ކައުންސިލުން ހުއްދަ ދިންކަމަށް ބުނެ ތުލުސްދޫއަށް ބަޔަކު އަރައިފި

ކ. ތުލުސްދޫ

ކައުންސިލުގެ ރައީސް އަހްމަދު އަނީސް ހުއްދަދެއްވައިގެންކަމަށް ބުނެ ކ. ތުލުސްދޫއަށް މިއަދުގެ ވަގުތެއްގައި ބަޔަކު އަރައިފި އެވެ.

ތުލުސްދޫއިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި އެމީހުންނަކީ މާލެއިން އައި 20 ވަރަކަށް މީހުންނެވެ. އެމީހުން ތުލުސްދޫއަށް އެރީ ކައުންސިލު ރައީސްގެ ފަރާތުން ހުއްދަ ލިބިގެންކަމަށް އެމީހުން ބުނިކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މި ކަންތައް ހިނގައިދިޔައީ މިއަދުގެ ހެނދުނުގެ ވަގުތެއްގައިކަމަށް މައުލޫމާތު ދެއްވަމުން އެމީހާ ބުނީ ރަށަށް އައި މީހުންގެ ސަބަބުން ރަށު ތެރޭގައި ނުތަނަވަސްކަން އުފެދި ރަށުގެ ބައެއް ރައްޔިތުން ނުކުމެ ކައުންސިލު ރައީސްއަށް އެމީހުންގެ ހިތްހަމަނުޖެހުންވެސް ފާޅުކުރި އެވެ.

"އެހެންނެއް ނުއެއް އާދެވޭނެ ދޯ މި ހާލަތުގައެއް. އެމީހުން ބުނީ ކައުންސިލް ރައީސް ހުއްދަދީގެންނޯ އައީ. ދެން އެމީހުން އައިސް ތިބީ މިތާ ތުލުސްދޫއާ ގުޅިފައި އޮންނަ ފިނޮޅެއްގައި، އެއީދެން ރަށު ރައްޔިތުންވެސް ޕިކްނިކް ހަދަން ދާ ތަނެއް،"

"އެމީހުން ރަށު ތެރެއަށްވެސް އެރި. ފިހާރައަކަށްވެސް ވައިންކަމަށް ވަނީ." ތުލުސްދޫއިން 'ސަން' އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މިކަމާއި ގުޅިގެން ތުލުސްދޫ ކައުންސިލުގެ ރައީސް އަހްމަދު އަނީސް ވިދާޅުވީ އޭނާއަށް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރަށް ކައިރިއަށް މޫދަށް އެރެން އަންނަން ބަޔަކު ގުޅިކަމަށެވެ.

ކ. ތުލުސްދޫ ---- ފޮޓޯ/ އަގޯޑާ

"އެމީހުން ބުނީ މޫދަށް އެރޭށޭ. ދެން އަޅުގަނޑު ބުނިން މޫދަށް އެރުނަސް މައްސަލައެއް ނެތޭ. އެކަމަކު ރަށަކަށް ނޭރޭނެއޭ. ދެން އަޅުގަނޑު ފަހުން ހަދާނެއްވެސް ނެތް އެކަމެއް. ރަށު ތެރޭގައި މާ ބޮޑުކޮށް އެވާހަކަ ދެކެވެނީ. ކިޔާ އެމީހުން ހުކުރަށްވެސް ދިޔައޭ،"

"އެމީހުން އައިސް ތިބީ އެ ފިނޮޅުގައި އެކަމަކު ދެން އެމީހުން ރަށަށް އެރިކަމަށް ވަނީ. ދެން އެކަންތައް ރަށު މީހުންނަށް އެނގިގެން މައްސަލަ ޖައްސައިފައި އެމީހުން ކައިރީގައި ބުނީމަ އެމީހުން ފައިބައިގެން ދިޔަ މެންދުރުފަހުން. ހެނދުނުވީކަމެއް ކަމަށް ވަނީ." އަނީސް ވިދާޅުވި އެވެ.

އަނީސް ވިދާޅުވިގޮތުގައި އޭނާއަށް ސީދާ އެމީހުން ރަށަށް އެރިކަމެއް ޔަގީންކުރެވިފައެއް ނުވެ އެވެ. އެކަމަކު އެމީހުންނާއި ރަށު އެހެން ބަޔަކާއި ކޮންޓެކްޓް ނުވާކަމަށާއި އެމީހުން މެންދުރު ދޭއް ޖެހިއިރު ރަށުން ފުރައިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތާއިއެކު އަދިވެސް މާލެ ފުރަބަންދުގައި އޮތުމުގެ ސަބަބުން މާލެއިން ރަށްރަށަށް ކަރަންޓީނު ނުވެ ދަތުރުކުރުމަކީ މަނާކަމެކެވެ. ދަތުރުކުރާ ފަރާތްތަކުންް ސިއްހީ ސަބަބެއް ފަދަ ހާއްސަ ހާލަތްތަކެއްގައި ކަރަންޓީނާއި ނުލައި ދަތުރުކުރަން އެޗްޕީއޭއިން ހުއްދަ ދިންނަމަވެސް އާންމު ހާލަތުގައި ކުރާ ދަތުރުތަކުގައި 14 ދުވަހަށް ކަރަންޓީނު ވާން ޖެހެ އެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ފަރާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް