވެފަ އެވެ. ނަމަވެސް ފިހާރަތަކަށްދާ މީހުންގެ އަދަދު އިތުރުވުމުން ކޮވިޑު ފެތުރޭ މިންވަރުވެސް އިތުރުވުން އެކަށީގެންވެ އެވެ.

އިންޑިއާއަކީ މިހާރު ކޮރޯނާވައިރަސް ދެވަނައަށް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގޮތުން އެގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު 9.3 މިލިއަން ހުރަސްކޮށް، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 136،000އަށް ވުރެ އިތުރުވެފަ އެވެ.

ކޮވިޑް ފެތުރުމުގެ ކުރިންވެސް އިންޑިއާގެ އިގުތިސާދީ ދުވެލި ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުގެ އިގުތިސާދު ކުރިއަރާފައި ވަނީ 4.2 ޕަސެންޓަށެވެ. އެއީ ފާއިތުވި 10 އަހަރު ތެރޭ އެގައުމުގެ އިގުތިސާދީ ކުރިއެރުން އެހާވަރަށް ދަށްވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް